28 މާޗް 2022
ރާއްޖޭގެ ޕެންޝަން ނިޒާމުގައި ވަރަށް ބޮޑު ބާގަނޑެއް އެބައޮތެވެ؛ އޭގެ ތަފުސީލުތަކަށް ވަޑައިގެން، މި ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި، އޭގެ ސަބަބުން ކުރިމަތިވަނީ ވަރަށް ބޮޑު ބޭއިންސާފެކެވެ.
ރާއްޖޭގެ ޕެންޝަން ނިޒާމުގައި ވަރަށް ބޮޑު ބާގަނޑެއް އެބައޮތެވެ؛ އޭގެ ތަފުސީލުތަކަށް ވަޑައިގެން، މި ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި، އޭގެ ސަބަބުން ކުރިމަތިވަނީ ވަރަށް ބޮޑު ބޭއިންސާފެކެވެ.
"އެއްބަޔަކަށް ދެ ފަހަރަށް މި ޕެންޝަން ދެވެނީ. ވަކި ބަޔަކު ރިޓަޔާ ކުރުމުން އެ މީހުންނަށް އެއްފަހަރާ އެތައް ލައްކަ ރުފިޔާއެއް އެބަ ނަގާ. ބައެއް މުއައްސަސާތަކުގައި 20 އަހަރު ނުވަތަ 40 އަހަރު ހޭދަކުރުމަށް ފަހު ފުލް މުސާރައިގައި ރިޓަޔާ އެބަ ކުރޭ،" އޭނާ ވިދާޅުވި އެވެ.
"މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެކަން ކުރާ ގޮތެއް ނޫން."
ޕެންޝަން ނިޒާމުގެ ތެރެއިން ދައުލަތުގެ ވަކި މުއައްސަސާތަކުގައި އުޅޭ މީހުން "ހާއްސަ" ވާން ޖެހޭ ސަބަބެއް ނުވިސްނެ އެވެ. އެކަމަކު މިއަދު ރާއްޖޭގެ 13 އިދާރާއެއްގައި މަސައްކަތް ކުރި އެކި މީހުންނަށް ހާއްސަ އުސޫލުތަކުގެ ތެރެއިން ޕެންޝަން އަންނަނީ ލިބެމުންނެވެ. އެކި އިނާޔަތްތަކާއި "ސްޕެޝަލް ޓްރީޓްމަންޓް"ތައް އެކި އުސޫލުގެ ތެރެއިން ލިބެމުންދެ އެވެ.
މިއީ ދައުލަތާއި ސިޔާސީ ފަރާތްތަކަށް ވެސް ފާޅުގައި ދައްކަން އެހާ ފަސޭހަ ވާހަކައެއް ނޫނެވެ. އޭގެ ސަބަބުތައް ވެސް ބައިވަރެވެ.
ރާއްޖޭގެ ހުރިހާ ފަރާތްތަކެއް ޝާމިލުވާ ގޮތަށް ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ތައާރަފްވީ 2009ގަ އެވެ. އޭގެ ކުރިން ވެސް ދައުލަތުން އައީ ޕެންޝަން ސްކީމުތައް ހިންގަމުންނެވެ. އެ ސްކީމުތައް ހިންގީ މުވައްޒަފުންގެ ކޮންޓްރިބިއުޝަނެއް ނެތި ހަމައެކަނި ދައުލަތުން ކުރާ ހޭދައެއްގެ ގޮތުގަ އެވެ. ގާނޫނަކުން ރިޓަޔަމަންޓް ޕެންޝަން ނިޒާމާ އެކު، އޭގެ ކުރިން ހިނގަމުން އައި ޕެންޝަން ފަންޑުތައް ހުއްޓޭނެ ކަމަށް ބެލެވުނު ނަމަވެސް އެކަން އެގޮތަކަށް ކުރިއަކަށް ނުދިޔަ އެވެ.
ދައުލަތުން އެއް އަހަރުން އަނެއް އަހަރަށް ވަކިވަކި ޕެންޝަން ސްކީމުތަކަށް ކުރާ ހޭދަ އަންނަނީ ވަރަށް ބޮޑުވަމުންނެވެ. މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގާތްގަނޑަކަށް ހަތަރު ޕަސެންޓް ހޭދަކުރަނީ އުމުރުން ދުވަސްވީ މީހުންގެ ހަރަދުތައް ހަމަޖައްސާށެވެ. ކުރިއަށް އޮތްތަނުގައި މި އަދަދު އިތުރުވާނެ އެވެ. އަދި މިއީ އަވަސް ހައްލެއް ނުހޯދައިފި ނަމަ، އަންނަ އޮތް ޖީލުތަކުން ވެސް އުފުލަން ޖެހޭ ބޮޑު ބުރައަކަށް ވާނެ ކަމެކެވެ.
"އެއް ބަޔަކަށް އެއްފަހަރާ ދެ މި ޕެންޝަން ދެވެނީ. ރިޓަޔަމަންޓް ޕެންޝަން ސްކީމްގައި ދައުލަތުން އެބަ ލައިދޭ ހަތް ޕަސެންޓް. ދެން އަނެއްކާ ކީއްވެގެންހޭ ރިޓަޔާވާ އިރު އެއްފަހަރާ ބޮޑު އަދަދެއް ދީފައި ކޮންމެ މަހަކު އިތުރަށް ފައިސާ މި ދެނީ."
ވަކިވަކި ޕެންޝަން ސްކީމުތައް ހިންގާ ދައުލަތުގެ 13 މުއައްސަސާއެއް އޮތްއިރު އެ މުއައްސަސާތަކުގެ ވަކިވަކި ޕެންޝަން ސްކީމަށް މި އަހަރުގެ ބަޖެޓުން 263 މިލިއަން ރުފިޔާ ހޭދަވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދޫކުރަނީ ފުލުހުންނަށެވެ. އެ މުއައްސަސާ އަށް މި އަހަރުގެ ބަޖެޓުން ވެސް ޕެންޝަން ފައިސާގެ ގޮތުގައި 22 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެ އަދަދު އަންނަ އަހަރު 31 މިލިއަން ބަދަލުވާ އިރު 2024 ވަނަ އަހަރު އެ އަދަދު 34 މިލިއަނަށް ބޮޑުވާނެ އެވެ. ދެވަނަ އަށް އެންމެ ބޮޑު ޕެންޝަން ބަޖެޓެއް ދޫކުރަނީ ކަސްޓަމްސްއަށެވެ. އެ މުއައްސަސާ އަށް މި އަހަރުގެ ބަޖެޓުން 14 މިލިއަން ރުފިޔާ ހޭދަވެ އެވެ. އަދި ޑިފެންސް މިނިސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް 12 މިލިއަން ރުފިޔާ ބަޖެޓުން ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނާއި ރައީސް އޮފީހާއި އޮޑިޓާ ޖެނެރަލް އޮފީހާއި ޖުޑިޝަލް ސާވިސް ކޮމިޝަނާއި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޓިވް އާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި އެންޓި ކޮރަޕްޝަން އޮފީހާއި އިލެކްޝަން ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ގައުމީ ޔުނިވާސިޓީ އަކީ ވެސް ރިޓަޔަމަންޓްގެ ބޭރުން މިފަދަ ޕެންޝަން ސްކީމުތައް ހިންގަމުން އަންނަ އިދާރާތަކެވެ.
ޑަބަލް ޕެންޝަން ދޭ ސަރުކާރުގެ އިދާރާތައް: މި ވަގުތު 13 މުއައްސަސާއަކުން އަމިއްލަ ޕެންޝަން ސްކީމުތައް ހިންގާ
ޕެންޝަން ދާއިރާގެ އިސް ބޭފުޅަކު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާ ވަކި ވަކި ބަޔަކަށް، އަދި ވަކި އިދާރާތަކަކަށް ހާއްސަ ކުރުމަކީ ވަރަށް ބޮޑު ތަފާތު ކުރުމެއް ކަމަށެވެ. ރިޓަޔަމަންޓް ޕެންޝަން ސްކީމް ކުރިއަށް ދާ އިރު އިތުރު ފައިސާތަކެއް ބަޔަކަށް ދިނުމަކީ ދައުލަތުގެ ތެރެއިން ހިންގާ ވަރަށް ބޮޑު ބޭއިންސާފެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
