Roadha Mihaaru
މަސްދަޅު އުފައްދަން ކުރާ ހަރަދު ވަރަށް ބޮޑުވެއްޖެ

ތެލުގެ އަގާއެކު މަސްދަޅު އުފައްދަން ކުރާ ހަރަދު 40 ޕަސެންޓް އިތުރުވެއްޖެ: މިފްކޯ

26 މާޗް 2022

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ އެކު މަސް ދަޅު އުފައްދަން މިފްކޯއިން ކުރާ ހަރަދު 40 ޕަސެންޓް އިތުރުވެއްޖެ ކަމަށް އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ އެކު މަސް ދަޅު އުފައްދަން މިފްކޯއިން ކުރާ ހަރަދު 40 ޕަސެންޓް އިތުރުވެއްޖެ ކަމަށް އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ މިއަދު ވިދާޅުވެއްޖެ އެވެ.

ފަސްމީރުގެ އާ މަސްދަޅުތައް ތައާރަފު ކުރުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި އިސްމާއިލް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން އެ ކުންފުންޏަށް ވެސް ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ. މަސް ދަޅު އުފެއްދުމަށް ބޭނުން ކުރާ ތެލުގެ އަގު ވެސް، ކުރިއާ އަޅާ ބަލާއިރު 100 ޕަސެންޓް އުފުލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި ގޮތުން ގޮންޖެހުން އެބަހުރި. ދަޅަށް އަޅުގަނޑުމެން މިއަޅާ ތެލުގެ އަގު މިހާރު ވަނީ 100 ޕަސެންޓް ބޮޑުވެފައި. އޭގެ ސަބަބުން ޕްރޮޑަކްޝަން ކޮސްޓް 40 ޕަސެންޓަށް މިވަނީ އިތުރުވެފައި،" އިސްމާއިލް ވިދާޅުވި އެވެ.

މަސްދަޅު އުފެއްދުމުގެ ހަރަދު ބޮޑުވި ނަމަވެސް މިފްކޯގެ ރޯދަ ޕްރޮމޯޝަން ނިމެންދެން އަގު ބޮޑު ނުކުރާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ. މިފްކޯ ރޯދަ ޕްރޮމޯޝަން ނިމޭނީ މެއި މަހުގެ 31 ގަ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައި ވަނީ ރަޝިއާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެންނެވެ. އޭގެ ސަބަބުން ޕެޓްރޯލާއި ޑީސަލްގެ އިތުރުން ކައްކަން ބޭނުން ކުރާ ތަފާތު ބާވަތްތަކުގެ ތެލުގެ އަގު ވެސް ވަނީ އުފުލިފަ އެވެ.