Roadha Mihaaru
ގެމްބިއާ ސިފައިން އިލެކްޝަން ކޮމިޝަން ހިސާރުކޮށްފި

ގެމްބިއާ ސިފައިން އިލެކްޝަން ކޮމިޝަން ހިސާރުކޮށްފި

14 ޑިސެމްބަރ 2016

ބަންޖުލް (ޑިސެމްބަރު 14) - ގެމްބިއާގައި މި މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ރައީސް ޔަހުޔާ ޖައްމާހު ގަބޫލް ކުރައްވަން ދެކޮޅު ހައްދަވާފައިވާ އިރު އެ ގައުމުގެ ސިފައިން އިލެކްޝަން ކޮމިޝަނުގެ މައި އޮފީސް ހިސާރު ކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަންޖުލް (ޑިސެމްބަރު 14) - ގެމްބިއާގައި މި މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ރައީސް ޔަހުޔާ ޖައްމާހު ގަބޫލް ކުރައްވަން ދެކޮޅު ހައްދަވާފައިވާ އިރު އެ ގައުމުގެ ސިފައިން އިލެކްޝަން ކޮމިޝަނުގެ މައި އޮފީސް ހިސާރު ކޮށްފި އެވެ.

އިލެކްޝަން އޮފީހުގެ ޗެއާމަން އަލިއެއު މޮމަރު ނަޖައި ވިދާޅުވީ މުވައްޒަފުން އޮފީހަށް ވަނުން ވެސް މަނާކޮށްފައިވާ ކަމަށެވެ.

މި މަހު 1 ވަނަ ދުވަހު ބޭއްވި އިންތިޚާބުން ނާކާމިޔާބުވުމާ އެކު ރައީސް ޔަހުޔާ ފުރަތަމަ ވަނީ ބަލި ގަބޫލް ކުރައްވައިފަ އެވެ. ނަމަވެސް ގެމްބިއާގައި 22 އަހަރު ވެރިކަން ކުރެއްވި ރައީސް ފަހުން ވަނީ ޚިޔާލު ބަދަލުވެ ނަތީޖާ ބާތިލް ކުރުމަށް ކޯޓަށް ވަޑައިގަތުމަށް ނިންމަވައިފަ އެވެ.

އިންތިޚާބުގައި އިދިކޮޅު ލީޑަރު އަދަމާ ބަރޯ ވަނީ 222،708 ވޯޓު (43.34 ޕަސެންޓް) ހޯއްދަވައިފަ އެވެ. ރައީސް ޔަހުޔާ އަށް ލިބިވަޑައިގެންނެވީ 208،487 ވޯޓު (39.60 ޕަސެންޓް) އެވެ.

ގެމްބިއާގެ ރައީސް ޔަހުޔާ (ވ) އާއި އިދިކޮޅު ލީޑަރު ބަރޯ. --ފޮޓޯ:އޭއެފްޕީ

ގެމްބިއާގެ ރައީސް ޔަހުޔާ (ވ) އާއި އިދިކޮޅު ލީޑަރު ބަރޯ. --ފޮޓޯ:އޭއެފްޕީ

ރައީސް ޔަހުޔާގެ އެލަޔަންސް ފޯ ޕެޓްރިއޮޓިކް ރިއޮރިއެންޓޭޝަން އެންޑް ކޮންސްޓްރަކްޝަން ޕާޓީ އިއްޔެ ވަނީ އިންތިޚާބުގެ ނަތީޖާ ބާތިލް ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ޔަހުޔާ ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ބައެއް ނަތީޖާ ބަދަލުކޮށްފައިވާ ކަމަށާއި އެހެންވެ އިންތިޚާބުގެ ސައްހަކަން ގެއްލިފައިވާ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުގެ ޗެއާމަން ނަޖައި ވަނީ ނަތީޖާ ދިފާއު ކުރައްވާ ވާހަކަ ދައްކައިފަ އެވެ. އޭނާ ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ރަނގަޅު ކަމަށާއި އެއްވެސް ކަމެއް ބަދަލެއް ނުވާނެ ކަމަށެވެ.

"ކޯޓަށް ވަޑައިގެންފި ނަމަ ކޮންމެ ވޯޓެއްގެ ސައްހަކަން ސާބިތުކޮށްދޭނަން. ނަތީޖާ އެހެރީ އެންމެންނަށް ފެންނަ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

އަސްކަރީ އިންގިލާބެއްގައި 1994 ވަނަ އަހަރު ވެރިކަން ހޯއްދެވި ޔަހުޔާ ވިދާޅުވީ މިނިވަން އިލެކްޝަން ކޮމިޝަނެއްގެ ބެލުމުގެ ދަށުން ބޭރުގެ ނުފޫޒެއް ނެތި ގެމްބިއާގެ ކޮންމެ ރައްޔިތަކަށް ވޯޓުލުމުގެ ފުރުސަތު ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

އިންތިޚާބުން ބަލިވުމާ އެކު އެއްވެސް ޝަރުތެއް ނެތި ވެރިކަން ހަވާލު ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ޔަހުޔާ އަށް ގޮވާލައިފަ އެވެ. އެފްރިކަން ޔޫނިއަން އިން ވެސް ވަނީ ވެރިކަން ހަވާލު ކުރުމަށް ޔަހުޔާ އަށް ގޮވާލައިފަ އެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލް ކުރުމަށް ޔަހުޔާ އަށް ބާރު އެޅުމަށް އެފްރިކާގެ ބައެއް ގައުމުތަކުގެ ވެރިން މިހާރު އުޅުއްވަނީ ގެމްބިއާ އަށް ވަޑައިގެންނެވެ.

އާ އިންތިޚާބެއް ބާއްވަން ގޮވާލުމުން އެމެރިކާ އިން ވަނީ ޔަހުޔާ އަށް ފާޑު ކިޔައިފަ އެވެ.