Roadha Mihaaru
އޯކަސްގެ ތެރެއަށް އަޑަށްވުރެ ބާރު މިސައިލް އިތުރުކުރަނީ

އޯކަސްގެ ތެރެއަށް އަޑަށްވުރެ ބާރު މިސައިލް އިތުރުކުރަނީ

06 އެޕްރީލް 2022

އެމެރިކާ އާއި އޮސްޓްރޭލިޔާ އަދި އިނގިރޭސި ވިލާތް ގުޅިގެން "އޯކަސް"ގެ ނަމުގައި އެކުލަވާލާފައިވާ އަސްކަރީ އެއްބާރުލުމުގެ އިއްތިހާދުގެ ދިފާއީ ނިޒާމުގެ ތެރެއަށް، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލް އިތުރުކުރުމަށް އެ ތިން ގައުމުން ނިންމައިފި އެވެ.

އެމެރިކާ އާއި އޮސްޓްރޭލިޔާ އަދި އިނގިރޭސި ވިލާތް ގުޅިގެން "އޯކަސް"ގެ ނަމުގައި އެކުލަވާލާފައިވާ އަސްކަރީ އެއްބާރުލުމުގެ އިއްތިހާދުގެ ދިފާއީ ނިޒާމުގެ ތެރެއަށް، އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލް އިތުރުކުރުމަށް އެ ތިން ގައުމުން ނިންމައިފި އެވެ.

އެ ތިން ގައުމުން އިއްޔެ ބުނި ގޮތުގައި އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލް ތަރައްގީކުރުމާއި އިލެކްޓްރޯނިކް ހަނގުރާމައިގެ ގާބިލުކަން އިތުރުކުރުމުގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދީ އެހީތެރިވުމަށް މިހާރު ވަނީ އެއްބަސްވެފަ އެވެ. ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެކުލަވައިލި އޯކަސް އިއްތިހާދުން، ކުރިން އެއްބަސްވެފައިވާ ކަންތަކުގެ ތެރޭގައި ނިއުކްލިއާ ހަކަތައިން ދުއްވާ ސަބްމެރިންގެ ޓެކްނޮލޮޖީ ހިއްސާކުރުން ހިމެނެ އެވެ.

އޯކަސް އިއްތިހާދަކީ އޭޝިޔާ އާއި ޕެސިފިކް ސަރަހައްދުގައި ޗައިނާގެ އަސްކަރީ ނުފޫޒު ފުޅާވަމުންދާތީ، އެކަމަށް ރައްދު ދިނުމުގެ ގޮތުން އެކުލަވައިލި އިއްތިހާދެކެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އިއްޔެ ނެރުއްވި ގުޅިފައިވާ ބަޔާނުގައި، ތިން ބޭފުޅުން ވިދާޅުވެފައިވަނީ އޮސްޓްރޭލިޔާ އަށް ސަބްމެރިން ފޯރުކޮށްދިނުމަށް ފަށާފައިވާ ޕްރޮގްރާމް ކުރިއަށް ދާގޮތާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި އިތުރު ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލްތަކާއި، އެފަދަ މިސައިލްތަކާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރުތަކާއި، އިލެކްޓްރޯނިކް ހަނގުރާމައިގެ ގާބިލްކަމުގެ އިތުރުން، މައުލޫމާތު ހިއްސާކުރުން ފުޅާކުރުމަށާއި ދިފާއީ އިސްނެގުންތަކުގައި މިހާރަށް ވުރެ ބޮޑަށް އެއްބާރުލުމަށް، މިއަދު އަހަރެމެން މިވަނީ އެއްބަސްވެފައި،" ތިން ވެރިންގެ ގުޅިފައިވާ ބަޔާނުގައިވެ އެވެ.

އޯކަސްގެ އިއްތިހާދުން އަލަށް އެއްބަސްވި ކަންތަކުގެ ތެރޭގައި، ސައިބަ ގާބިލްކަމާއި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާ އާއި ކުއެންޓަމް ޓެކްނޮލޮޖީ އާއި ކަނޑުއަޑީގެ ގާބިލްކަން އިތުރުކުރުމުގައި އެއްބާރުލުން ހިމެނެ އެވެ.

އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލް ތަރައްގީ ކުރުމުގެ މަޝްރޫއެއް، "ސްކައިފަޔާ"ގެ ނަމުގައި އެމެރިކާ އާއި އޮސްޓްރޭލިޔާ އިން މިހާރު ވެސް އެބަ ހިންގަ އެވެ. އިނގިރޭސި ވިލާތުން ބުނެފައިވަނީ މި މަރުހަލާގައި އެ މަޝްރޫއުގައި ބައިވެރިވާން ގަސްދު ނުކުރާ ކަމަށެވެ. ނަމަވެސް އެ މަޝްރޫއުގެ ދިރާސާތަކުގައި ތިން ގައުމުގެ ވެސް ބައިވެރިވެ އެވެ.

އަޑަށް ވުރެ ފަސް ގުނަ ބާރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިގެންވާ މިސައިލް ތަރައްގީކޮށް އުފެއްދުމަށާއި އެކަމުގެ ދިރާސާތަކަށް އިންވެސްޓް ކުރަނީ އެމެރިކާ އިންނެވެ.

އޯކަސްގެ އިއްތިހާދުން، އަޑަށް ވުރެ ބާރަށް ދަތުކުރުކުރާ ހަތިޔާރު އުފެއްދުމަށް މި އެއްބަސްވީ، ރަޝިޔާ އިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި، އަޑަށް ވުރެ 10 ގުނަ ބާރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިގެންވާ ކިންޒަލް މިސައިލް ރަޝިޔާ އިން ދެ ފަހަރެއްގެ މަތިން ބޭނުން ކޮށްފައިވަނިކޮށެވެ.