Roadha Mihaaru
ހުސްނުވާ ވަރަށް މަސްދަޅު އެބަހުރި: މިފްކޯ

ހުސްނުވާ ވަރަށް މަސްދަޅު އެބަހުރި: މިފްކޯ

18 މާޗް 2020

ކިތަންމެ ގިނަ ބަޔަކު މަސްދަޅު ގަންގަން އަޔަސް، އެ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް މިފްކޯ އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކިތަންމެ ގިނަ ބަޔަކު މަސްދަޅު ގަންގަން އަޔަސް، އެ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް މިފްކޯ އިން ބުނެފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، މި ދުވަސްވަރު ގިނަ ބަޔަކު މަސް ދަޅު ގަންނަ ކަމަށާއި އެ ފަރާތްތަކަށް ބޭނުންވާ މަސް ދަޅު އަބަދު ވެސް މިފްކޯ އިން ލިބޭނެ ކަމަށެވެ. މަސްދަޅުގެ އިތުރުން މިފްކޯގެ އިތުރު އުފެއްދުންތައް ވެސް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"މަސް ދަޅު ގަތުމުގައި މީހުންނަށް ކޮންޓެކްޓްވުން ކުޑަކުރެވޭނެ އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުން،" އޭނާ ވިދާޅުވި އެވެ.

މިފްކޯގެ މަހުގެ އުފެއްދުންތައް-- ފޮޓޯ: މިހާރު

މިފްކޯގެ މަހުގެ އުފެއްދުންތައް-- ފޮޓޯ: މިހާރު

އިސްމާއިލް ވިދާޅުވީ، އާންމު ގޮތެއްގައި ވެސް ރޯދަ މަހާ ދިމާކޮށް އާންމުންނާއި ވިޔަފާރިތަކުން ވެސް މަސްދަޅު ގަންނަ ވަރު ވަރަށް ބޮޑަށް އިތުރުވާ ކަމަށެވެ. ކޮވިޑް-19 އާ ހެދި އުފެދިފައިވާ ނުތަނަވަސް ކަމުގައި މަސްދަޅުގެ ޑިމާންޑް ވަނީ އިތުރުވެފަ އެވެ. އެކަންކަމަށް މިފްކޯ އިން ތައްޔާރަށް އޮތް ކަމަށާއި، މަސް ދަޅު ނުލިބޭނެ ހާލަތެއް ރައްޔިތުންނަށް ދިމާ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދުވަސްވަރު އާންމުން މަސް ދަޅާއި ކާޑުގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެތި ގޭގޭގައި ސްޓޮކް ކުރަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފައިވެ އެވެ. ސަރުކާރުން ބުނީ، ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސްވާ ދަނޑިވަޅުގައި ވެސް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ކަށަވަރުކޮށްދޭނެ ކަމަށެވެ. އަދި ޕެނިކް ވެގެން ކާނާ ގަނެ ރައްކާ ނުކުރުމަށް ވަނީ އެދިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެކަމާ ގުޅިގެން ރައްކާތެރިކަމުގެ ބޮޑެތި ފިޔަވަޅުތަކެއް ރާއްޖޭން ވަނީ އަޅައިފަ އެވެ.