Roadha Mihaaru
ގެމްބިއާގެ ރައީސް ވިދާޅުވަނީ އޭނާ އަށް ބިރު ނުދެއްކޭނެ

ދުނިޔޭގެ އެއްވެސް ގައުމަކުން ބިރެއް ނުދެއްކޭނެ: ގެމްބިއާގެ ރައީސް

21 ޑިސެމްބަރ 2016

ބަންޖުލް (ޑިސެމްބަރު 21) - ދުނިޔޭގެ އެއްވެސް ބާރަކުން އޭނާ އަށް ބިރު ނުދެއްކޭނެ ކަމަށް ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލް ކުރަން ދެކޮޅު ހަދާފައިވާ ގެމްބިއާގެ ރައީސް ޔަހުޔާ ޖައްމާހު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަންޖުލް (ޑިސެމްބަރު 21) - ދުނިޔޭގެ އެއްވެސް ބާރަކުން އޭނާ އަށް ބިރު ނުދެއްކޭނެ ކަމަށް ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލް ކުރަން ދެކޮޅު ހަދާފައިވާ ގެމްބިއާގެ ރައީސް ޔަހުޔާ ޖައްމާހު ވިދާޅުވެއްޖެ އެވެ.

އެފްރިކަން ބާ އެސޯސިއޭޝަނުގައި ޔަހުޔާ ރޭ ދެއްވި 45 މިނިޓުގެ ތަގްރީރުގައި ވަނީ އޭނާ ބޭނުން ވަނީ އިންސާފު ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑަކީ ސުލްހަ އަށް ލޯބިކުރާ މީހެއް. އަޅުގަނޑަކީ ފިނޑި މީހެއް ނޫން. އޭގެ މާނައަކީ އަޅުގަނޑުގެ އަމިއްލަ ނަފްސާއި ގައުމު ދިފާއު ނުކުރުމެއް ނޫން. އެކަން ޖޯޝާ އެކު ކުރުމަށް ފަހު ކާމިޔާބު ހޯދާނަން،" ގެމްބިއާގައި 22 އަހަރު ވެރިކަން ކުރެއްވި ޔަހުޔާ ވިދާޅުވި އެވެ.

ގެމްބިއާގައި މި މަހު 1 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ޔަހުޔާ އަށް ނާކާމިޔާބުވުމާ ގުޅިގެން އެންމެ ފުރަތަމަ ބަލި ގަބޫލް ކުރުމަށް ފަހު ވަނީ އިދިކޮޅު ކެނޑިޑޭޓް އަދަމާ ބަރޯ މަރުހަބާ ވިދާޅުވެފަ އެވެ. ނަމަވެސް އެއް ހަފުތާ ފަހުން ވަނީ ޔަހުޔާގެ ހިޔާލު ބަދަލުވެ ނަތީޖާ ގަބޫލް ކުރަން ދެކޮޅު ހައްދައިފަ އެވެ. އަދި އިންތިހާބުގެ ނަތީޖާ ބާތިލްކޮށް އާ އިންތިހާބެއް ބާއްވައިދިނުމަށް އެދި ވަނީ ކޯޓަށް ވަޑައިގެންފަ އެވެ. މީގެ އިތުރުން ސިފައިން ފޮނުވައިގެން އިލެކްޝަން ކޮމިޝަން ވަނީ ހިސާރުކޮށްފަ އެވެ.

މި މައްސަލަ ހައްލު ކުރުމަށް ހުޅަނގު އެފްރިކާގެ ބައެއް ގައުމުތަކުގެ ވެރިން ގެމްބިއާ އަށް ވަޑައިގެން ރައީސް ޔަހުޔާއާ ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. އިންތިހާބުގެ ނަތީޖާ ގަބޫލް ކުރުމަށް ޔަހުޔާ އަށް ބާރު އެޅުމަށް ވަޑައިގެންނެވި ލީޑަރުންނަށް ޔަހުޔާ ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި ހުޅަނގު އެފްރިކާ އިން ވަނީ ސިޔާސީ ގޮތުން ކުރާ މަސައްކަތް ކާމިޔާބު ނުވެއްޖެ ނަމަ ބާރުގެ ބޭނުން ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ގެމްބިއާގެ އިދިކޮޅު ކޯލީޝަނުގެ ތަރުޖަމާނަކު ވިދާޅުވީ ޔަހުޔާ ބަލި ގަބޫލް ކުރުމަށް ފަހު މަގާމު ދޫކޮށްލައިފި ނަމަ އޭނާއާ ދެކޮޅަށް ދައުވާ ނުކުރާނެ ކަމަށެވެ.

"ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ބަރޯ ވަނީ ރައީސް ޔަހުޔާ މަގާމު ދޫކޮށްލައިފި ނަމަ ކުރީގެ ރައީސުންނަށް ދޭ ގަދަރު ޔަހުޔާ އަށް ދިނުމަށް ނިންމާފައި،" ތަރުޖަމާން ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރު އަދަމާ ބަރޯ ވަނީ 222،708 ވޯޓު (43.34 ޕަސެންޓް) ހޯއްދަވައިފަ އެވެ. ރައީސް ޔަހުޔާ އަށް ލިބިވަޑައިގެންނެވީ 208،487 ވޯޓު (39.60 ޕަސެންޓް) އެވެ.

ގެމްބިއާ އަށް 1965 ވަނަ އަހަރު އިނގިރޭސިންގެ ބާރުގެ ދަށުން މިނިވަންކަން ލިބުނު ފަހުން އޮމާންކަމާ އެކު އެއްވެސް ފަހަރަކު ވެރިކަން ބަދަލުވެފައެއް ނުވެ އެވެ.