23 މާޗް 2022
ކޮމިއުނިކޭޝަންސް މިނިސްޓަރަކަށް މުހައްމަދު މަލީހް ޖަމާލް ހުންނެވިއިރު އެ މިނިސްޓްރީގައި އޭނާގެ ކޮޓަރި އާއި އޮފީސް ހިންގާ އިމާރާތުގެ ބީ ބްލޮކް މަރާމާތުކުރުމަށް މާލިއްޔަތު ގާނޫނާ ހިލާފަށް 795،000ރ. ސަރުކާރުގެ ބަޖެޓުން ހަރަދުކުރި ކަމަށް އިއްޔެ ނެރުނު އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތުތައް މަލީހް މިއަދު ދޮގުކުރައްވައިފި އެވެ.
ކޮމިއުނިކޭޝަންސް މިނިސްޓަރަކަށް މުހައްމަދު މަލީހް ޖަމާލް ހުންނެވިއިރު އެ މިނިސްޓްރީގައި އޭނާގެ ކޮޓަރި އާއި އޮފީސް ހިންގާ އިމާރާތުގެ ބީ ބްލޮކް މަރާމާތުކުރުމަށް މާލިއްޔަތު ގާނޫނާ ހިލާފަށް 795،000ރ. ސަރުކާރުގެ ބަޖެޓުން ހަރަދުކުރި ކަމަށް އިއްޔެ ނެރުނު އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތުތައް މަލީހް މިއަދު ދޮގުކުރައްވައިފި އެވެ.
އޮޑިޓުގައި ހުރި ވާހަކަތަކުން ދިފާއުވެވަޑައިގަންނަވަމުން މަލީހް ވިދާޅުވީ އެއީ "އޮޅުވާލައިގެން ނެރެފައިވާ އެމްޑީޕީ ކޮލިޓީގެ ރިޕޯޓެއް" ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރިޕޯޓުގެ ފަހަތުގައި އޮތީ ސިޔާސީ މަގްސަދެކެވެ.
އޮޑިޓް އޮފީހުން އާއްމުކުރި ކޮމިއުނިކޭޝަންސް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި މަލީހުގެ ކޮޓަރި މަރާމާތުކުރުމުގެ މަސައްކަތުގެ ތަފްސީލުތައް ހިމަނާފައިވެ އެވެ. އެ މަސައްކަތާ ގުޅޭ ވަރަށް ގިނަ ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމަށް އެ މައުލޫމާތުތަކުގައިވެ އެވެ.
- މަސައްކަތް ލަސްވުމުން ލިބުނު ގެއްލުމުގެ ބަދަލު އަގުން އުނިކޮށްފައެއް ނެތް.
- އެ މަސައްކަތް ހަވާލުކުރީ 25 ދުވަހުގެ ތެރޭގައި ނިންމަން. އެކަމަކު މަސައްކަތް ލަސްވެ އަހަރަކަށް ވުރެން ގިނަ ދުވަސް ހޭދަވިކަން.
- ކޮޓަރި ހެދުމުގެ މަސައްކަތް ލަސްވުމުން ގެއްލުމުގެ އަގަށް 119،000ރ. އަށް ވުރެ ބޮޑު އަދަދެއް އެރި އިރު، އެ މިންވަރު މަސައްކަތުގެ އަގުން އުނިކޮށްފައެއް ނެތް.
- ގެއްލުމުގެ އަގު އުނިކޮށްފައި ނުވާ މައްސަލަ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އޮޑިޓަރުން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން، ގެއްލުމުގެ އަގުގެ ގޮތުގައި 9،834ރ. އުނިކޮށްފައި ވިޔަސް އެއީ ހަމަ އަގެއް ނޫން.
- ރިޓެންޝަން ފައިސާ އުނިކޮށްފައެއް ނެތް.
- ކުރުވާ މަސައްކަތުގެ އަގު 250،000ރ. އަށް ވުރެ ބޮޑު ނަމަ، ހުށަހަޅާ ކޮންމެ ބިލަކުން އެ ބިލެއްގެ ޖުމްލަ އަގުގެ ފަސް ޕަސެންޓް ރިޓެންޝަން ފައިސާގެ ގޮތުގައި އުނިކުރަން ޖެހޭ ނަމަވެސް އެކަން ކޮށްފައެއް ނުވޭ.
- އެގްރީމަންޓް ކުރި މަސައްކަތާ ގުޅުމެއް ނެތް ކަމެއް އިތުރު މަސައްކަތުގެ ގޮތުގައި ހަވާލުކުރި.
