Roadha Mihaaru
މިލަންދޫ ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރަނީ

މިލަންދޫ ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރަނީ

11 ޖުލައި 2019

ށ. މިލަންދޫ ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމާފައިވާކަން ހެލްތު މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ށ. މިލަންދޫ ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމާފައިވާކަން ހެލްތު މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިލަންދު ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ފަހު އެތަނުން ގިނަ ހިދުމަތްތަކެއް ދޭން ހަމަޖެހިފައިވާ ކަމަށާއި އެކަމަށް ޓަކައި އާ އިމާރާތެއް އަޅާނެ ކަަމަށެވެ. އޭރުން އެ ސިއްހީ މަރުކަޒު ބަދަލުވެގެން ދާނީ ދަރަޖަ އެކެއްގެ ހޮސްޕިޓަލަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ނިމުމުން އެތަނުގައި ޖުމްލަ 35 އެނދާ އެކު ފަސް ވޯޑް ހުންނާނެ އެވެ. އޭގެ އިތުރުން ހަ ޕްރައިވެޓް ރޫމް ވެސް އެތަނުގައި ހުންނާނެ ކަަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުވުމުން ލިބޭނެ ހިދުމަތްތައް

- އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތް.

- ކުޑަކުދިންގެ ޑޮކްޓަރުގެ ހިދުމަތް.

- އޮޕަރޭޝަން ޑޮކްޓަރުގެ ހިދުމަތް އަދި އެތެރެހަށީގެ ޑޮކްޓަރުގެ ހިދުމަތް.

- ޑަޔަލިސިސްގެ ހިދުމަތް.

- އެމެންޖެންސީ ރޫމް، އެކްސްރޭ، ލޭބާ ރޫމް އަދި އަލްޓްރާ ސައުންޑް ސްކޭންގެ ހިދުމަތް.

- ދަތުގެ ހާއްސަ ފަރުވާ

މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވަން ރައީސް ވައުދުވެވަޑައިގެންނެވީ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން އެ ރަށަށް ކުރެއްވި ދަތުުރުފުޅުގައި މިދިޔަ އަހަރު އެވެ.

މިލަންދޫ ސިއްހީ މަރުކަޒަކީ 24 ގަޑި އިރު ހިދުމަތް ދޭ ތިން ވަނަ ދަރަޖައިގެ ސިއްހީ މަރުކަޒެކެވެ. އެތަނުގައި އަށް އެނދު ހުންނަ އިރު ލެބޯޓްރީގެ ހިދުމަތާއި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް ލިބެ އެވެ.