Roadha Mihaaru
ހިދުމަތް ހޯދުމުގައި ހުރި ދަތިތައް އެމްޕީއެލުން ބަލައިފި

އެމްޕީއެލްގެ ހިދުމަތް ހޯދުމުގައި ހުރި ދަތިތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފި

01 އެޕްރީލް 2022

މާލޭގެ ވިޔަފާރި ބަނދަރުން ހިދުމަތް ހޯދާ ކުންފުނިތަކުގެ އިސްވެރިންނާ އެމްޕީއެލްގެ އެންމެ އިސްވެރިން ބައްދަލުކުރައްވައި އެ މީހުންނަށް ދިމާވާ ދަތިތަކުގެ މައުލޫމާތު ހޯދައިފި އެވެ.

މާލޭގެ ވިޔަފާރި ބަނދަރުން ހިދުމަތް ހޯދާ ކުންފުނިތަކުގެ އިސްވެރިންނާ އެމްޕީއެލްގެ އެންމެ އިސްވެރިން ބައްދަލުކުރައްވައި އެ މީހުންނަށް ދިމާވާ ދަތިތަކުގެ މައުލޫމާތު ހޯދައިފި އެވެ.

އެ މަޝްވަރާ ބައްދަލުވުން ބޭއްވީ އެމްޕީއެލްގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް އިފްތިތާހު ކުރުމަށް ކްރޮސްރޯޑްސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތަށް ފަހު އެވެ. އެމްޕީއެލުން ހިދުމަތް ހޯދާ ކްލިއަރިން އެޖެންޓުންނާއި އިމްޕޯޓަރުން އަދި ޝިޕިން އެޖެންޓުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވި އެވެ.

އެމްޕީއެލްގެ ފަރާތުން އެ ބައްދަލުވުމުގައި މައުލޫމާތު ދެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ އާއި ޗީފް އޮޕަރޭޝަންސް އޮފިސަރު މުހައްމަދު މަސީހު އަބްދުލް ސައްތާރާއި ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ތޮލްހަތު ސައީދާއި ޗީފް އިންފޮމޭޝަން އޮފިސަރު އާދަމް ޝިފާން އަދި ޗީފް ރިސްކް އޮފިސަރު އިބްރާހިމް ޒާހިރާއި ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މުއިއްޒެވެ.

އެ ބައްދަލުވުމުގައި ސްޓޭކްހޮލްޑަރުން ވަނީ އެމްޕީއެލުން ހިދުމަތް ހޯދުމުގައި މިހާރު ހުރި ދަތިތަކާއި ކަންބޮޑުވުންތައް އެ ކުންފުނީގެ ޕެނަލާ ހިއްސާކޮށްފަ އެވެ. އަދި ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވެސް އެބައްދަލުވުމުގައި މަޝްވަރާކުރި އެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ، އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ސްޓޭކްހޮލްޑަރުންގެ ހިޔާލު މުހިންމު ކަމަށެވެ.

އެފަދަ އިތުރު ބައްދަލުވުންތައް މި އަހަރުގެ ތެރޭގައި ބާއްވަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.