Roadha Mihaaru
ލަންކާގެ އިންތިޚާބުގައި ރާޖަޕަކްސާގެ ބޭބެ އާއި ކޮއްކޮ

ލަންކާގެ އިންތިޚާބުގައި ރާޖަޕަކްސާގެ ބޭބެ އާއި ކޮއްކޮ

08 އޮކްޓޯބަރ 2019

ކޮލަމްބޯ (އޮކްޓޯބަރު 8) - ސްރީ ލަންކާގައި އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ އެއްބަނޑުއެއްބަފައި ދެބެން ނެރެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮކްޓޯބަރު 8) - ސްރީ ލަންކާގައި އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ އެއްބަނޑުއެއްބަފައި ދެބެން ނެރެފި އެވެ.

ރާޖަޕަކްސާގެ އެންމެ ބޮޑު ބޭނުމަކީ އޭނާގެ ކޮއްކޮ ގޯޓާބޭ ރާޖަޕަކްސާ އަށް ފުރުސަތު ލިބިވަޑައިނުގެންފި ނަމަ އެ އާއިލާގެ އެންމެ ދޮށީ ބޭފުޅާ ކަމަށްވާ ޗަމަލް ރާޖަޕަކްސާ، ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ކެންޑިޑޭޓެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމެވެ. ނަމަވެސް ލަންކާގެ އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ގޯޓާބޭ އަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ނިންމައިފަ އެވެ. ލަންކާ ޕާލަމެންޓުގެ ރައީސްކަން 2010 އިން 2015 އަށް ކުރެއްވި ޗަމަލް ނެރުއްވީ ބެކަޕް ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އެހެންކަމުން ޗަމަލްގެ ކެމްޕޭނުގެ މާބޮޑު ބޭނުމެއް ދެން އޮންނާނެ ކަމަކަށް ނުބެލެވެ އެވެ.

ގޯޓާބޭ އަށް އިންތިޚާބުގައި ވާދަނުކުރެވިދާނެ ކަމަށް ބެލެވުނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނާއި އެމެރިކާގެ ރަށްވެހިކަމުގެ މައްސަލައާ ގުޅިގެންނެވެ. ގޯޓާބޭގެ އެމެރިކާ ރަށްވެހިކަން ވަނީ އެޕްރީލް މަހު ދޫކޮށްލައްވައިފަ އެވެ. ރަށްވެހިކަމާ މެދު ގޯޓާބޭއާ ދެކޮޅަށް އިސްތިއުނާފް ކޯޓަށް މި މަހު ހުށަހެޅި މައްސަލައެއް ވެސް ވަނީ ކޯޓުން ބޭރުކޮށްލައިފަ އެވެ.

ލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ގޯޓާބޭ ރާޖަޕަކްސާ.

ލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ގޯޓާބޭ ރާޖަޕަކްސާ.

ރާޖަޕަކްސާގެ ވެރިކަމުގައި ބާރުގަދަ ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ގޯޓާބޭގެ މައްޗަށް ތަފާތު ތުހުމަތުތައް ކުރި ނަމަވެސް ނޮވެމްބަރު 16 ވަނަ ދުވަހު ބާއްވާ އިންތިޚާބުގެ އެންމެ ކުރީގައި އުޅުއްވާ ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނެ އެވެ.

ގޯޓާބޭ، 70، އާ އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވެނީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ކެންޑިޑޭޓް އަދި ހައުސިން މިނިސްޓަރު ސަޖިތު ޕްރެމަދާސަ، 52، އެވެ.

މަހިންދާ ރާޖަޕަކްސާ އަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވެނީ ދެ ޓާމް ވެރިކަން ކުރައްވާފައިވާތީ އެވެ. ރާޖަޕަކްސާ ވަނީ 2005 އިން 2015 އަށް ލަންކާގެ ރައީސްކަން ކުރައްވައިފަ އެވެ. ރާޖަޕަކްސާގެ ވެރިކަމުގައި ވަނީ ލަންކާގެ 37 އަހަރުވީ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސްފަ އެވެ.

އޮގަސްޓް، 2015 ގައި ބޭއްވި ޕާލަމެންޓް އިންތިޚާބަށް ފަހު ބޮޑު ވަޒީރުކަން ހޯއްދަވަން ރާޖަޕަކްސާ މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެކަން ނާކާމިޔާބުވުމުން ހުންނެވީ އިދިކޮޅު ލީޑަރުގެ ގޮތުގަ އެވެ.

ރައީސް ސިރިސޭނާ އާއި ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ

ރައީސް ސިރިސޭނާ އާއި ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ

ގޯޓާބޭ އަށ ރައީސްކަން ލިބިއްޖެ، މީގެ ކުރިން ގާނޫނު އަސާސީ އަށް ގެނައި ބަދަލުތަކުގެ ދަށުން އިތުރު ބާރުތަކާ އެކު، ބޮޑު ވަޒީރަކަށް ވާނީ އޭނާ ކަމަށް ރާޖަޕަކްސާ ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް، ރައީސް ސިރިސޭނާ ވަނީ އެ މަގާމަށް ރާޖަޕަކްސާ ހަމަޖައްސަވައިފަ އެވެ. ނަމަވެސް އެއީ ގާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ރަނިލް ވިދާޅުވެ، މަގާމު ދޫކޮށްލައްވަން ދެކޮޅު ހެއްދުމުން އުފެދުނު ސިޔާސީ މައްސަލަ ހައްލު ކުރީ ސުޕްރީމް ކޯޓުންނެވެ. ލަންކާގެ އެންމެ މަތީ ކޯޓުން ނިންމީ ސިރިސޭނާ ގެންނެވި ބަދަލު ގޯސް ކަމަށެވެ.

ރައީސް ސިރިސޭނާ ވަނީ ދެ ވަނަ ދައުރަކަށް ވާދަނުކުރައްވަން ނިންމަވައިފަ އެވެ. މިއީ ލަންކާގައި 1978 ވަނަ އަހަރު ރިޔާސީ ނިޒާމް ތައާރަފްކުރި ފަހުން ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ކެންޑިޑޭޓަކު ނުނެރޭ ފުރަތަމަ ފަހަރެވެ.

ލަންކާގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 16 މިލިއަން މީހުންނަށް ލިބިފައިވެ އެވެ.