Roadha Mihaaru
ނޭޓޯއާ އިންޗިއަކަށް ވެސް ކައިރިނުވާތި: ބައިޑެން

ނޭޓޯއާ އިންޗިއަކަށް ވެސް ކައިރިނުވާތި: ބައިޑެން

27 މާޗް 2022

ނޭޓޯގެ ސަރަހައްދާ އިންޗިއަކަށް ވެސް ކައިރި ނުވުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން، ރަޝިޔާ ސިފައިންނަށާއި ރަޝިޔާ ސަރުކާރަށް އިއްޔެ އިންޒާރު ކުރައްވައިފި އެވެ.

ނޭޓޯގެ ސަރަހައްދާ އިންޗިއަކަށް ވެސް ކައިރި ނުވުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން، ރަޝިޔާ ސިފައިންނަށާއި ރަޝިޔާ ސަރުކާރަށް އިއްޔެ އިންޒާރު ކުރައްވައިފި އެވެ.

ޕޮލެންޑްގެ ވެރިރަށް ވާސޯގައި އިއްޔެ ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވި ގޮތުގައި، ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި ހަމަލާތައް ފުޅާކުރަމުން ގޮސް ނޭޓޯގެ ސަރަހައްދުގެ ތެރެއަށް، ރަޝިޔާ ވަދެއްޖެ ނަމަ ނުބައި ނަތީޖާއެއް ނުކުންނާނެ އެވެ. އަދި އެފަދަ ހާލަތެއްގައި ނޭޓޯގެ ހުރިހާ ގައުމުތަކުން ރަޝިޔާ އަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

"ކްރެމްލިން އިން މަސައްކަތް ކުރަމުން އެދަނީ، ނޭޓޯ ފުޅާކުރުމުގެ މަސައްކަތަކީ، ރަޝިޔާގެ ހަމަޖެހުން ނަގައިލުމަށް ކުރަމުންދާ ކަމެއްގެ ގޮތުގައި ދައްކަން. ނޭޓޯއަކީ ރަޝިޔާ ނައްތައިލުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ނުގެންގުޅޭ، ދިފާއީ ޖަމާއަތެއް،" ބައިޑެން ވިދާޅުވި އެވެ.

ބައިޑެން ވިދާޅުވީ ރަޝިޔާ ރައްޔިތުންނަކީ އެމެރިކާގެ ދުޝްމަނުން ނޫން ކަމަށެވެ. އެހެން ނަމަވެސް، އިގްތިސާދީ ގޮތުން ރަޝިޔާ އަށް ދަތިކުރުމަށް ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ މައްސަލައިގައި ރައީސް ޕުޓިން ކުށްވެރި ކުރުމަށް، ރަޝިޔާ ރައްޔިތުންގެ ފަރާތުން ބައިޑެން އެދިވަޑައިގަތެވެ.

ޕޮލެންޑަށް އިއްޔެ ވަޑައިގަތުމަށް ފަހު ރައީސް ބައިޑެން ވަނީ، އެ ގައުމުގައި ތިބި ޔޫކްރޭންގެ ރެފިއުޖީންނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމަށް ފަހު ރައީސް ބައިޑެން ވިދާޅުވީ ރަޝިޔާގެ ރައީސް ޕުޓިން އަކީ މީހުން ކަތިލާ މީހެއް ކަމަށެވެ. އަދި ރަޝިޔާ ސިފައިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައަކީ ސްޓްރެޓީޖިކް ގޮތުން ރަޝިޔާ އަށް ކުރިމަތިވި ބޮޑު ނާކާމިޔާބެއް ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

ބައިޑެންގެ އެ ވާހަކަތަކަށް ރައްދު ދެމުން، ކްރެމްލިން އިން ވަނީ، ރައީސް ބައިޑެންގެ ބުއްދި ސަލާމަތުން ހުރިތޯ ސުވާލު އުފައްދައިފަ އެވެ.

ރައީސް ބައިޑެން އިއްޔެ ރައީސް ޕުޓިންއާ ބެހޭ ގޮތުން ދެއްކެވި ވާހަކަތައް މާނަކޮށްދެމުން އެމެރިކާ އިން އާންމުކުރި ބަޔާނާ ބެހޭ ގޮތުން، ރަޝިޔާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސްގެ ވެރިޔާ ޑިމިޓްރީ ރޮގޮޒިން ވިދާޅުވި ގޮތުގައި، އެ ތަފްސީލުތަކަކީ ވައިޓް ހައުސްގެ ޑޮކްޓަރުންގެ ޓީމުން ނެރުނު ވާހަކަތަކެކެވެ.