Roadha Mihaaru
"ނޭވާ 2" ގެ މެއިން ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ

"ނޭވާ 2" ގެ މެއިން ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ

10 އެޕްރީލް 2022

މަޝްހޫރު ޑައިވް ސްކޫލް ފްރީޑައިވް މޯލްޑިވްސް އިން އިންތިޒާމުކުރާ "ނޭވާ 2" ހަރަކާތުގެ މެއިން ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަޝްހޫރު ޑައިވް ސްކޫލް ފްރީޑައިވް މޯލްޑިވްސް އިން އިންތިޒާމުކުރާ "ނޭވާ 2" ހަރަކާތުގެ މެއިން ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ ހަމަޖައްސައިފި އެވެ.

"ނޭވާ 2" ގެ ހަރަކާތަކީ ވޯލްޑް ރެކޯޑެއް ހެދުމަށް ހިންގާ ބޮޑު ހަރަކާތެކެވެ. މި ހަރަކާތް އޮންނާނީ އޮކްޓޫބަރު މަހު އެވެ. މި ބޮޑު ހަރަކާތުގެ މެއިން ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ ހަމަޖެއްސި ކަމުގެ ލިޔުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަލީ ޝާހެވެ. އަދި ފްރީޑައިވް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އޯނަރު ފަހުދު ފާއިޒެވެ. މިހަރަކާތުގައި ގިނަ ބަޔަކު ވެގެން އެއް ފަހަރާ ސްޓެޓިކް އެޕްނިއާއެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. ސްޓެޓިކް އެޕްނިއާ އަކީ ކަނޑުގެ އަޑީގައި ނޭވާ ހިފަހައްޓައިގެން އޮތުމަށް ކިޔާ ނަމެވެ.

ރާއްޖޭގެ ޓޫރިޒަމުގެ ރަންޔޫބީލާ ގުޅުވައިގެން ހިންގާ މިހަރަކާތުގެ ބޭނުމަކީ ރާއްޖެއަކީ ފްރީޑައިވް ކުރުމަށް ރަނގަޅު މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހާއި ފްރީޑައިވްގެ އޯނަރު ފަހުދު ސޮއި ކުރަނީ--ފޮޓޯ:ފްރީޑައިވް

އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހާއި ފްރީޑައިވްގެ އޯނަރު ފަހުދު ސޮއި ކުރަނީ--ފޮޓޯ:ފްރީޑައިވް

"ނޭވާ 2" ހަރަކާތް ބާއްވާ އިރު 2019 ވަނަ އަހަރު ވަނީ "ނޭވާ"ގެ ނަމުގައި ފްރީ ޑައިވް ކުރުމުގެ ރެކޯޑެއް ވެސް ހަދާފަ އެވެ. އެފަހަރުގެ ހަރަކާތުގައި 521 މީހުން ބައިވެރިވި އެވެ. އެ ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތެވެ.

"ނޭވާ 2" ހަރަކާތުގައި ރިސޯޓުތަކުގެ މުވައްޒަފުންނާއި ޓޫރިޒަމް ދާއިރާގެ ބޭފުޅުން ބައިވެރިވާނެ އެވެ. މިހަރަކާތުގައި ބައިވެރިވާ މީހުންނަށް ހަތަރު ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ގެންދާނެ އެވެ. މިހަރަކާތް ހިނގާ ގޮތް ވީޑިއޯކޮށް ޑޮކިއުމެންޓްރީ ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޑޮކިއުމެންޓްރީ ނެޓްފްލިކްސް އާއި އެމެޒަން ޕްރައިމް އާއި ޔޫޓިއުބްގައި ވެސް އާންމުކުރާނެ އެވެ.