Roadha Mihaaru
ޓޮރީނޯ އަތުން މޮޅު ނުވިޔަސް އޭސީ މިލާން އެއްވަނައިގައި

ޓޮރީނޯ އަތުން މޮޅު ނުވިޔަސް އޭސީ މިލާން އެއްވަނައިގައި

11 އެޕްރީލް 2022

ޓިއުރިން (އޭޕްރީލް 11) - އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނުން ޓޮރީނޯ ބަލިކޮށް އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޓިއުރިން (އޭޕްރީލް 11) - އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނުން ޓޮރީނޯ ބަލިކޮށް އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ޓޮރީނޯއާ ދެކޮޅަށް ރަށުން ބޭޭރުގައި އޭސީ މިލާން ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މެޗުގައި ދެ ޓީމަށް ވެސް ގޯލާ އަމާޒުކޮށް މާ ގިނަ ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެ އެވެ. ފުރަތަމަ ހާފުގައި އޭސީ މިލާނުގެ ޑެވިޑޭ ކަލާބްރިއާ ފޮނުވާލި ހަމަލާ ޓޮރީނޯގެ ކީޕަރު ދިފާއުކުރިއިރު، ފަހު ހާފުގައި ސަންޑްރޯ ޓޯނާލީ ފޮނުވާލި ހަމަލާ ވެސް ދިފާއުކުރީ ގޯލްކީޕަރު އެތުރިޓް ބެރީޝާ އެވެ.

ފަހު ހާފުގައި ޓޮރީނޯގެ ފުލް ބެކް މާގިމް ވޮއިވޮޑާ ގޯލު މަތީ ކަނަށް ފޮނުވާލި ބާރު ހަމަލާ އޭސީ މިލާނުގެ ގޯލްކީޕަރު މައިކް މައިނަން ދިފާއު ކުރިއިރު، ކެޕްޓަން އަންޑްރޭ ބެލޮޓީ އަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާއަށް ހުރަސް އެޅީ ޑިފެންޑަރު ފިޔަޔޯ ޓޮމޯރީ އެވެ.

އެންމެ ފަހުން ލީގުގައި ބޮލޯނިއާ އަތުން ވެސް އޭސީ މިލާނަށް ލަނޑެއް ނުޖެހި ވީ އެއްވަރެވެ. މި ނަތީޖާއާ އެކު ވެސް އޭސީ މިލާން ލީގުގެ އެއްވަނައިގައި އޮތީ 32 މެޗުން 68 ޕޮއިންޓް ހޯދައިގެންނެވެ.

އިންޓަ ވަނީ މި ހަފްތާ ބަންދުގައި ވެރޯނާއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ހާފުގައި އިންޓަގެ ދެ ލަނޑު ޖަހައިދިނީ ނިކޯލޯ ބަރޭލާ އާއި އެޑިން ޒެކޯ އެވެ. މި މޮޅާ އެކު އިންޓަ ވަނީ އޭސީ މިލާނަށް ވުރެ އެއް މެޗު މަދުން ކުޅެގެން 66 ޕޮއިންޓް ހޯދައިގެން ލީގުގެ ދެވަނައަށް ޖެހިލައިފަ އެވެ.

ނަޕޯލީން އަލުން ދެވަނައަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލީ ރޭ އަމިއްލަ ދަނޑުގައި، ހަތްވަނައިގައި އޮތް ފިއޮރެންޓީނާ އަތުން 3-2 އިން ބަލިވެގެންނެވެ. ނަޕޯލީ ވަނީ 32 މެޗު ކުޅެގެން ދެވަނައިގައި އޮތް އިންޓަ މިލާނާ އެއްވަރަށް 66 ޕޮއިންޓް ހޯދައިފަ އެވެ.

ލީގުގެ ހަތަރުވަނައިގައި އޮތީ 32 މެޗުން 62 ޕޮއިންޓް ހޯދާފައިވާ ޔުވެންޓަސް އެވެ. ޔުވެންޓަސް ވަނީ މި ހަފްތާގައި ކަލިއަރީއާ ދެކޮޅަށް ކުޅުނު މެޗު، މެތިއަސް ޑި ލިޓް އާއި ފޯވާޑް ޑުސާން ވްލަހޮވިޗުގެ ލަނޑުތަކުން ފަހަތުން އަރައި 2-1 އިން ކާމިޔާބު ކޮށްފަ އެވެ.

ޔުވެންޓަސް އަށް ވުރެ ފަސް ޕޮއިންޓް ފަހަތުން، ލީގުގެ ފަސްވަނައިގައި އޮތް އޭއެސް ރޯމާ ވެސް ލީގުގެ ފުލުގައި އޮތް ސެލާނިޓަނާ އަތުން މޮޅުވީ ފަހަތުން އަރައި 2-1 އިންނެވެ. ފުރަތަމަ ހާފުގައި ސެލާނިޓަނާ އިން ލަނޑު ޖަހާފައި ވަނިކޮށް ރޯމާ އިން އެއްވަރުކުރީ 81 ވަނަ މިނިޓުގައި ކާލެސް ޕެރޭޒްގެ ލަނޑުންނެވެ. އަދި އެޓީމު މޮޅުވި ލަނޑު 85 ވަނަ މިނިޓުގައި ޖަހައިދިނީ ޑިފެންޑަރު ކްރިސް ސްމޯލިން އެވެ.