Roadha Mihaaru
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން

އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން

02 ސެޕްޓެމްބަރ 2024

ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ މުދާ އެތެރެކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގައި މިދިޔަ ނުވަ މަސް ތެރޭގައި ކަން ދެއްކެވުމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އާންމު ކުރެއްވީ ގްރެފިކްސް އެކެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ މުދާ އެތެރެކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގައި މިދިޔަ ނުވަ މަސް ތެރޭގައި ކަން ދެއްކެވުމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އާންމު ކުރެއްވީ ގްރެފިކްސް އެކެވެ.

ފޭސްބުކްގައި އޭނާ އާންމު ކުރެއްވި ގްރެފިކްސް އިން ފެންނަ ގޮތުގައި މިދިޔަ ނުވަ މަސްތެރޭގައި ވަނީ ޖެނެރަލް ކާގޯގެ ގޮތުގައި 12،600 ޓަނު އަދި 5،375 ކޮންޓެއިނާ ކާގޯ އެތެރެކޮށްފަ އެވެ.

މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް އާންމުކުރި އެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން މިއީ މިދިޔަ އަހަރަށް ވުރެ އިތުރު އަދަދެކެެވެ. ޖެނެރަލް ކާގޯ ވަނީ މިދިޔަ އަހަރަށް ވުރެ 22 ޕަސެންޓު އިތުރުވެފަ އެވެ. ކޮންޓެއިނަރު އެތެރެ ކުރި އަދަދު ވަނީ ހަތަރު ޕަސެންޓު އިތުރުވެފަ އެވެ.

އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެތެރެ ކޮށްފައިވާ ކޮންޓެއިނަރުގެ އަދަދު ވަނީ 2018 ވަނަ އަހަރަށް ވުރެ ތިން ޕަސެންޓު އިތުރުވެފަ އެވެ. ޖެނެރަލް ކާގޯގެ އަދަދު ވަނީ 35 ޕަސެންޓަށް އިތުރުވެފަ އެވެ.

ވަޖީހު ވިދާޅުވީ، މި ސަރުކާރުގެ މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ރާއްޖެ އަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑަށް އިތުރުވީ މިދިޔަ ނުވަ މަސް ދުވަހު ކަމަށެވެ.

"މިއިން ދައްކައި ދެނީ، ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުމާ އެކު ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލު އަންނަން ފަށައި، އިގުތިސާދު ކުރިއަރަން ފަށާފައިވާ ކަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުން މިހާރު ފެށުމަށް ތައްޔާރު ވަމުން އަންނަ މުހިންމު ޕޮރޮޖެކްޓް ތައް ފެށުމުން، ރާއްޖޭގެ އިގުތިސާދު ދުވަހަކު ވެސް ކުރި ނާ ވަރަށް ކުރިއަރައި، ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ފުރަތަމަ ހަތް މަހު ވަނީ ދެ ބިލިއަން ޑޮލަރުގެ މުދާ ރާއްޖެ އަށް އެތެރެކޮށްފަ އެވެ. އެކަމަކު، އިމްޕޯޓު އިތުރުވި އިރު އެކްސްޕޯޓު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.