ދެބަސްވާނެ ހެނެއް ހިއެއް ނުވެ އެވެ؛ މާލެ އިން މި ވަގުތު ލިބެން ހުރި އެންމެ މީރު އެއް މަސްރޮއްޓަކީ މި އެވެ. މީގެ ރަހަ ހެޔޮވަރެވެ. އެތަނަށް ދާ ގިނަ މީހުން، ދެ ވަނަ ފަހަރަށް ވެސް ދާހިތްވެ އެވެ.
23 ޑިސެމްބަރ 2016
ދެބަސްވާނެ ހެނެއް ހިއެއް ނުވެ އެވެ؛ މާލެ އިން މި ވަގުތު ލިބެން ހުރި އެންމެ މީރު އެއް މަސްރޮއްޓަކީ މި އެވެ. މީގެ ރަހަ ހެޔޮވަރެވެ. އެތަނަށް ދާ ގިނަ މީހުން، ދެ ވަނަ ފަހަރަށް ވެސް ދާހިތްވެ އެވެ.
އެކަމަކު އެހެން މަސްރޮށިތަކަށް ނާޅާ ބާވަތެއް މި މަސްރޮއްޓަކަށް ވަކި ނާޅަ އެވެ. ތަފާތަކީ އަޅާ އެއްޗެހީގެ ފެންވަރެވެ. މަސްރޮށި ތައްޔާރުކުރާ ގޮތެވެ. "އޮޑެގައްލާ ކޮފީ"ގެ ތަފާތުކަން މި މަސްރޮށިން ކިތަންމެ ރަނގަޅަކަށް ވެސް ރަމްޒުކޮށްދެ އެވެ.
އޮޑެގައްލާގެ ބަދިގޭގައި މަސްރޮށި ފިހަނީ: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޝްހޫރު ވެއްޖެ
އޮޑެގައްލާއަކީ ދިވެހިންގެ ތެރޭގައި މި އޮތް ކޮފީ އަށް ދިޔުމުގެ ސަގާފަތަށް ޚިދުމަތްކުރަން މާލޭގައި މިހާތަނަށް ހުޅުވި އެންމެ ފެންވަރު ރަނގަޅު އެއް ތަނެވެ. ހުވަދު އަތޮޅުގެ ފަޅުރަށެއްގެ ނަމުން ނަން ދީފައިވާ މި ކެފޭގެ ތަނަވަސް ޖާގަ އާއި ހިތްގައިމު މާހައުލުން ހިތް ފުރޭ އިރު ލިބެން ހުރި މީރު ސްޕެޝަލިޓީ ކޮފީ އާއި ތަފާތު ބުއިންތަކާއި ކެއުންތަކުގެ ރަހަތައް ހެޔޮވަރެވެ. ޒަމާނީ މި ހިދުމަތުގެ ތެރެއިން ދިވެހިންގެ ޒަމާންވީ ހެދިކާ، މަސްރޮށި މުޅިން އެހެން ހިސާބަކަށް ވަނީ ގެންގޮސްފަ އެވެ.
އޮޑެގައްލާ ކޮފީ: މާލޭގައި މިހާތަނަށް ހުޅުވި އެންމެ ހިތްގައިމު އެއް ކެފޭ. ފޮޓޯ: އޮޑެގައްލާ
އޮޑެގައްލާގެ ބަދިގޭގައި ކޮންމެ ދުވަހަކު ވެސް ބަރާބަރު ވަކި ގަޑިއެއްގައި ކާށި ބިންނާނެ އެވެ. އެއީ ހަވީރު ސަޔަށް މަސްރޮށި ތައްޔާރުކުރަން ބޭނުންކުރާ ކާއްޓެވެ. ގަޑި ބަލައިގެން ކާށި އެ ބިންނަނީ އޭގެ ހުނި ތާޒާކޮށް ހުންނާނީ ކިހާ އިރަކުތޯ ދިރާސާކޮށްފަ އެވެ.
"މީރުކޮށް ބަހައްޓަން ވެގެން ސީދާ ހަމަ އެ ގަޑީގައި ކާށި ބިންނަނީ. އެއަށް ވުރެ އަވަހަށް ކާށި ބިނދެފިއްޔާ މަސްރޮށީގެ ރަހަ ތަފާތުވާނެ،" އޮޑެގައްލާގެ ފަރާތުން ވާހަކަ ދެއްކެވި މުހައްމަދު އަފްރަޒް ވިދާޅުވި އެވެ.
ދެން އޮތީ މި މަސްރޮށީގެ ވަރުގަދަ އަނެއް ދެ ސިއްރެވެ؛ މަހާއި މިރުހެވެ. ވަޅޯމަސް ގެންނަނީ އޮޑެގައްލާ އަށް ޚާއްސަކޮށް ދެކުނުގެ ރަށެއްގައި ވަކި ގޮތަކަށް ކައްކައި ހިއްކައިގެންނެވެ. ކިލޯއެއްގެ އަގު 130 ރުފިޔާ އަށް އަރަ އެވެ. މަސްރޮށި ހަދަން އޮޑެގައްލާ އިން ބޭނުންކުރާ މިރުހަކީ ވެސް ރާއްޖޭގައި ހައްދާ އެންމެ މަތީ ފެންވަރުގެ މިރުހެވެ. އެއިން ކިލޯއެއް މި ދުވަސްކޮޅު ގަންނަން ލިބެނީ 400 ރުފިޔާ އަށެވެ.
"މާލެ އިން އާއްމުކޮށް ލިބެން މި ހުންނަ އަގުހެޔޮ ވަޅޯމަސް ބޭނުންކުރަން ދޭތެރެއަކުން ފެށީމަ އެނގިއްޖެ މަސްރޮއްޓަށް އައި ބަދަލު. އެހެންވެ އަޅުގަނޑުމެން އަނެއްކާވެސް ކޮލިޓީ ވަޅޯމަހަށް ބަދަލުކުރީ،" އަފްރަޒު ވިދާޅުވި އެވެ.
އޮޑެގައްލާ ކޮފީގެ މަސްރޮށި ހަދަން މަސްގަނޑު ތައްޔާރުކޮށްފައި. ފޮޓޯ: އޮޑެގައްލާ
މާލޭގެ ގިނަ ތަންތަނުން ލިބެން ހުންނަ ހެދިކާއާ ޚިލާފަށް އޮޑެގައްލާގެ މަސް ރޮށީގައި މަކަރުހެދުމެއް ނޯންނާނެކަމުގެ ޔަގީންކަން އެތަނުން ދެ އެވެ. ރަހަ މީރުވާ ވަރަށް ފިޔާ، ލުނބޯ އަދި މިރުސް ބޭނުންކުރެ އެވެ. ފުއްގަނޑާ އެކަށީގެންވާ ވަރަށް މަސް އަޅަ އެވެ. މޭޒު މައްޗަށް މަސްރޮށި ގެނެސްދެނީ ފިހެލާފައި އުނދުންމަތިން ނަގާ ގޮތަށް، ހޫނުކަން މަތީގަ އެވެ.
ބާރަ ރުފިޔާ އަށް ދޭ ބޮޑު މަސްރޮށިން ފެށި ހަވީރު ސަޔަށް އޮޑެގައްލާ އިން މިހާރު ވަނީ ކަވާބާއި ކުޅި ބޯކިބާ ވެސް ތައާރަފްކޮށްފަ އެވެ. ކަވާބުގެ ބައްޓަން ފެނިފައި ހައިރާން ނުވާށެވެ. ދިގަށް ހެދުމުގެ ބަދަލުގައި ފަތާކޮށް އޮޑެގައްލާ އިން ކަވާބު ހަދަނީ ހަމަ ގަސްދުގަ އެވެ. އެއީ ވެސް މަސްރޮށީގެ ސިއްރުތައް ފަދަ އުކުޅެކެވެ. މި ރެސިޕީތައް އޮޑެގައްލާ އިން ތައްޔާރުކުރީ މީރުކޮށް ކައްކާ އުޅޭ ދިވެހި އަންހެނުންގެ ލަފާ ހޯދައި ދިރާސާތައް ކޮށްގެން ކަމަށް އެމީހުން ބުނެ އެވެ.
މާލޭގެ ބޮޑެތި އެހެން ކެފޭ/ރެސްޓޯރެންޓްތަކާ ޚިލާފަށް ދިވެހި ނަމެއް ކީ ގޮތަށް، ގިނަ ތަފާތުތަކެއް އޮޑެގައްލާ އިން އެބަ ފެނެ އެވެ. އެކަމަކު ސެޕްޓެމްބަރު މަހު އަމީނީމަގުގައި ހުޅުވި މި ކެފޭ އަދި އުޅެނީ “ހަނީމޫން” ދުވަސްކޮޅުގަ އެވެ. ވަރަށް ރަނގަޅަށް ފަށާ ތަންތަނުގެ ފެންވަރު ދުވަސްކޮޅަކުން ވެއްޓުމަކީ މާލޭގައި އާ ކަމެއް ނޫނެވެ. އޮޑެގައްލާ އަށް ވާނީ ކިހިނެއް ހެއްޔެވެ؟
"މިހާތަނަށް ކުރި ތަޖުރިބާ އަށް ބަލާފައި ބުނެވޭނީ މި ކޮލިޓީ ހިފެހެއްޓޭނޭ. ޚަރަދު ބޮޑަސް ކޮލިޓީ ދަށްކުރާކަށް ބޭނުމެއް ނުވޭ،" ރިސޯޓްތަކުގެ އެފްއެންބީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އަފްރަޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިކަން މި ކުރަނީ ވަރަށް ކުރާ ހިތުން. އަދި މާލޭގައި ފެންވަރު ރަނގަޅު ކެފޭއެއް ހުންނަން ޖެހޭނެ ކަމަށް ގަބޫލުކުރެވިގެން."
އޮޑެގައްލާ ކޮފީގެ ބޮޑު މަސްރޮށި: މި މަސްރޮށި ހަދަން ހުނި ގާނަނީ ކޮންމެ ދުވަހަކު ވެސް ވަކި ގަޑިއެއްގައި ކާށި ބިނދެގެން.
ތެދެކެވެ؛ ދެ މީހަކު ބައްދަލުވެލަން ވިޔަސް، ހިތްހަމަޖައްސާލަން ވިޔަސް މާލޭގައި ކުރަން އޮތް ކަމަކީ ކޮފީ އަށް ދިޔުމެވެ. އެކަމަކު ވަރަށް މަދު ކެފޭއަކުން ނޫނީ، ދެ ގޮތެއް ނުވާ ފެންވަރު ރަނގަޅު ޚިދުމަތެއް ނުލިބެ އެވެ. އެ އެއްޗެއްގައި ލާން ޖެހޭ ރަހަތައް ލަނީ ވެސް މަދު ފަހަރަކު އެވެ. ހެދިކާގެ ރަހަތައް ވެސް ގެއްލި، ހަގީގަތުގައި ލާން ޖެހެނީ ކޮން ރަހައެއްކަން ވެސް ނޭނގޭ ހިސާބަށް މަސްގަނޑުތަކާއި ފުއްގަނޑުތައް ގަޑުބަޑުވެއްޖެ އެވެ. މިފަދަ ޒަމާނެއްގައި އޮޑެގައްލާ އިން މި ގެނެސްދިނީ، އެއް ބަޔަކަށް، އާދަޔާޚިލާފު މީރުކަމެކެވެ.
އޮޑެގައްލާގެ "ކޮފީއަކުން ބުނެލާ"
ކެފޭ/ފިހާރަތައް ހުޅުވޭނެ ގަޑިތައް ކަނޑައަޅައިފި
ކަންގަނާ ރެސްޓޯރެންޓެއް ހުޅުވައި ދީޕިކާ އަށް ދައުވަތު
ކެފޭއެއްގެ ބަދިގޭގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
މީދާ ފެނުނު ކެފޭ ހިންގަން އަލުން ހުއްދަ ދީފި
ކެފޭއެއްގެ ކާއެއްޗެހި ބަހައްޓާ ރެކުގައި މީދާތައް ދުވަނީ
ކެފޭއެއްގައި އިންދާ ޚަބަރު ހުސްވި މީހަކު މަރުވެއްޖެ
ކެފޭއަކަށް ވަދެ ގެއްލުން ދިން ދެ މީހުން ހައްޔަރުކޮށްފި
ދެ ދުވަސް ތެރޭގައި މާލޭގައި ގިނަ މާރާމާރީތަކެއް
ކެފޭއަކަށް ބަޔަކު ވަދެ ގެއްލުންދިން މައްސަލަ ބަލަނީ