Roadha Mihaaru
ކައިވެނީގެ ރަޖިސްޓްރާ އައްޔަންކުރުން ކޯޓުން ހުއްޓުވައިފި

ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އައްޔަންކުރުން ހައި ކޯޓުން ހުއްޓުވައިފި

21 ޖެނުއަރީ 2022

ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާގެ މަގާމަށް މީހަކު އައްޔަންކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާގެ މަގާމަށް މީހަކު އައްޔަންކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

ހައި ކޯޓުން އެގޮތަށް އަމުރުކުރީ ފެމިލީ ކޯޓުގެ ކުރީގެ ކައިވެނީގެ ރަޖިސްޓްރާ ވަޒީފާއިން ވަކިކުރި މައްސަލައިގަ އެވެ. އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އަބްދުﷲ 2019 ވަނަ އަހަރު ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިދިޔަ އަހަރު އެންގީ އޭނާއަށް އަލުން އެ ވަޒީފާ ދިނުމަށެވެ. އެ ނިންމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ފަހު ދެ އަހަރު ފަހުން އެ މަގާމަށް އާ ބޭފުޅަކު ހޯދަން މިދިޔަ ޑިސެމްބަރު މަހު އޮތީ އިއުލާންކޮށްފަ އެވެ.

ހައި ކޯޓުން މައްސަލަ ނިމެންދެން ކައިވެނީގެ ރަޖިސްޓްރާގެ މަގާމަށް މީހަކު އައްޔަންކުރުން މަޑުޖައްސާލުމުގެ އަމުރަކަށް އަހުމަދު އަބްދުﷲގެ ފަރާތުން އެދުމުން ހައި ކޯޓުން އިއްޔެ ނެރުނު އަމުރުގައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް އަމަލު ކުރުން ފަސްކުރަން ޖޭއެސްސީން ހައި ކޯޓުގައި އެދިފައިނުވާ ކަމަށެވެ. އެހެންވެ، ޓްރައިބިއުނަލްގެ ނިންމުން އަދިވެސް ދެމި އެބައޮތް ކަމަށާއި އަދި އެ ނިންމުން ދެމި އޮއްވައި އެ ނިންމުމާ ޚިލާފަށް ޖޭއެސްސީއަށް އަމަލު ނުކުރެވޭނެ ކަމަށް އެ އަމުރުގައިވެ އެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އެ އަމުރުގައިވަނީ ފެމިލީ ކޯޓަށް ކައިވެނީގެ ރަޖިސްޓްރާއަކު އައްޔަން ކުރުން މަޑުޖައްސާލަން ފެމިލީ ކޯޓާއި ކަމާބެހޭ ފަރާތްތަކަށް އަންގާ ކަމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބައްްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފައިސަލެވެ.