ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހަރަދުގައި މާލޭގައި އިމާރާތް ކޮށްފައިވާ ސަލްމާން މިސްކިތް އަންނަ ހުކުރު ނަމާދުން ފެށިގެން ބޭނުންކުރަން ފަށަން ސަރުކާރުން ނިންމައިފި އެވެ.
28 މާޗް 2022
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހަރަދުގައި މާލޭގައި އިމާރާތް ކޮށްފައިވާ ސަލްމާން މިސްކިތް އަންނަ ހުކުރު ނަމާދުން ފެށިގެން ބޭނުންކުރަން ފަށަން ސަރުކާރުން ނިންމައިފި އެވެ.
ނަމަވެސް އެ ތަން ރަސްމީކޮށް ހުޅުވާނީ ފަހުގެ ތާރީހެއްގަ އެވެ.
ކުރިއަށް އޮތް ރޯދަމަހަށް އިސްލާމިކް މިނިސްޓްރީން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވީ، ސަލްމާން މިސްކިތުގައި ނަމާދުކުރަން ފަށަން ވާންޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ތަރާވީހު ވެސް އެ ތަނުގައި ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.
އިސްލާމިކް މިނިސްޓްރީން ރޯދަ މަހަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިސްލާމީ މަރުކަޒުގައި ހެނދުނު ބޭއްވި ޕްރެސްގައި މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ސަލްމާން މިސްކިތުގައި ނަމާދުކުރަން ފެށިޔަސް އަދި ނިންމާފައި ވަނީ އެ މިސްކިތުގެ އެހެން ބައިތައް ބޭނުން ނުކުރާށެވެ. މިސްކިތުގެ އެހެން ތަންތަނަށް ބޭނުންވާ ފަރުނީޗަރާއި އޮފީސް ބަޔަށް ބޭނުންވާ އެއްޗެހި އަދި ނުލިބެ އެވެ. އެ މިސްކިތް ރަސްމީކޮށް ހުޅުވަން ނިންމާފައިވާ ވަނީ އެ ހުރިހާ އެއްޗެއް ހަމަވުމުންނެވެ.
ސަލްމާން މިސްކިތް އަވަހަށް ހުޅުވުމުގެ މަސައްކަތް ކުރުމަށް ސައުދީ ސަރުކާރުން ފަހުން ދޭން ބުނި ދެ މިލިއަން ޑޮލަރު ހަމަޖައްސައިދިނުމަށް ރައީސް އޮފީހުގައި އިސްލާމިކް މިނިސްޓްރީން އެދިފައިވާއިރު، އެ ފައިސާ ލިބިފައިވޭތޯ ނޫސްވެރިޔަކު ސުވާލުކުރުމުން މިނިސްޓަރު މިއަދު ވިދާޅުވީ އަދިވެސް އެ ފައިސާ ނުލިބޭ ކަމަށެވެ.
ސައޫދީ ސަރުކާރުގެ ހަރަދުގައި މާލޭގައި އިމާރާތް ކުރި ސަލާމް މިސްކިތުގެ އެތެރެ: ވައްކޮށް ހަދާފައި ހުރި މިސްކިތުގައި އަންނަ ހުކުރު ދުވަހު ނަމާދުކުރަން ފަށާނެ.-- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
"...[ސަލްމާން މިސްކިތަށް] ބޭނުންވާ ފަރުނީޗަރާއި އެހެނިހެން އެއްޗެހި ހޯދުމަށް ސަރުކާރުން ވަނީ 2.6 މިލިއަން ރުފިޔާ ދީފައި. ސައުދީން ދޭން ބުނި ދެ މިލިއަން ޑޮލަރު ލިބޭނެ ކަމުގެ ފެހި ސިގްނަލް ވެސް ވަނީ ލިބިފައި. ވަރަށް އަވަހަށް އެ ފައިސާ ދެއްވާނެ ކަމަށް [ސަރުކާރުން] ބުނެފައިވޭ،" ޑރ. ޒާހިރު ވިދާޅުވި އެވެ.
ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އިމާރާތްކުރި މިސްކިތުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރެވެ. ދެ އަހަރުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމިޔަސް، ތަފާތު އެކި ސަބަބުތަކާ ހުރެ އިމާރާތް ބޭނުންކުރަން ފެށިފައެއް ނުވެ އެވެ.
ސަލްމާން މިސްކިތް ނުހުޅުވި ލަސްވެގެންދާތީ އާއްމުންގެ ބޮޑެތި ފާޑުކިޔުންތައް ވެސް ސަރުކާރަށް އަމާޒުވެފައިވެ އެވެ.
ކުޑަކުދިން އިމާމުވެ ނަމާދު ނުކުރަން އަންގައިފި
މާވެޔޮ މިސްކިތް ނިންމައި، ސަރުކާރާ ހަވާލުކޮށްފި
އާންމު ހާލަތުގައި ހުރި ރަށްރަށުގެ މިސްކިތްތައް ހުޅުވަނީ
ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފި
ރޯދައަށް މާލޭގައި ތިން މިސްކިތް ހުޅުވާނެ: މިނިސްޓަރު
ހުތުބާގެ ވާހަކަތައް މިނިސްޓަރު ދިފާއު ކުރައްވައިފި
މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް ހަދަނީ
ދިއްދޫ އިސްލާމިކް ސެންޓަރު އަޅަން އާރްސީސީއަށް
ސަލްމާން މިސްކިތް ނުހުޅުވި އަނެއް ރޯދަމަސް އަންނަނީ!
ފައިސާ ބޭނުންކުރީ މިސްކިތްތަކުގެ މަރާމާތަށް: މުއިއްޒު