Roadha Mihaaru
އިޔާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއު ހަ ރަށެއްގައި

އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫއު އާބާދީ ބޮޑު ހަ ރަށަށް

29 މާޗް 2022

އާބާދީ އެންމެ ބޮޑު ހަ ރަށުގައި އަވިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބޮޑު މަޝްރޫއުއެއް ހިންގުމަށް އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އާބާދީ އެންމެ ބޮޑު ހަ ރަށުގައި އަވިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބޮޑު މަޝްރޫއުއެއް ހިންގުމަށް އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފި އެވެ.

އެއީ ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ހިންގަމުން އަންނަ އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނުއުވަބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއުއެކެވެ. ރާއްޖޭގެ ތިން ސިޓީ ކުޅުދުއްފުއްޓާއި ފުވައްމުލައް އަދި އައްޑޫ ހިމެނޭ ގޮތަށް އެ މަޝްރޫއު ދެން ކުރިއަށް ގެންދާނީ ބ. އޭދަފުއްޓާއި ޅ. ހިންނަވަރު އަދި ގދ. ތިނަދޫގަ އެވެ. އެ ރަށްތަކުގައި ގާއިމްކުރާނީ އަވިން 11 މެގަވޮޓްގެ ކަރަންޓް އުފެއްދޭ ނިޒާމެކެވެ.

މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރީ މިއަދު ހެނދުނު ހ. މީރުމާ ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ސަރުކާރާއި އެންވަޔަޒަމަންޓް މިނިސްޓްރީ އާއި ވޯލްޑް ބޭންކްގެ އިސްވެރިންނާއި އަދި އެ މަޝްރޫއު ހަވާލުކުރި މެލޭޝިއާގެ މެގަ ފަސްޓް ޕަވަ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް ކުންފުންޏާއި ޕަވަ ޗައިނާ ހުއަޑޮން އިންޖިނިއަރިން ކޯޕަރޭޝަންގެ ޖޮއިންޓް ވެންޗާގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި މަޝްރޫއު ހިންގާ ރަށްތަކުގެ ކައުންސިލްތަކުން ވެސް ބައިވެރިވި އެވެ.

އަވިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއުގައި ސޮއިކުރި ރަސްމިއްޔާތުގައި ގދ. ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ (ކ-1) އަދި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް (ކ-2).-- ފޮޓޯ: ނިޝާން އަލީ / މިހާރު

އަވިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއުގައި ސޮއިކުރި ރަސްމިއްޔާތުގައި ގދ. ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ (ކ-1) އަދި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް (ކ-2).-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ، ދުބާއީގައި ހުންނަވައި ވާޗުއަލްކޮށް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. މެގަ ފަސްޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން، ޗިން ސަން އެވެ. އަދި ޖޮއިންޓް ވެންޗާގައި ހިމެނޭ ޕަވަ ޗައިނާ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސޮންގް ކިން ގޯ އެވެ.

ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން އުފައްދާ ކަރަންޓް، ގަނެވިއްކުމަށް ހަދާ ޕަވަ ޕާޗޭސިން އެއްބަސްވުމުގައި މެލޭޝިއާ އާއި ޗައިނާގެ ކުންފުންޏާ އެކު ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެ ކުންފުނީގެ ޑިރެކްޓަރު އަހުމަދު އަޒްލީމެވެ.

އެ މަޝްރޫއު އަށް އެއްބާރުލުން ދިނުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނާއި އެންވަޔަރަންމަންޓް މިނިސްޓްރީއާ ދެމެދު ސޮއިކުރި ކޯޕަރޭޝަން އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަލީ މާޖިދެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ އަހުމަދު އަޒްލީމެވެ.

ރަށްރަށުގައި ކަރަންޓް އުފައްދާނެ މިންވަރު

- އައްޑޫގައި ތިން މެގަވޮޓް

- ފުވައްމުލަކުގައި ދެ މެގަވޮޓް

- ގދ. ތިނަދޫގައި ދެ މެގަވޮޓް

- ކުޅުދުއްފުށީގައި 1.5 މެގަވޮޓް

- ބ. އޭދަފުށީގައި 1.5 މެގަވޮޓް

- ޅ. ހިންނަވަރުގައި އެއް މެގަވޮޓް

އެންވަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މެލޭޝިއާގެ މެގަ ފަސްޓް އާއި ޗައިނާގެ ޕަވަ ޗައިނާ އަކީ އެސްޕަޔާ ޕްރޮޖެކްޓްގެ ދަށުން 11 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތައް އުފައްދާ ނިޒާމު ގާއިމްކުރުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރި 34 ކުންފުނީގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހެޅި ކުންފުނިތަކެވެ.