"އެއް ބަޔަކަށް ދެ ފަހަރު މި ޕެންޝަން ދެވެނީ. ރިޓަޔަމަންޓް ޕެންޝަން ސްކީމުން އެބަ ދައުލަތުން ހަތް ޕަސެންޓް ލައިދޭ. ދެން އަނެއްކާ ކީއްވެގެންހޭ ރިޓަޔާ ވާ އިރު އެއްފަހަރާ ބޮޑު އަދަދެއް ދީފައި ކޮންމެ މަހަކު އިތުރަށް ފައިސާ މިދެނީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ރިޓަޔަމަންޓް ޕެންޝަން ސްކީމު އައުމުގެ ކުރިން ސަރުކާރުން އަމަލުކުރަމުން ދިޔައީ ދައުލަތަށް ހިދުމަތްކުރާތާ 20 އަހަރު ނުވަތަ 40 އަހަރުވުމުން ޕެންޝަނެއް ދޭން ޖެހޭ އުސޫލެކެވެ. މި އުސޫލުގައި އޮންނަ ގޮތުން 20 އަހަރު ދައުލަތަށް ހިދުމަތްކޮށްފި ނަމަ އެ މީހަކަށް ލިބޭ މުސާރައިގެ 50 ޕަސެންޓް ކޮންމެ މަހަކު ލިބޭނެ އެވެ. އަދި 40 އަހަރު ހޭދަކޮށްފި ނަމަ 100 ޕަސެންޓް މުސާރަ އެއްކޮށް ލިބޭނެ އެވެ. އޭރު ސަރުކާރުން މިފަދަ އުސޫލެއް އެކުލަވާލީ ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
މާލޭގެ ހަލަބޮލި މަގެއް: ޑަބަލް ޕެންޝަން ސްކީމު މި ވަގުތު ހިންގަނީ 13 މުއައްސަސާއަކުން. އެންމެ ބޮޑު ޕެންޝަނެއް ދެނީ ފުލުހުންނަށް
ސަރުކާރުން 2009 ވަނަ އަހަރު އާ ރިޓަޔަމަންޓް ޕެންޝަން ގާނޫނާ އެކު މި އުސޫލު ވަނީ އުވި ގޮސްފަ އެވެ. އެހެން ނަމަވެސް ޕެންޝަން ގާނޫނު މަޖިލީހަށް ފޮނުވާފައި ވަނިކޮށް އެ ގާނޫނު ފާސް ނުކޮށް އޭރުގެ ރައްޔިތުންގެ މަޖިލީހުން ސިވިލް ސާވިސް ގާނޫނު ފާސްކުރުމާ އެކު މުޅި ޕެންޝަން ސްކީމު އޮޅުން ބޮޅުންވި އެވެ. ސިވިލް ސާވިސް ގާނޫނުގައި ވާގޮތުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން 65 އަހަރުވުމުން ވަޒީފާއިން ރިޓަޔާކުރަން ޖެހެ އެވެ.
"މި ނިޒާމު މިހާރު އޮތްގޮތުން ފުލުހުންނާއި ސިފައިންނާއި ޖުޑިޝަރީ އެބަޖެހޭ ހިތް ރުއްސަން. އެއީ އެތައް ބައިވަރު އާއިލާތަކެއް. އެތައް ބައިވަރު ވޯޓެއް. ވަކިވަކި ޕެންޝަން ނިޒާމުތައް އުވާލައިފި ނަމަ މިފަދަ އިދާރާތަކަށް އެންމެ ބޮޑު ގެއްލުމެއް މިވަނީ. އެހެންވެ އެ މީހުންނަށް ގެއްލުންވެދާނެތީ އެކަން ނުކުރެވެނީ."
މިފަދަ ގާނޫނެއް ކުއްލިއަކަށް ކުރިމަތިވުމުން ދައުލަތުގެ އެތައް ވަޒީފާއެއްގައި ދިގު މުއްދަތެއް ވަންދެން ތިބި އެތައް ބަޔަކު އެއް ފަހަރާ ރިޓަޔާ ކުރަން ޖެހުނެވެ. އަދި އެ މީހުންނަށް ރިޓަޔާވުމަށް ހިތްވަރު ދިނުމުގެ ގޮތުން ހާއްސަ މަންފާތަކެއް ލިބޭނެ ޕެންޝަން އުސޫލުތަކެއް ވަކިވަކި މުއައްސަސާތަކުން އުފެއްދި އެވެ.
ޕެންޝަން އޮފީހުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވީ، ރާއްޖޭގައި ޕެންޝަން ނިޒާމު އިސްލާހު ނުވަނީ ވެރިންނަށް އަންނަ ސިޔާސީ ޕްރެޝަރުން ކަމަށެވެ.
މާލޭގެ މަގުމަތިން ބަޔަކު ސައިކަލުގައި ދަނީ: ސަރުކާރުން ވަނީ 2009 ވަނަ އަހަރު ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ތައާރަފްކޮށްފައި. މިއީ އެންމެންނަށް ބައިވެެރިވެވޭ ޕެންޝަން ނިޒާމެއް-- ފައިލް ފޮޓޯ: މިހާރު
"މި ނިޒާމު މިހާރު އޮތް ގޮތުން ފުލުހުންނާއި ސިފައިންނާއި ޖުޑިޝަރީ އެބަޖެހޭ ހިތް ރުއްސަން. އެއީ އެތައް ބައިވަރު އާއިލާތަކެއް. އެތައް ބައިވަރު ވޯޓެއް. ވަކިވަކި ޕެންޝަން ނިޒާމުތައް އުވާލައިފި ނަމަ މިފަދަ އިދާރާތަކަށް އެންމެ ބޮޑު ގެއްލުމެއް މިވަނީ. އެހެންވެ އެ މީހުންނަށް ގެއްލުންވެދާނެތީ އެކަން ނުކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
ސިޔާސީ މަންފާތަކެއް ހާސިލުކުރަން ވަކިވަކި ޕެންޝަން ސްކީމުތައް ކުރިއަށް ގެންދާނަމަ، ދައުލަތުގެ ހަރަދުތައް އެތައް ގުނައަކަށް އިތުރުވެ، ތަރައްގީގެ ޕްރޮޖެކްޓްތަކަށް ހޭދަކުރަންޖެހޭ ވަރު ކުޑަވާނެ ކަމަށެވެ.
"މިހާރު ޕެންޝަނަށް ބިލިއަނުން ދައުލަތުގެ ބަޖެޓުން ތިހޭދަ ކުރަނީ. ބިލިއަން ރުފިޔާ އިން ކިތައް ރަށުގެ ނަރުދަމާ އެޅޭނެ. ކިތައް ރަށުގެ ބަނދަރު ހެދޭނެ. ކިތައް ރަށުގެ މަގު ހެދޭނެ،" އޭނާ ސުވާލު އުފެއްދެވި އެވެ.
އޮޑިޓް އޮފީހުން 2015 ވަނަ އަހަރު ވަނީ ވަކިވަކި ޕެންޝަން ސްކީމުތައް ނެގުމުން ދައުލަތުގެ ހަރަދުތައް އެތައް ގުނައަކަށް ބޮޑުވާ ކަން ފާހަގަކޮށްފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން މިހާރު ދޭ އުސޫލުން ޕެންޝަން ދޭ ނަމަ 2030 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން 4.3 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ.
ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ، ވަކި ވަކި އިދާރާތަކަށް ހާއްސަ ޕެންޝަނެއް ދިނުމަކީ ވަރަށް ބޭއިންސާފު ކަމެއް ކަމަށެވެ. އަދި މިއީ އިސްރާފެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ޕަބްލިކް ފައިނޭންސް އިން ހޭދަވާ ވަރަށް ބޮޑު ހަރަދެއް. މިއީ އެހާ އިންސާފުވެރި އުސޫލެއް ކަމަށް ގަބޫލެއް ނުކުރަން. ސަބަބަކީ މީގެއިން މަންފާ ވަނީ ވަކި ބަޔަކަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިއީ ހައްލު ބޭނުންވެފައިވާ ކަމެއް ކަމަށެވެ. ރާއްޖޭގައި ކުރިއަށް އޮތްތަނުގައި އާބާދީގައި ގިނަވާނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވާއިރު ދައުލަތުން ބޮޑު ހޭދައެއް ކުރާ މިފަދަ ޕެންޝަން ސްކީމުތަކުގެ ބުރަ އިހުސާސްކުރަން ޖެހޭނީ އަންނަ އޮތް ޖީލުގައި ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުވަޝް ވިދާޅުވީ، ޕެންޝަންގެ ވަކި ވަކި އިދާރާތަކަށް ހާއްސަ އުސޫލެއް އޮތުން މުހިއްމު ނޫން ކަމަށެވެ. އޭގެ ބަދަލުގައި ބޭނުންވަނީ ހުރިހާ އެންމެންނަށް ހަމަހަމަ ރިޓަޔަމަންޓް ނިޒާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޑަބަލް ޕެންޝަންތަކަށް ދައުލަތުގެ ބަޖެޓުން ހޭދަވާ ވަރު.އެއް އަހަރަށް ވުރެ އަނެއް އަހަރު ޕެންޝަނަށް ހޭދަކުރާ ވަރު ބޮޑުވޭ--ފޮޓޯ:މިހާރު
