Roadha Mihaaru
ކައިވެނީގެ ރަޖިސްޓްރާއަށް ވަޒީފާދޭން ދިނީ ތިން ދުވަސް

ކުރީގެެ ކައިވެނީގެ ރަޖިސްޓްރާ އަށް ތިން ދުވަހުގެ ތެރޭގައި ވަޒީފާދޭން އަންގައިފި

10 އެޕްރީލް 2022

ފެމިލީ ކޯޓުގެ ކުރީގެ ކައިވެނީގެ ރަޖިސްޓްރާ އަށް ތިން ދުވަހުގެ ތެރޭގައި އެ ވަޒީފާދޭން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފެމިލީ ކޯޓުގެ ކުރީގެ ކައިވެނީގެ ރަޖިސްޓްރާ އަށް ތިން ދުވަހުގެ ތެރޭގައި އެ ވަޒީފާދޭން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އަބްދުﷲ 2019 ވަނަ އަހަރު ވަޒީފާ އިން ވަކިކުރި މައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ އޭނާ އަށް އަލުން ވަޒީފާ ދިނުމަށެވެ. އަދި ގެއްލުނު މުއްދަތު މުސާރަ އާއި އިނާޔަތްތައް ވެސް ދޭން އަމުރުކުރި އެވެ.

އެ ނިންމުން ތަންފީޒުކުރަން އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު އަމުރުކުރީ ތިން ދުވަހުގެ ތެރޭގައި ވަޒީފާ ދިނުމަށާއި އަދި ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް 10 ދުވަސް ތެރޭގައި ދިނުމަށެވެ.

ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް އިތުރު ފުރުސަތެއް ދޭން އަހުމަދު އަބްދުﷲ ބޭނުމެއް ނުވި އެވެ.

ފެމިލީ ކޯޓުގައި ކައިވެންޏާއި ވަރީގެ ކަންކަން ބަލަހައްޓާ މަގާމުން އަހުމަދު އަބްދުﷲ ވަކިކުރި ފަހުން މިއަދާ ހަމައަށް ވެސް މަގާމު އޮތީ ހުސްކޮށެވެ. އެ މަގާމަށް މީހަކު ނަގަން ޑީޖޭއޭ އިން ދާދި ފަހުން މަސައްކަތް ކުރަނިކޮށް އެކަން ހައި ކޯޓުން ހުއްޓުވި އެވެ.