- މަސައްކަތް ހިނގަމުން ދަނިކޮށް، އެ މަސައްކަތުގެ ސްކޯޕްގެ ތެރޭގައި ނުހިމެނޭ އިތުރު މަސައްކަތެއް އިއުލާންކޮށް، ހަމަ އެ ފަރާތާ ހަވާލުކުރި. އަދި އެ މަސައްކަތް ހަވާލުކުރީ، ފުރަތަމަ މަސައްކަތުގެ މުއްދަތު ހަމަވި ވެސް ފަހުން.
- އިތުރު މަސައްކަތުގެ ގޮތުގައި ހަވާލުކުރީ މިނިސްޓަރު ކޮޓަރީގައި ހުރި ގޮތަށް ވޯކްވޭގެ ދެ ފަރާތުުގައި ގުރޫ ކަނޑައި ފިލާ ޖެހުމުގެ މަސައްކަތް. އެ މަސައްކަތަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވޭ.
އޮފީސް ހެދި ފަހުން ކޮމިއުނިކޭޝަން މިނިސްޓަރުކަން ކުރެއްވި މަލީހް އޮފީހުގައި.
އޮޑިޓް ރިޕޯޓްގައިވާ ކަންކަމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލުކުރުމުން މަލީހު ވިދާޅުވީ، ކޮމިއުނިކޭޝަން މިނިސްޓްރީގެ ނަމުގައި މުޅިން އާ މިނިސްޓްރީއެއް މި ސަރުކާރުން އުފެއްދިއިރު، އެ މިނިސްޓްރީ ހިންގަން ހާއްސަ އޮފީހެއް އޭރު ނެތް ކަމަށެވެ. އެ މިނިސްޓްރީ ހިންގަން ދިނީ ކަލާފާނު ސްކޫލުގެ ފުރަގަހަށް ހުންނަ، އެންއައިސީޓީގެ ބާ އިމާރާތް ކަމަށާއި އެތަނަކީ އޭރު މާރާމާތުނުކޮށް ބޭނުންނުކުރެވޭ ވަރަށް ވުރެ ހާލަތު ދަށްކޮށް ހުރި ތަނެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާ އެތަން ހަވާލުކުރީ އެއްވެސް ވަރަކަށް އާބާތުރަ ނުފިލުވައި. ތެދަށް ދަންނަވާ ނަމަ ހުސް ހަތަރު ފާރު ހަވާލުކުރީ. މިނިސްޓަރުގެ ކޮޓަރި އެކަންޏެއް ނޫން، މުޅި އިމާރާތް މަރާމަތުކޮށް، އެތަނަށް ފަރުނީޗަރު ހޯދާއި ތަށިމުށި ޖަހާއި ފާހާނަ ވެސް ހަދަން ޖެހުނު. އެހެންވެ، ހަރަދުތަކެއް ހިނގީ،" މަލީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮޓިޑް ރިޕޯޓަކީ ވަކި މަގުސަދެއް ހާސިލުކުރުމަށް ނެރެފައިވާ ސިޔާސީ ރިޕޯޓެކެވެ. މިނިސްޓަރަކަށް ހުންނެވި އިރު މާލިއްޔަތު ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަަމަށް ވިދާޅުވި އެވެ.
މަލީހް ވިދާޅުވީ އެ އިމާރާތުގެ ހުރިހާ މަރާމާތެއް ވެސް ކުރީ ފިނޭންސް މިނިސްޓްރީން ހޯދަން ޖެހޭ ހުއްދަތައް ހޯދައިގެން ކަމަށެވެ.
"އަޅުގަނޑުމެންނަށް އޮތް އިހުތިޔާރު ޓްރާންސްޕޯޓާއި އެހެން ބައެއް މިނިސްޓްރީތައް ހިންގާ ގޮތަށް ބޮޑު އަގުގައި އިމާރާތެއް ކުއްޔަށް ހިފައިގެން ދިއުމުގެ ވެސް. އެކަމަކު، ދިގު މުއްދަތަކަށް ބަލާއިރު، އެ ވާނީ ދައުލަތައް ބޮޑު ބުރައަކަށް. އެހެންވެ، އެގޮތް ހިޔާރުނުކޮށް އިމާރާތް މަރާމާތުކުރީ،" މަލީހު ވިދާޅުވި އެވެ.
