Roadha Mihaaru
ހޫނުގަދަވެ ޑިމާންޑުބޮޑުވުމުން ފެން ވިއްކުން ލިމިޓްކޮށްފި

ހޫނުގަދަވެ ޑިމާންޑް ބޮޑުވުމުން ފެން ވިއްކުން ލިމިޓްކޮށްފި

10 އެޕްރީލް 2022

ހޫނު މޫސުމާ ދިމާކޮށް ރަށްރަށުން ފެނަށް ޑިމާންޑް ބޮޑުވެ ލިމިޓްކޮށްގެން ފެން ފުޅި ވިއްކަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހޫނު މޫސުމާ ދިމާކޮށް ރަށްރަށުން ފެނަށް ޑިމާންޑް ބޮޑުވެ ލިމިޓްކޮށްގެން ފެން ފުޅި ވިއްކަން ފަށައިފި އެވެ.

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް )އައިބީއެމް( އިން ބުނީ އެ ކުންފުނިން އުފައްދާ ތާޒާ ފެނުގެ ފަސް ލިޓަރު ފުޅިން މިހާރު މާލޭގެ ފިހާރަތަކަށް މިއަދު ވިއްކަނީ ފަސް ކޭސް ކަމަށެވެ. އެ ކުންފުނިން ބުނީ މިގޮތަށް ލިމިޓްކުރަން ޖެހުނީ ހޫނު މޫސުމާ ގުޅިގެން ރަށްރަށަށް ފެން ފޮނުވާ އަދަދު ވަރަށް ބޮޑަށް އިިތުރުވުމުން ކަމަށެވެ.

މިއަދު ފެން ލިމިޓްކޮށްގެން ވިއްކިޔަސް މާދަމާ އަނެއްކާ ވެސް ފެން ލިމިޓް ނުކޮށް ވިއްކަން ފެށޭނެ ކަމަށް އައިބީއެމް އިން ބުންޏެވެ.

އައިބީއެމް އިން ފެން ފުޅި ވިއްކުން ލިމިޓްކުރުމުން ފިހާރަތަކުން ފެން ހޯދަން އުނދަގޫވެ، އާންމުންނަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.

މިދިޔަ ހަފްތާގައި ވެސް ތާޒާ ފެނުގެ ޑިމާންޑް ބޮޑުވެ ފިހާރަތަކުން ފެން ލިބުން ދަތިވި އެވެ. ނަމަވެސް އެއް ދުވަސް ތެރޭ އެ މައްސަލަ އަށް ވަނީ ހައްލު ލިބިފަ އެވެ.

ލައިފް ބްރޭންޑްގެ ފެން އުފައްދާ ހެޕީ މާކެޓްގެ މެނޭޖިން ޑިރެކްޓަރު އަލީ އިހްސާން ވެސް ވިދާޅުވީ ހޫނު މޫސުމާ ދިމާކޮށް ފެނުގެ ޑިމާންޑް ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށެވެ.

"ކޮންމެ އަހަރަކު ވެސް މި ދުވަސްވަރުގައި ޑިމާންޑް އުފުލޭނެ. އަޅުގަނޑުމެން މި ބަލަނީ ޑިމާންޑާ އެއްވަރަށް މެކްސިމަމް ޕްރޮޑަކްޝަން ކެޕޭސިޓީގައި ފެން ފޯރުކޮށްދެވޭތޯ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޑިމާންޑަށް ބެލުމަށް ފަހު، ބައެއް ދުވަސް ދުވަހު 1،000 ކޭސް ނުވަތަ 2،000 ކޭސް ނަގަން އަންނަ މީހުންނަށް ލިމިޓްތަކެއް ކަނޑައަޅާ ކަމަށެވެ. އެންމެ ބޮޑު އިސްކަމެއް ދެނީ ކުދި ފިހާރަކާއި ރެސްޓޯރެންޓްތަކަށް ބޭނުންވާ ވަރަށް ފެން ފޯރުކޮށްދޭން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނު ގަދަވަނީ އޭޕްރީލް މަހު އެވެ. މި ދުވަސްވަރު ބައެއް ރަށްރަށުން ފެން ހުސްވެ ފެނަށް ވެސް ޖެހެ އެވެ.