Roadha Mihaaru
ދެ ހަފުތާ ވީއިރު ވެސް ބޯފެން ލިބުން ދަތިވެފައި

ދެ ހަފުތާ ވީއިރު ވެސް ބޯފެނުގެ ދަތިކަމަށް ހައްލެއް ނުލިބުނު

05 މެއި 2017

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންސުރެ މިނަރަލް ވޯޓާ ލިބުން ދަތިވި ގޮތަށް އަދިވެސް އެކަމަށް ހައްލެއް ނުލިބޭ ކަމަށް ބައެއް ފިހާރަތަކުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންސުރެ މިނަރަލް ވޯޓާ ލިބުން ދަތިވި ގޮތަށް އަދިވެސް އެކަމަށް ހައްލެއް ނުލިބޭ ކަމަށް ބައެއް ފިހާރަތަކުން މިއަދު ބުނެފި އެވެ.

މާލޭގެ ބައެއް ފިހާރަތަކުން ފެން ހުރީ ހުސްވެފަ އެވެ. އަނެއް ބައި ފިހާރަތަކުން ފެން ވިއްކަނީ ވަރަށް ބޮޑަށް ލިމިޓްކޮށްގެންނެވެ.

ބައެއް ފިހާރަތަކުން ބުނިގޮތުގައި ފެނުގެ ތާށިކަމާ ކުރިމަތިވި އިރު ފެން އުފައްދާ ކުންފުނިތަކާ ގުޅޭ ގޮތެއް ވެސް ނުވެ އެވެ.

ބައެއް މީހުން ބުނާ ގޮތުގައި މި ދުވަސްވަރު އެންމެ ނުލިބެނީ ފަސް ލިޓަރުގެ ފެން ފުޅި އެވެ. އެ ސައިޒްގެ ފެން ސަޕްލައި ކޮށްދެނީ "ލައިފް" އާއި "ތާޒާ" އިންނެވެ.

އެކަމަކު އެ ދެ ކުންފުނިން ވެސް މި މައްސަލާގައި އަދި އެއްވެސް އެޗެކޭ ނުބުނެ އެވެ. އެހެންކަމުން މިއީ ހޫނު ގަދަވެގެން ފެނުގެ ޑިމާންޑް ބޮޑުވުމުން ކުރިމަތިވި މައްސަލައެއް ކަމެއް ނުވަތަ ފެން ޕްލާންޓްތަކުގައި މައްސަލައެއް ޖެހިގެން، ދިމާވެގެން އުޅޭ ކަމެއް ކަމެއް ސާފެއް ނުވެ އެވެ.

އެންމެ ފަހުން ފެން އުފައްދަން ފެށި ސްޓެލްކޯ އިން ބުނީ އެހެން ބްރޭންޑްތަކުގެ ފެން ލިބުން ދަތިވުމުގެ ސަބަބުން އެ ކުންފުނީގެ ފެނަށް ބާރުބޮޑުވެފައިވާ ކަމަށެވެ. އެކަމަކު ކެޕޭސިޓީ ހުރި ގޮތުން އިތުރަށް ފެން އުފެއްދެން ނެތް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

"ފެން ދަތިވިޔަސް އިތުރަށް (ފެން) އުފެއްދޭހާ ކެޕޭސިޓީއެއް އަޅުގަނޑުމެންގެ އަދި ނެތް. އެކަމަކު ކުރިއަށް އޮތް ތަނުގައި ކެޕޭސިޓީ ބޮޑުކޮށް އިތުރަށް ފެން އުފައްދާނަން،" ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސްޓެލްކޯއިން ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން ފެން ދޫކުރަނީ ކޮންމެ އޯޑަރަކަށް 10 ކޭހުގެ މަގުންނެވެ.

މިދިޔަ މާޗު މަހު ވެސް މިނަރަލް ވޯޓާ ފެން ލިބުން ވަރަށް ބޮޑަށް ދަތިވި އެވެ.

އޭރު ފެން ލިބުން ދަތިވީ، ތާޒާ ބްރޭންޑްގެ ފަސް ލީޓަރުގެ ބައެއް ފެންފުޅީގައި ވަހެއް ހުރުމުން، އެ ފެންފުޅިތައް ފިހާރަތަކުން ނެގުމާއި އެ ކުންފުނިން ފަސް ލީޓަރުގެ ފެން ސަޕްލައި ކުރުން ވަގުތީ ގޮތުން މެދުކަނޑާލުމުންނެވެ.

އެ ދަތިކަން ފިލުވަން "ލައިފު"ން އޭރު އިތުރަށް ފެން އުފެއްދި އެވެ.