އަވިން ހަކަތަ އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރާއި އެންވަޔަޒަމަންޓް މިނިސްޓްރީ އާއި ވޯލްޑް ބޭންކާއި މެގަ ފަސްޓާއި ޕަވަ ޗައިނާ އާއި ފެނަކަ ކޯޕަރޭޝަނާއި އަދި ރަށު ކައުންސިލްތަކުގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އަވިން ހަކަތަ އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރާއި އެންވަޔަޒަމަންޓް މިނިސްޓްރީ އާއި ވޯލްޑް ބޭންކާއި މެގަ ފަސްޓާއި ޕަވަ ޗައިނާ އާއި ފެނަކަ ކޯޕަރޭޝަނާއި އަދި ރަށު ކައުންސިލްތަކުގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އުފައްދާ ކަރަންޓް ވިއްކުމަށް ހުށަހަޅާފައި ވަނީ 15 އަހަރުގެ މުއްދަތަށް ޔުނިޓަކަށް 9.9 ޔޫއެސް ސެންޓް (1.52ރ.) އަށެވެ. އެއީ މިހާތަނަށް ރާއްޖޭގައި ކަރަންޓް ގަނެވިއްކުމަށް ހަދާ ޕަވާ ޕާޗޭސިން އެއްބަސްވުމުގެ ދަށުން ހުށަހެޅުނު އެންމެ ކުޑަ އަގެވެ. މިނިސްޓްރީން ބުނި ގޮތުގައި އެއީ އެވްރެޖްކޮށް ޑީސަލުން ކަރަންޓް އުފައްދާ އަގުގެ 50 ޕަސެންޓަށް ވުރެ ކުޑަ އަގެކެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރު ކުރީކޮޅުގަ އެވެ. އަހަރަކު 18 މިލިއަން ޔުނިޓްގެ ކަރަންޓް އުފައްދާނެ ކަމަށް ލަފާކުރާ އެ މަޝްރޫއުގެ މަސައްކަތް ނިންމައި އަންނަ އަހަރު ފަހުކޮޅު ކަރަންޓް ދޭން ފަށާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަވިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި (ވ-ކ) މޭލެޝިއާގެ މެގަ ފަސްޓްގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން ޗިން ސަން އާއި ޕަވަ ޗައިނާގެ ޖެނެރަލް މެނޭޖާ ސޮންގް ކިން ގޯ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އަވިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި (ވ-ކ) މޭލެޝިއާގެ މެގަ ފަސްޓްގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން ޗިން ސަން އާއި ޕަވަ ޗައިނާގެ ޖެނެރަލް މެނޭޖާ ސޮންގް ކިން ގޯ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް.-- ފޮޓޯ: ނިޝާން އަލީ / މިހާރު

"އަހަރަކު ކަރަންޓް އުފައްދަން ބޭނުންކުރާ ޑީސަލުން ގާތްގަނޑަކަށް 4.8 މިލިއަން ލީޓަރުގެ މަދުކުރެވި ޑީސަލް ގަންނަން ކުރާ ހޭދައިން 39 މިލިއަން ރުފިޔާ ކުޑަކުރެވޭނެ. ނަމަވެސް، މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ލީޓަރަކަށް 10 ރުފިޔާގެ ރޭޓުން ބަލާ ނަމަ ދައުލަތުން ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 55 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ. އަދި މި މަޝްރޫއުގެ ސަބަބުން އަހަރަކަށް 12،694 މެޓްރިކްޓަނުގެ ވިހަގޭސް މަދުކުރެވޭނެ،" އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

އެސްޕަޔާ ޕްރޮޖެކްޓްގެ ދަށުން މާލެ އަށް ބޭނުންވާ ކަރަންޓް އަވިން އުފެއްދުމުގެ ގޮތުން ސިނަމާލެ ބްރިޖުގެ ލިންކް ރޯޑުގެ އެއް ފަރާތުގައި ސޯލާ ޕެނަލް ބެހެއްޓުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ޖުލައިގައި ފަށާއި، އަހަރުގެ ފަހުކޮޅު ހިދުމަތް ދޭން ފަށަން ވެސް ވަނީ ނިންމައިފަ އެވެ.

އެ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި ހުޅުމާލޭގެ 1،000 ހައުސިން ޔުނިޓުގައި މިހާރު ވެސް 1.5 މެގަވޮޓްގެ ސޯލާ ޕެނަލް ހަރުކޮށްފައިވެ އެވެ. އެ ޕެނަލްތައް މެދުވެރިކޮށް 2018 ވަނަ އަހަރުން ފެށިގެން އަންނަނީ ކަރަންޓް ނަގަމުންނެވެ.

މާލެ އާއި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހިންގާ އެސްޕަޔާ ޕްރޮޖެކްޓަށް 16 މިލިއަން ޑޮލަރު ކަނޑައަޅާފައިވެ އެވެ.

އެސްޕަޔާ ޕްރޮޖެކްޓްގެ އިތުރުން ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ "އެރައިސް" ޕްރޮޖެކްޓުން ވެސް ރާއްޖޭގެ އެކި ރަށްތަކުގައި އިޔާދަކުރަނިވި ހަކަތައިގެ ނިޒާމާއި ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމަށް އިއުލާނުކޮށްފައިވެ އެވެ. އެ ރަށްތަކުގެ ތެރޭގައި ގއ. ވިލިނގިލި، ށ. ފުނަދޫ، ޅ. ނައިފަރު އަދި ލ. އަތޮޅުގެ ބައެއް ރަށްތައް ހިމެނެ އެވެ.