"އެއީ 2020 ގައި ނެރެން ޖެހޭ އޮޑިޓް ރިޕޯޓެެއް. އެ ރިޕޯޓް މިހާ ލަހުން ނެރުނީމަ އޭގެ މަގުސަދު އޮޅޭ. އަޅުގަނޑު ދަންނަވާނީ އެއީ ހަމަ އެމްޑީޕީ ކޮލިޓީގެ ރިޕޯޓެކޭ. ހަގީގަތް އޮތީ އޮޅުވާލައިފައި."
އޮޑިޓް ރިޕޯޓުގައި، ބޮޑު ހޭދައެއް މިނިސްޓަރުގެ ކޮޓަރި ހަދަން ހިނގި ކަމަށް އޮތް އިރު، މީގެ ކުރިން ވެސް އެ ކަމާ ގުޅުވައި މަލީހަށް ފާޑުކިއުން އަމާޒުކުރި އެވެ. އެ ކޮޓަރީގައި އިންނަވައި ބޭއްވެވި ބައްދަލުވުންތަކުގެ ފޮޓޯ އާއްމުވުމުން ބައެއް މީހުން ބުނެފައި ވަނީ މިނިސްޓަރު އިންނަވާ ކޮޓަރި އެމެރިކާގެ ރައީސްގެ އޮފީސް ކަމަށްވާ ވައިޓް ހައުސްގެ "އޯވަލް އޮފީސް" އާ އެއްގޮތަށް މަރާމާތުކޮށްފައިވާ ކަމަށެވެ.
އެ ކޮޓަރީގެ ފާރުގައި ވަރަށް އަގުބޮޑު ވޯލްޕޭޕަރު ހަރުކޮށްފައިވާއިރު، ވަރަށް އަގުބޮޑު އަދި ރީތި ޑިޒައިނެއްގެ ދޮރުފޮތި ވަނީ ހޯދައިފަ އެވެ. އޯވަލް އޮފީހުގެ ފާރުގައި ހުންނަ ގޮތަށް ބިމުން ފެށިގެން ދެ ފޫޓަށް ހުދުކުލައިގެ ވަކަރު ޕެނަލް ވެސް އެ ކޮޓަރީގައި ހަރުކޮށްފައިވެ އެވެ.
އެ ފާޑުކިޔުންތަކަށް އޭރު ވެސް މަލީހު ވިދާޅުވެފައި ވަނީ އެއީ ކަނޑައެޅިފައިވާ ބަޖެޓްގެ ތެރެއިން، ހުއްދަތައް ލިބިގެން ކުރި މަސައްކަތެއް ކަމަށެވެ.
މި ވެރިކަމުގައި ޖޭޕީ ސްލޮޓެއްގައި ވަޒީރު ކަމަށް އައްޔަންކުރެއްވި މަލީހް މަގާމުން ވަކިކުރީ ޒިންމާ އަދާނުކުރައްވާ ކަމުގެ ތުހުމަތާ އެކު ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިގެންނެވެ. އޭނާ ހިންގެވި ވުޒާރާ ފަހުން ބަދަލުކުރެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށެވެ.
މަގާމުން ވަކިކުރެއްވީ އެއްވެސް ސަބަބެއް ނެތި ކަމަށް ސަރުކާރަށް ފާޑުވިދާޅުވުމަށް ފަހު މިހާރު ގެންދަވަނީ އިދިކޮޅު ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ކޮމިއުނިކޭޝަނުން ހަރުމުދަލުގެ ސައްހަކަން ކަށަވަރެއްނުކުރޭ
އުފަންދުވަހުގެ ސެޓްފިކެޓަށް ހުށަހަޅަން ޖެހުން ނިމުމަކަށް
ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންކަން
ޑިވެލޮޕަރުން ގޭގައި މަސައްކަތްކުރެވޭނެ ގޮތް ހަދައިފި
ޕީއެސްއެމްގެ ހިޔާނާތުގެ މައްސަލަ ބަލަން އޭސީސީ އަށް
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
އޮޑިޓަށް ދޮގު މައުލޫމާތު ދިން މައްސަލަ ތަހުގީގުކުރަނީ
ފޭކް ސްޓޭޓްމަންޓް ފޮނުވުމުގެ ފަހަތުގައި ދެމަފިރިން!
މާފުށީ ކައުންސިލްގެ ހިސާބުތަކުން 13 މިލިއަނުގެ ފަރަގު
ޕީއެސްއެމުން އުސޫލާ ހިލާފަށް 22 މިލިއަން ދޫކުރި