Roadha Mihaaru
އުދުހުން މަނާ ނުކުރަންޏާ އިތުރު ހަތިޔާރުދީ: ޒެލެންސްކީ

އުދުހުން މަނާ ނުކުރަންޏާ އިތުރު ހަތިޔާރު ދީ: ޒެލެންސްކީ

17 މާޗް 2022

ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ކަނޑައަޅައި ނުދޭ ނަމަ، ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށްޓަކަށް އިތުރު ހަތިޔާރު ދިނުމަށް، ޔޫކްރޭންގެ ރައީސް ވޮލިޑިމީރް ޒެލެންސްކީ އެމެރިކާ އަށް ގޮވާލައްވައިފި އެވެ.

ޔޫކްރޭންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއް ކަމަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ކަނޑައަޅައި ނުދޭ ނަމަ، ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށްޓަކަށް އިތުރު ހަތިޔާރު ދިނުމަށް، ޔޫކްރޭންގެ ރައީސް ވޮލިޑިމީރް ޒެލެންސްކީ އެމެރިކާ އަށް ގޮވާލައްވައިފި އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ ގުޅިފައިވާ ބައްދަލުވުމުގައި (ކޮންގްރެސްގައި)، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިއްޔެ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައި، ރައީސް ޒެލެންސްކީ ވަނީ އެމެރިކާ ތަޖުރިބާކުރި ބޭރުގެ އުދުވާނީ ހަމަލާތައް ހަނދާން ކޮށްދެއްވައިފަ އެވެ. ޔޫކްރޭން ވެސް މިއަދު ތަޖުރިބާ ކުރަމުން ދަނީ އެފަދަ ބިރުވެރި ރޭތަކަކާއި ދުވަސްތަކެއް ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

"ޕާލް ހާބާ ހަނދާން ކުރައްވާ – ޑިސެމްބަރު 7، 1941ގެ ހެނދުނު ކަލޭމެންނަށް ހަމަލާ ދޭން އައި ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އެމެރިކާގެ އުޑުމަތި ބަނަވެގެން ދިޔަ ވަގުތު. ހަނދާނަށް ގެންނަވާ، ކަލޭމެންގެ ރަށްތަކާއި ކަލޭމެންގެ ސަރަހައްދު ހަނގުރާމައިގެ މައިދާނަކަށް ބަދަލުކޮށްލުމަށް ނުރައްކާތެރި ބަޔަކު މަސައްކަތް ކުރި އެ ބިރުވެރި ދުވަސް. ވައިގެ މަގުން އައިސް، ކުށެއް ނެތް ބަޔަކަށް ހަމަލާ ދިން ދުވަސްތައް ހަނދާނަށް ގެންނަވާ،" ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.

"އެފަދަ ހަމަލާތަކެއް ދީފާނެ ކަމަށް ހީވެސް ނުކޮށް ތިއްބާ ދިން އެ ހަމަލާތައް ކަލޭމެންނަކަށް ވެސް ނުހުއްޓުވުނު. މިހާރު ކޮންމެ ދުވަހަކު އަހަރެމެންގެ ގައުމު ތަޖުރިބާކުރަމުން މިދަނީ ހަމަ އެ ބިރުވެރިކަން. މިހާރު، ހަމަ މި ވަގުތު، ހަމަލާތައް އެދަނީ ކުރިއަށް. ތިން ހަފްތާ ވެގެން އެދަނީ ކޮންމެ ރެޔަކު އެ ބިރުވެރިކަމުގެ ތެރޭގައި."

އޭނާ ވިދާޅުވީ ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމައިގައި މިދިޔަ 21 ދުވަހުގެ ތެރޭގައި، ހާހެއްހާ މިސައިލުންނާއި ގުނައި އަދަދު ނުކުރެވޭހާ ގިނަ ބޮމުން، ޔޫކްރޭންގެ އެކި ސަރަހައްދުތަކަށް ހަމަލާ ދީފި ކަމަށެވެ. އަދި ޑްރޯން ބޭނުންކޮށްގެން ވަކިވަކި މީހުން މަރަމުންދާ ކަމަށް ވެސް ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.