ޕެންޝަން ނިޒާމުގައި އުފެދިފައިވާ މި ބާގަނޑު ބައްދާލައި މައްސަލައަށް ހައްލެއް ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ޕެންޝަން ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ވިދާޅުވެ އެވެ. ސަބަބަކީ ވަކި ބަޔަކަށް ލިބެމުން އަންނަ މަންފާތަކެއް ކުއްލިއަކަށް ހުއްޓާލުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާތީ އެވެ. އެހެން ނަމަވެސް މިއީ މަޑުމަޑުން ވަކި ގަވައިދެއްގެ ތެރެއިން "ފޭސް އައުޓް" ކުރަން ޖެހޭ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
"މިހާރު ކަނޑައެޅިދާނެ މިވެނި އަހަރަކުން ފެށިގެން މިފަދަ ސްކީމުތަކަށް އަމަލު ނުކުރާނެ ކަމަށް. ކުއްލިއަކަށް މިފަދަ ނިންމުމެއް ނިންމަން ސަރުކާރަށް ވަރަށް އުނދަގޫވާނެ. އެކަމަކު މިއީ ކުރުން ވަރަށް މުހިއްމު ކަމެއް. މުނި ޕަބްލިކް ސެކްޓާ ހާމޮނައިޒް ކުރަން މިއީ ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ސަރުވަޝް ވިދާޅުވީ، މިފަދަ ކަމެއް ނިންމުމަށް ހަދަން ޖެހޭ ގާނޫނުތައް ހެދުން ވަރަށް މުހިއްމު ކަމަށެވެ. އެކަން އެގޮތަށް ކުރުމުން ވަކި އުސޫލެއްގެ ތެރެއިން މިފަދަ ޕެންޝަން ސްކީމުތައް ހުއްޓާލާނެ މަގު ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ގާނޫނުތަކާއި ގަވައިދުތަކުން ވަކި ވަކި ޕެންޝަން ސްކީމުތައް ހިންގުމުގެ ފުރުސަތު މުއައްސަސާތަކަށް އެބަ އޮތް. އެކަން އެގޮތަށް ނުކުރެވޭނެ ގޮތް އެބަޖެހޭ ހަދަން،" އޭނާ ވިދާޅުވި އެވެ.
ޕެންޝަން އޮފީހުން ބުނީ ރާއްޖޭގެ ޕެންޝަން ނިޒާމު ދެމެހެއްޓިނިވި ގޮތެއްގައި ކުރިޔަށް ގެންދެވޭނީ މިފަދަ ސްކީމުތަކުގެ ތެރެއިން ޕެންޝަން ދިނުމުގެ ކަންކަން ހަމަހަމަ ކޮށްގެން ކަމަށެވެ. އަދި ޑަބަލް ޕެންޝަން ފަދަ ސްކީމުތަކުގެ ސަބަބުން މުޅި ޕެންޝަން ނިޒާމަށް ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމަށް އެ އޮފީހުން ބުނެޏްވެ.
ޕެންޝަން އޮފީހުގެ އިތުރުން އޮޑިޓް އޮފީހުން 2015 ވަނަ އަހަރު ކޮށްފައިވާ ހާއްސަ އޮޑިޓްގައި ވެސް ވަނީ ޕެންޝަނަށް ކުރާ ހަރަދު ކުޑަ ކުރުމަށް މުއައްސަސާތަކުގެ އަމިއްލަ ޕެންޝަން ސްކީމުތައް ހުއްޓާލަން ޖެހޭކަން ފާހަގަކޮށްފަ އެވެ. އަދި އަލަށް މިފަދަ ސްކީމުތައް ނުއުފެއްދޭނެ ގޮތްތަކެއް އެކުލަވާލައި ވަކި ވަކި އިދާރާތަކަށް ލިބޭ "ޑަބަލް ޕެންޝަން" ލިބުން ހުއްޓުމަކަށް ގެނައުން ވަރަށް މުހިއްމު ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.
"ޕެންޝަންގެ އަސާސްތަކާ ރާއްޖެ ވަނީ ހިލާފުވެފައި"
ޕެންޝަން ފަންޑާ ކުޅެން ނޫޅޭ! އެއީ ފަހަށް ރައްކާކުރުން
ޕެންޝަން އޮފީސް: އެންމެ ބޮޑު ފަންޑް ފުޅާކުރުމުގައި
ޕެންޝަން ނިޒާމަށް އެދެވޭ ކުރިއެރުންތަކެއް
ޕެންޝަން ފައިސާ ލިބެންވީ ގައިބާރު ދޫވުމުންތަ؟!
ޑައުން ޕޭމަންޓް އެއްބަސްވުމުގައި އެމްސީބީ ސޮއިކޮށްފި
ޑައުން ޕޭމަންޓް ދައްކަން ސީބީއެމްއާ އެކު ސޮއިކޮށްފި
ޕެންޝަން ފަންޑުގެ އިދާރީ ފީ ކުޑަކުރަނީ
ޕެންޝަންގައި ބައިވެރިނުވެގެން ކުރާ ޖޫރިމަނާ ކުޑަކޮށްފި
ޕެންޝަނުން ގެ ގަންނަ ލޯނު އެމްއައިބީ، އެމްއެފްއެލްސީން