Roadha Mihaaru
ނިއުކްލިއާ ސަބްމެރިން ވިއްކުމަށް އޯކަސް އެއްބަސްވެއްޖެ

ނިއުކްލިއާ ސަބްމެރިން ވިއްކުމަށް އޯކަސް އެއްބަސްވެއްޖެ

14 މާޗް 2023

އެމެރިކާ އާއި އޮސްޓްރޭލިޔާ އަދި އިނގިރޭސި ވިލާތް ބައިވެރިވެގެން އުފައްދާފައިވާ އިއްތިހާދު، އޯކަސްގެ އެއްބަސްވުމާ އެއްގޮތަށް، އެމެރިކާ އިން އޮސްޓްރޭލިޔާ އަށް ތިން ނިއުކްލިއާ ސަބްމެރިން ވިއްކުމަށް އެއްބަސްވެ އެކަން އިއްޔެ އިއުލާން ކޮށްފި އެވެ.

އެމެރިކާގެ ސެން ޑިއޭގޯގައި އިއްޔެ ބޭއްވި މި ތިން ގައުމުގެ އެންމެ އިސް ވެރިންގެ ބައްދަލުވުމަށް ފަހު އާންމުކުރި ގުޅިފައިވާ ބަޔާނުގައިވާ ގޮތުން، އެމެރިކާގައި އުފައްދާފައިވާ ވާޖީނިއާ ގިންތީގެ ތިން ނިއުކްލިއާ ސަބްމެރިން، އޮސްޓްރޭލިޔާ އަށް ގަންނާނެ އެވެ. އަދި އޮސްޓްރޭލިޔާ ބޭނުން ނަމަ، ހަމަ މި ގިންތީގެ އިތުރު ދެ ސަބްމެރިން ގަތުމުގެ ފުރުސަތު އެ ގައުމަށް އޮންނާނެ އެވެ.

މީގެ ދޮޅު އަހަރު ކުރިން ތިން ގައުމުން ގާއިމުކުރި މި އިއްތިހާދުގެ ފަރާތުން، "މިނިވަން ހުޅުވިފައިވާ" އިންޑޯ-ޕެސިފިކް ސަރަހައްދެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރާނެ އެވެ. ބޭނުމަކީ، އެ ސަރަހައްދުގައި ފުޅާވަމުން އަންނަ ޗައިނާގެ އަސްކަރީ ނުފޫޒާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމެވެ.

މާޗް 13، 2023؛ އޯކަސް އިއްތިހާދުގައި ހިމެނޭ ތިން ގައުމުގެ ވެރިން ކަމަށްވާ (ކ-ވ) އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭޒް، ބައްދަލު ކުރައްވަނީ. --އޭއެފްޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް އަދި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭޒް ބޭއްވި ބައްދަލުކުރެއްވުމަށް ފަހު، ތިން ބޭފުޅުން އެކުގައި އާންމުކުރެއްވި ބަޔާނުގައިވާ ގޮތުން އިތުރު އެހެން ދާއިރާތަކުން ވެސް ތިން ގައުމުގެ ގުޅުން ބަދަހިކުރާނެ އެވެ. އޭގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާ އާއި އަޑަށް ވުރެ ބާރަށް ދަތުރުކުރާ ހަތިޔާރު އުފެއްދުމުގެ ދާއިރާ އާއި ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާ އިން އެއްބާރުލުން ހިމެނެ އެވެ.

އެމެރިކާގެ ސެން ޑިއޭގޯގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ބައިޑެން ވިދާޅުވި ގޮތުގައި އޯކަސް އިއްތިހާދުން އަޅާ ފިޔަވަޅުތަކަކީ، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން އެތައް އަހަރަކަށް ކަށަވަރުކޮށްދޭނެ ފިޔަވަޅުތަކެކެވެ. އަދި އިނގިރޭސި ވިލާތާއި އޮސްޓްރޭލިޔާއާ އެކުގައި މިފަދަ އިއްތިހާދެއް އެމެރިކާ އިން އުފެއްދީތީ ފަޚުވެރިވާ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

ބޮޑުވަޒީރު އެންތަނީ ވިދާޅުވި ގޮތުގައި މިއީ މިދިޔަ 65 އަހަރުގެ ތެރޭގައި އެމެރިކާގެ، ނިއުކްލިއާ ހަކަތައިން އުޅަނދު ދުއްވުމުގެ ޓެކްނޮލޮޖީ އެހެން ގައުމަކާ ހިއްސާކުރާ ފުރަތަމަ ފަހަރެވެ. އަދި އެމެރިކާގެ މުޅި ތާރީޚުގައި މިފަދަ ޓެކްނޮލޮޖީ އެހެން ގައުމަކާ ހިއްސާ ކުރާ ދެ ވަނަ ފަހަރެވެ. އެކަމަށްޓަކައި އެމެރިކާ އަށް ޝުކުރުވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވި ގޮތުގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އާއި އެފަދަ އެހެން ގޮންޖެހުންތައް އިތުރުވަމުން ދާ މި ދަނޑިވަޅުގައި، މި ތިން ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުން ވަރަށް މުހިންމެވެ. އަދި އެ ތިން ގައުމުން ދަމަހައްޓަމުން އަންނަ ކަންކަމާއި އަގުތައް ދިފާއުކުރެވޭނީ، ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމުގެ ބަދަހިކަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.