Roadha Mihaaru
ރައީސަށް އައްޑޫން ހޫނު މަރުހަބާއެއް

ރައީސްގެ ދެކަނބަލުންނަށް އައްޑޫން ހޫނު މަރުހަބާއެއް

26 މާޗް 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، އައްޑު އަށް މިއަދު ހަވީރު ވަޑައިގަތުމުން ގިނަ ބަޔަކު ނުކުމެ ހޫނު މަރުބާއެއް ކިޔައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، އައްޑު އަށް މިއަދު ހަވީރު ވަޑައިގަތުމުން ގިނަ ބަޔަކު ނުކުމެ ހޫނު މަރުބާއެއް ކިޔައިފި އެވެ.

ރައީސްގެ ދެކަނބަލުންނަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން އިސްވެ މަރުހަބާ ދެންނެވީ އައްޑޫގެ މޭޔަރު އަލީ ނިޒާރެވެ. އޭނާގެ އިތުރުން އައްޑޫގެ ކުރީގެ މޭޔަރު އަދި މިހާރު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި އެ ސިޓީގެ ވަރަށް ގިނަ ބަޔަކު އެއާޕޯޓަށް ގޮސް ރައީސްގެ ދެކަނބަލުންނާ ސަލާންކޮށް، ތާއީދު އޮތްކަން ހާމަކުރި އެވެ.

އައްޑޫ ފޮލިސް އެކަޑަމީ ހުޅުއްވައިދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު އައްޑޫއަށް ވަޑައިގަތުމުން ސަޕޯޓަރުން ނިކުމެ ހޫނު މަރުހަބާއެއް ވަނީ ކިޔާފައި-- ފޮޓޯ: ރައީސް އޮފީސް

މިއީ 2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑު އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރުގެ އިންތިހާބުގެ ކެމްޕެއިން ވެސް ފޯރިއާއެކު ކުރިއަށް ގެންދާ މި ދުވަސްވަރުގައި ރައީސްގެ ދަތުރުފުޅުގައި އައްޑޫގެ ހުރިހާ އަވަށަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އިތުރުން ބައެއް ތަންތަން ރަސްމީކޮށް އެ މަނިކުފާނު ހުުޅުއްވައި ދެއްވާނެ އެވެ. އޭގެ ތެރޭގައި އައްޑޫގެ މަގު ހެދުމުގެ އަމަލީ މަސައްކަތާއި އިންޑިއާގެ އެހީގައި ހަދާފައިވާ ޕޮލިސް އެކަޑެމީ ހުޅުވައި ދެއްވުމާއި މަރަދު އާއި މީދޫ ބަނދަރާއި ހިތަދޫ މަސްޖިދުލް އިބްރާހިމް ހުޅުވައި ދެއްވާނެ އެވެ. ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު ވެސް ހުޅުއްވައި ދެއްވާނެ އެވެ.

ރައީސްގެ ދެކަނބަލުން އައްޑު އަށް ވަޑައިގެންނެވިއިރު އައްޑޫ ޕޮލިސް އެކަޑަމީ ހުޅުވުމަށް މިރޭގެ ވަގުތެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ވެސް އެ ސިޓީ އަށް ވަޑައިގެންނަވާނެ އެވެ.