Roadha Mihaaru
ތިން ހޮސްޕިޓަލުގެ ޑިޒައިން އަލުން ހަދަނީ

ބަޖެޓަށް ބުރަވާނެތީ، ތިން ހޮސްޕިޓަލުގެ ޑިޒައިން އަލުން ހަދަނީ

13 އެޕްރީލް 2022

ތިން ރަށެއްގެ ހޮސްޕިޓަލްގެ އާ އިމާރާތުގެ ޑިޒައިންތައް ހަދާފައިވަނީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާ ގޮތަށް ކަމަށް ވާތީ، އެ ތަންތަނުގެ ކުރެހުން އަލުން ހަދަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތިން ރަށެއްގެ ހޮސްޕިޓަލްގެ އާ އިމާރާތުގެ ޑިޒައިންތައް ހަދާފައިވަނީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާ ގޮތަށް ކަމަށް ވާތީ، އެ ތަންތަނުގެ ކުރެހުން އަލުން ހަދަން ފަށައިފި އެވެ.

ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ހއ. ދިއްދު އާއި ބ. އޭދަފުށި އަދި ދ. ކުޑަހުވަދޫގައި ހަދާ ހޮސްޕިޓަލްގެ އާ އިމާރާތް ހުންނާނެ ގޮތުގެ ރީތި ކުރެހުންތައް އާއްމުކުރީ ހެލްތު މިނިސްޓަރަކަށް އަބްދުﷲ އަމީން ހުންނެވިިރު ދުވަސްވަރު ފެބްރުއަރީ 27، 2020 ގައި ބޭއްވި ބޮޑު ރަސްމިއްޔާތެއްގަ އެވެ.

އަމީން އޭރު ވިދާޅުވީ، އެ ތިން ހޮސްޕިިޓަލްގެ އާ އިމާރާތްތަައް ހުންނާނެ ގޮތް ފެނިވަޑައިގަތުމުން އެއީ ހޮސްޕިޓަލްތަކެކޭ ވިދާޅުވާ ހިތް ނެތް ކަމަށެވެ.

"ހޮސްޕިޓަލަކަށް ވުރެ މާ ފުޅާ ވިސްނުމަކާ އެކީގައި މިހާރު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ވިސްނުން ހުރީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އިމާރާތުގެ ކުރެހުންތައް އާއްމުކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެ އެވެ. އެ ތަންތަނުގެ މަސައްކަތް ނުފެށި އުޅެނިކޮށް ސަރުކާރުން ވަނީ އިތުރު ހަތް ހޮސްޕިޓަލެއް އަޅަން މި ފަހުން ހުޅުވާލައިފަ އެވެ.

އެކަމާ ގުޅިގެން ހެލްތުގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް "މިހާރު" އަށް ވިދާޅުވީ އެ ތިން ހޮސްޕިޓަލްގެ ޑިޒައިންތައް ވަރަށް ރީތި ނަމަވެސް އެ ތަންތަން ހުރީ ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑުވާ ގޮތަށް ކަމަށެވެ. އެހެންވެ، ކުރެހުންތައް ރިވިއުކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑު-19 ގެ ސަބަބުން ރާއްޖޭގައި އިތުރު ފިޔަވަޅުތައް އެޅީ އެ މަސައްކަތުގައި އުޅެނިކޮށް ކަން އާދިލް ފާހަގަކުރައްވަ އެވެ.

"ޑިޒައިންތައް ހުރީ ހޮސްޕިޓަލްގެ ހުސް ޖާގަތައް ވަރަށް ބޮޑުކޮށް. ހޮސްޕިޓަލެއް ވިއްޔާ އެއާކޮންޑިޝަން ޖައްސާފައި ބަހައްޓަންޖެހޭނީ. އެކަމަކު ހޮސްޕިޓަލް ހިންގަން ފެށީމަ ހަރަދު ބޮޑުވާނެތީ ޑިޒައިން ރިވައިސްކުރަން ފެށީ. ބޭނުންވަނީ އަގުހެޔޮކޮށް ހޮސްޕިޓަލްތައް ހިންގަން،" އާދިލް ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ އަންނަ މަހުގެ 20 ގައި އާ ޑިޒައިންތައް ލިބޭނެ ކަމަށެވެ. އެއަށްފަހު، ޓެންޑާ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިއްދޫ އަދި ކުޑަހުވަދޫ ހޮސްޕިޓަލް ހަދަން ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނެއްގަ އެވެ. އެ މަޝްރޫއުގެ އީޕީސީ އެގްރިމެންޓު ހެދުމަށްފަހު މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް އާދިލް ވިދާޅުވި އެވެ. ނަމަވެސް އޭދަފުށީ ހޮސްޕިޓަލްގެ އިމާރާތް އަޅަން މި އަހަރުގެ ބަޖެޓުގައި ނެތުމުން އިތުރު އެހީ ހޯދައިގެން އެ ހޮސްޕިޓަލްގެ މަސައްކަތް ވެސް މި އަހަރު ފެށޭތޯ މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކުރެހުންތައް އާއްމުކުރަން ބޭއްވި ރަސްމިއްޔާތުގައި ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ތޯހިރު އަބްދުއްސައްތާރު ވިދާޅުވެފައި ވަނީ "މިއީ ބަކިންހަމް ޕެލަސްއެއް ނޫން" ކަމަށެވެ.

"މި އިމާރާތްތަކުން ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެ،" ތޯހިރު ވިދާޅުވި އެވެ.