ޔޫކްރޭން މިހާރު ތަޖުރިބާ ކުރަމުން ދަނީ، ޒެލެންސްކީ ވިދާޅުވި ގޮތުގައި، މިދިޔަ 80 އަހަރުގެ ތެރޭގައި ވެސް ޔޫރަޕްގެ ގައުމުތައް ތަޖުރިބާނުކުރާ ފަދަ ބިރުވެރި ނާމާން ދުވަސްތަކެކެވެ. އަދި އެ ބިރުވެރިކަމުން ޔޫކްރޭން ސަލާމަތް ކޮށްދިނުމަށް އެދި ކުރަމުން އަންނަ އާދޭސްތަކަށް ދުނިޔޭގެ ގައުމުތަކުން އިޖާބައެއް ދިނުމަށް ޔޫކްރޭން އެދެ އެވެ.

ރަޝިޔާގެ ހަމަލާތަކުން ޔޫކްރޭންގެ ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، އުދުހުން މަނާ ސަރަހައްދެއް ކަނޑައަޅައިދިނުމަށް އެދުމަކީ، އެއީ ނުކޮށްދެވޭ ވަރުގެ ބޮޑު ކަމެއްތޯ ވެސް ރައީސް ޒެލެންސްކީ ސުވާލު ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭން ބޭނުންވަނީ ދިފާއީ ކޮން ކަހަލަ ނިޒާމުތަކެއް ކަން އެމެރިކާ އަށް އެނގޭނެ އެވެ. އަދި ގައުމުގެ ސަރަހައްދާއި ރައްޔިތުން ހިމާޔަތްކުރުމަށްޓަކައި ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި ވަރުގަދަ ވައިގެ ދިފާއީ ނިޒާމަކަށް ބަރޯސާވާންޖެހޭ މިންވަރު ވެސް އެމެރިކާ އަށް އެނގޭނެ އެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި ޔޫކްރޭނަށް ބޭނުންވާ ޒާތުގެ މަތިންދާބޯޓުތައް މި ބިންމަތީގައި ހުރި ނަމަވެސް، އެ ފަދަ ބޯޓުތައް އަދި ހުރީ ޔޫކްރޭނަށް ބޭނުންކުރެވޭ ފަދަ ގޮތަކަށް ނޫނެވެ. އެހެންކަމުން އެ ބޯޓުތައް ހުއްޓަސް، ޔޫކްރޭން ދިފާއުނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ، ޕޮލެންޑްގައި ހުރި މިގް-29 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށެވެ. އެ ބޯޓުތައް އެމެރިކާ މެދުވެރިކޮށް ޔޫކްރޭނަށް ދިނުމަށް، ޕޮލެންޑުން ވަނީ އެމެރިކާ އަށް ހުށަހަޅައިފަ އެވެ. އެއީ އޭގެ ބަދަލުގައި އެމެރިކާގެ އެފް-16 މަރުކާގެ މަތިންދާބޯޓުތައް ޕޮލެންޑަށް ދޭ ގޮތަށެވެ.

ނަމަވެސް އެ ކަމަށް އެމެރިކާ ސަރުކާރު އެއްބަހެއް ނުވެ އެވެ. ޔޫކްރޭންގެ ވައިގެ ލަޝްކަރުގައި ހިމެނޭ ޕައިލެޓުން ތަމްރީން ކޮށްފައި ތިބީ މިގް މަރުކާގެ ބޯޓުތައް ދުއްވަން ކަމަށްވާތީ، އިތުރު ތަމްރީންތަކެއް ހެދުމަކާ ނުލައި މިހާރު ބޭނުންކުރެވޭނީ މިގް މަރުކާގެ ބޯޓުތައް ކަމަށް ވާތީ، ޔޫކްރޭނުން ވެސް ވަނީ ޕޮލެންޑްގައި ހުރި މިގް މަރުކާގެ ބޯޓުތައް ދިނުމަށް އެދި ވިލާތުގެ ގައުމުތަކަށް ގޮވާލައިފަ އެވެ.