Roadha Mihaaru
ދުނިޔޭގެ އެންމެ ހަލުވި މިސައިލް ޔޫކްރޭނަށް

ދުނިޔޭގެ އެންމެ ހަލުވި މިސައިލް ޔޫކްރޭނަށް

29 މާޗް 2022

މަތިންދާބޯޓަށް ހަމަލާ ދިނުމަށް ދުނިޔޭގައި މި ވަގުތު އުފައްދާފައި ހުރި މިސައިލްތަކުގެ ތެރެއިން، އެންމެ ބާރަށް ދަތުރުކުރާ މިސައިލް ޔޫކްރޭނަށް ފޮނުވައިފި އެވެ.

މަތިންދާބޯޓަށް ހަމަލާ ދިނުމަށް ދުނިޔޭގައި މި ވަގުތު އުފައްދާފައި ހުރި މިސައިލްތަކުގެ ތެރެއިން، އެންމެ ބާރަށް ދަތުރުކުރާ މިސައިލް ޔޫކްރޭނަށް ފޮނުވައިފި އެވެ.

އިނގިރޭސި އަސްކަރިއްޔާ އިން ހަރަދުކޮށް އަޔަލޭންޑްގެ ކުންފުންޏަކުން އުފައްދާފައިވާ، މަތިންދާބޯޓަށް ހަމަލާދޭ މިސައިލް ނިޒާމް، ސްޓާސްޓްރީކް މިހާރު ވަނީ ޔޫކްރޭނަށް ގެންގޮސް ހަނގުރާމައިގެ މައިދާނަށް ނެރެފައި ކަމަށް، އިނގިރޭސި ދިފާއީ ވަޒީރު ބެން ވެލޭސް އިއްޔެ ވިދާޅުވި އެވެ. އަދި ޔޫކްރޭންގެ ސިފައިން މިހާރު ވަނީ އެބާވަތުގެ މިސައިލް ނިޒާމު ބޭނުންކުރާނެ ގޮތުގެ ތަމްރީންތައް ފުރިހަމަ ކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ އަސްކަރިއްޔާގައި ބޭނުންކުރުމަށް 1997 ވަނަ އަހަރުން ފެށިގެން ހުއްދަ ދީފައިވާ، ގަޑިއަކު 5,000 ކިލޯމީޓަރު ބާރުމިނުގައި ދަތުރުކުރާ ސްޓާސްޓްރީކް، ހަނގުރާމައިގެ މައިދާނަކަށް ނެރުނު މިއީ ފުރަތަމަ ފަހަރެވެ. ޔޫކްރޭން ސިފައިން މިބާވަތުގެ މިސައިލް ބޭނުންކުރަން ފެށުމަކީ، މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ވައިގެ މަގުން ހަމަލާތައް ދިނުމުގައި ބައިވެރިވާ ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ނުރައްކަލެކެވެ.

ޔޫކްރޭން ހަނގުރާމަ ފެށުނު ފަހުން، އިނގިރޭސި ވިލާތުގެ އަސްކަރީ ސިނާއަތަށް ލިބޭ މަންފާ އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެ ގައުމުގައި އުފައްދާފައިވާ ގިނަ އަދަދެއްގެ މިސައިލާއި އަސްކަރީ ހާޑްވެއާ ވެސް ވަނީ ޔޫކްރޭނަށް ވިއްކައިފަ އެވެ.

ހަމައެކަނި އިނގިރޭސި ވިލާތުން ވެސް، މަތިންދާބޯޓަށް ހަމަލާދޭ މިސައިލާއި ޓޭންކަށް ހަމަލާދޭ ބާވަތުގެ 10,000 އަށް ވުރެ ގިނަ މިސައިލް މިހާތަނަށް ޔޫކްރޭނަށް ފޮނުވައިފި އެވެ. އަދި އެ ބާވަތުގެ ހަތިޔާރުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީންތައް ޔޫކްރޭންގެ ސިފައިންނަށް ދެމުން އަންނަނީ ވެސް އިނގިރޭސި ވިލާތާއި ނޭޓޯގެ ގައުމުތަކުގެ އަސްކަރީ ތަޖުރިބާކާރުންނެވެ.

ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާ ދެކޮޅަށް މައިގަނޑު ގޮތެއްގައި ޔޫކްރޭނުން މިހާތަނަށް ބޭނުންކުރަމުން އައީ، ހޫނަށް ދަތުރުކުރާ ބާވަތުގެ މިސައިލެވެ. ހޫނަށް ދަތުރުކުރާ ބާވަތުގެ މިސައިލަކީ، އޭތި އަމާޒުކޮށް ފޮނުވައިލާ މަތިންދާބޯޓުން ދޫކޮށްލާ މެގްނީޒިއަމްގެ ކަނިތަކެއްގެ ސަބަބުން އޭގެ މިސްރާބު ބަދަލުވެގެންދާ މިސައިލެކެވެ.

އެއާ ޚިލާފަށް ލޭޒާގެ އެހީގައި މިސްރާބު ދެނެގަންނަ ގޮތަށް އުފައްދާފައިވާ މިސައިލަކީ، މަތިންދާބޯޓުތަކުން ދޫކުރާ މެގްނީޒިއަމް ކަނިތަކުން އޭގެ މިސްރާބަށް އެއްވެސް އަސަރެއް ނުކުރާ ހަތިޔާރެކެވެ.

އޭގެ އިތުރުން ސްޓާސްޓްރީކް ނިޒާމުގައި ބޭނުންކުރާ މިސައިލަކީ އަޑަށް ވުރެ ތިން ގުނަ ބާރަށް ދަތުރުކުރާ ހަތިޔާރަކެވެ. އަދި ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާ ދެކޮޅަށް މިހާރު ޔޫކްރޭން ސިފައިން އާންމުކޮށް ބޭނުންކުރާ ސްޓިންގަ މިސައިލަށް ވުރެ ވެސް ބާރަށް ދަތުރުކުރާ ހަތިޔާރަކަށްވުމުން، ސްޓާސްޓްރީކް މިސައިލުން ރެކިގަތުމަކީ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ.