24 ޖޫން 2020
ކައިވެނީގެ މުއްދަތުގައި ދެމަފިރިން ހޯދާފައިވާ މުދާތައް ކައިވެނި ރޫޅުމުން ޝަރީއަތް މެދުވެރިކޮށް ބެހޭނީ ދެ މީހުންގެ ދެމެދުގައި ކުރިން އެއްބަސްވުމެއް ލިޔުމުން ހަދާފައި އޮވެގެން ކަމަށާއި ވަރި ސާބިތު ކުރުމުގެ މައްސަލައިގެ ތެރެއިން އެފަދަ މައްސަލަތައް ނިމެން ޖެހޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކައިވެނީގެ މުއްދަތުގައި ދެމަފިރިން ހޯދާފައިވާ މުދާތައް ކައިވެނި ރޫޅުމުން ޝަރީއަތް މެދުވެރިކޮށް ބެހޭނީ ދެ މީހުންގެ ދެމެދުގައި ކުރިން އެއްބަސްވުމެއް ލިޔުމުން ހަދާފައި އޮވެގެން ކަމަށާއި ވަރި ސާބިތު ކުރުމުގެ މައްސަލައިގެ ތެރެއިން އެފަދަ މައްސަލަތައް ނިމެން ޖެހޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އާއިލާއާ ބެހޭ ގާނޫނަށް 2016 ގައި ގެނައި އިސްލާހުގެ އޮތް ގޮތުން، ކައިވެނީގެ މުއްދަތުގައި ދެމަފިރިން ހޯދާ މުދަލާއި ފައިސާ ބެހުމާ ބެހޭގޮތުން އެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ދެ ފަރާތުގެ ދެމެދުގައި ކުރިން އެއްބަސްވުމެއް ހަދާފައިވާ ނަމަ، އެފަދަ މުދަލާއި ފައިސާ ވަރިކޮށް ދިނުމުގެ ކުރިން ޝަރީއަތް މެދުވެރިކޮށް ދެ ފަރާތުގެ ދެމެދުގައި ހަމަހަމަ އަށް ބެހިދާނެ އެވެ. އެކަމަކު އެފަދަ އެއްބަސްވުމެއް ނެތަސް، އިސްލާމީ ޝަރީއަތުގެ ދަށުން ލިބެންޖެހޭ ހައްގުތައް ދެ މީހުންނަށް ވެސް ލިބޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ.
ދެމަފިރިއެއްގެ 33 އަހަރުވީ ކައިވެނި ރޫޅުމުން، އެ ދެމީހުންގެ މުދާ ބެހުމަކީ އަންހެނަކު ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައެއް، އެ ކޯޓުން ބަލައިނުގަތް މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ދެމަފިރިން އެކުގައި ހޯދި މުދާ ސުލްހަވެރިކޮށް، އަމިއްލަ އަށް ބެހުމުގެ ބާރު އެ ދެ މީހުންނަށް އަބަދުވެސް އޮންނާނެ ކަމަށެވެ. އެކަމަކު އެ މީހުންގެ މެދުގައި ޚިޔާލު ތަފާތުވުމުން ޝަރީއަތް މެދުވެރިކޮށް، އެ މުދާ ބެހޭނީ އާއިލާއާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން އެ ދެ މީހުންގެ ދެމެދުގައި އެއްބަސްވުމެއް ހެދިފައިވާ ނަމަ ކަމާއި އަދި އެފަދަ އެއްބަސްވުން އޮންނަން ޖެހެނީ ލިޔުމުން ކަމަށް އެ ހުކުމުގައިވެ އެވެ.
"އަދުލުވެރި ބެހުމަކުން ބެހުމުގެ ބާރު ކޯޓަށް ލިބިގެންވަނީ ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލް ކޮށްފައިވާ މުދަލާއި ފައިސާއާ މެދު އަމަލުކުރާނެ އުސޫލެއް ބަޔާންކޮށް މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ އެއްބަސްވުމެއް ދެމަފިރިންގެ ދެމެދުގައި އޮންނަ ހާލަތުގައި އެކަނި،" ހުކުމުގައިވެ އެވެ.
ހުކުމުގައި ވާ ގޮތުން، އެފަދަ އެއްބަސްވުމެއް ނެތަސް، އިސްލާމީ ޝަރީއަތުގެ ދަށުން ދެ މީހުންނަށް ލިބެންޖެހޭ ހައްގުތައް ލިބިދެވޭނެ ކަމަށް އެ ގާނޫނުގެ 32 ވަނަ މާއްދާގެ ށ. ގައި ބަޔާން ކުރަނީ އިއްދައިގެ ޚަރަދާއި ދަރިންގެ ޚަރަދުތައް ފަދަ ޚަރަދުތައް ހަމަޖައްސައި ދިނުމުގެ މަގްސަދުގަ އެވެ. ދެމަފިރިން އެކުގައި ހޯދި މުދާ ބެހުން އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި އެ ހުކުމުގައިވާ ގޮތުން ކައިވެނިކުރާ ވަގުތު އެފަދަ އެއްބަސްވުމެއް ހަދާފައި ނެތަސް، ކައިވެނީގެ މަތީގައި ތިބި ކޮންމެ ވަގުތެއްގައި ވެސް ދެ މީހުންނަށް އެފަދަ އެއްބަސްވުމެއް ހެދިދާނެ އެވެ. އަދި މުދާ ބެހުމުގެ މައްސަލައަކީ ވަރި ސާބިތު ކުރުމުގެ މައްސަލާގެ ތެރެއިން ނިމިފައި އޮންނަން ޖެހޭނެ ކަމެއް ކަން އާއިލާއާބެހޭ ގާނޫނުން އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ.
"އެފަދައިން އެކަން އޮތުމުގެ ބޭނުމެއް ކަމަށް ބެލެވެނީ، ދެމަފިރިންގެ ކައިވެނި ރޫޅުމަށް ފަހު އެ ދެ މީހުން އަޖުނަބީންގެ ގޮތުގައި ތިބޭއިރު ކައިވެނީގެ މަތީގައި ތިބިއިރު ކޮޮށްފައިވާ ކަމެއްގެ މައްޗަށް ކަމަށް ބުނެ އެކަކު އަނެކަކަށް ދަތި ކުރުމުގެ ގޮތުން ނުވަތަ އެ ނޫން ވެސް ބޭނުމަކު އެކަކު އަނެކެއްގެ މައްޗަށް ދައުވާތައް ހުށަހެޅި، ކުރިއަށް ގެންދިއުން ހުއްޓުވުން.." ފަނޑިޔާރު ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އަޣުލަބިއްޔަތުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ ހުކުމުގައިވާ ގޮތުން އެއްބަސްވުމެއް އޮވެގެން ދެމަފިރިންގެ މުދާ ބެހުމުގެ ބާރު ކޯޓުތަކަށް ލިބުނަސް، އެފަދަ ބައެއް މައްސަލަތައް ކޯޓުތަކުން ބެލުމަށް މިހާރު އޮތީ ހުރަސް އެޅިފަ އެވެ. ސަބަބަކީ އާއިލާއާބެހޭ ގާނޫނުގެ ދަށުން ޖެންޑާ މިނިސްޓްރީން ހަދަންޖެހޭ ގަވާއިދު ހަދާފައި ނެތުމުން ކަމަށާއި އެ ގަވާއިދު ނެތީސް، އެފަދަ ބައެއް މައްސަލަތައް ކޯޓުތަކަށް ބެލެން ނޯންނާނެ ކަމަށާއި އަދި އޭގެ ބައެއް މިސާލުތައް އެ ހުކުމުގައި ފާހަގަކުރި އެވެ.
"ހަމައެކަނި މި ދެ އަކުރުގައިވާ ކަންކަމުގެ މައްޗަށް އެކަނި ބެލި ނަމަވެސް އާއިލާއާބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައި ބުނާ ފަދަ ގަވާއިދެއް އެކުލަވާލުމުގެ ކުރިން، ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލް ކޮށްފައިވާ މުދަލާއި ފައިސާގެ މައްސަލަ ބައެއް ހާލަތްތަކުގައި ކޯޓުން ބެލެން ނެތް." ހުކުމުގައިވެ އެވެ.
ގާނޫނެއްގައި ވަކި ގޮތަކަށް ވަކި ކަމެއް ކުރަން ލާޒިމް ކުރުމުން އެކަމެއް އެގޮތަށް ކުރުމަކީ ލާޒިމް ކަމެއް ކަމަށާއި އެކަން ނުކޮށްފި ނަމަ، އެއީ ގާނޫނާ ޚިލާފްވުން ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އާއިލާއާބެހޭ ގާނޫނުގެ ދަށުން ދެމަފިރިންގެ މުދާ ބެހުމުގެ އުސޫލު ތަންފީޒު ކުރަން ބޭނުންވާ ނަމަ، މިނިސްޓްރީން ހަދަންޖެހޭ އެ ގަވާއިދުތައް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ހަދަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އެކަމަކު އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ދެކެވަޑައިގަތީ ދެމަފިރިންގެ މެދުގައި ކުރިން އެއްބަސްވުމެއް ހެދިފައި ނެތަސް، ދެ މީހުން އެކުގައި ހޯދި މުދާ އާއިލާއާބެހޭ ގާނޫނުގެ ދަށުން ޝަރީއަތް މެދުވެރިކޮށް ބެހިިދާނެ ކަމަށެވެ.
ސަބަބެއްގެ ގޮތުގައި ފަނޑިޔާރު ނިޔާޒް ނެންގެވީ އާއިލާއާބެހޭ ގާނޫނުގެ 32 ވަނަ މާއްދާގެ ށ. ގައި، އެއްބަސްވުމެއް ނެތަސް އަދި އޮތަސް އިސްލާމީ ޝަރީއަތުގެ ދަށުން ލިބެންޖެހޭ ހައްގުތައް ދެމަފިރިންނަށް ލިބެންޖެހޭ ކަމަށް ބަޔާން ކުރާތީ އެވެ. އެހެންވެ، ދެމަފިރިން އެކުގައި ހޯދި މުދާ ބެހޭނީ އެއްބަސްވުމެއް އޮވެގެން އެކަނި ކަމަށް ބެލުމަކީ އިންސާފެއް ނޫން ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވެ އެވެ.
އެހެންވެ، އެ މައްސަލަ ފެމިލީ ކޯޓުން ބަލައި ގޮތެއް ނިންމަން ފަނޑިޔާރު ނިޔާޒް ރައުޔު ނެރުއްވި އެވެ.
އެކަމަކު ފަނޑިޔާރު ސަމީރާއި ފަނޑިޔާރު ރައޫފްގެ އަޣުލަބިއްޔަތުން ނިންމެވީ ފެމިލީ ކޯޓަށް ހުށަހެޅި މައްސަލާގައި އެފަދަ އެއްބަސްވުމެއް ހަދާފައި ނެތުމުންނާއި އަދި ވަރި ސާބިތު ކުރުމުގެ ކުރިން އެފަދަ މައްސަލައެއް ކޯޓަށް ހުށަހަޅާފައި ނެތުމުން އެ މައްސަލަ ފެމިލީ ކޯޓުން ބަލައިނުގަތީ ރަނގަޅަށް ކަމަށެވެ.
ހަމަ ބުނެލާއިރަށް ކައިވެނި ރުޖޫއަވާނެތަ؟
ފެމިލީކޯޓުން ހަ މަސް ނިންމާލީ ބޮޑު ކާމިޔާބީއަކާ އެކު!
މިދިޔަ އަހަރު 2،425 ކައިވެނި، 1،281 ވަރި
މަދަނީ މިންގަނޑުން ބައްޕަ ސާބިތުކުރަން ސުޕްރީމް ކޯޓަށް
"އެހެންގޮތަކަށް" ބައްޕަ ސާބިތުކުރުން: ނުބައި ދޮރެއް؟
މިދިޔަ މަހު 171 ކައިވެނި، 132 މީހުން ވަރި
ހަރަދު ނުދޭތީ ގިނަ މީހުން ބަންދުކުރީ މިދިޔަ އަހަރު
ނުރުހުމުގައި ގެންދިޔަ ދެ ކުދިން ހަވާލުކުރަން އަމުރެއް
މައިން ރޮނީ ހަރަދުނުދޭތީ، ބައްޕަ ރޮނީ ދަރި ނުފެންނާތީ
ފެމިލީ ކޯޓުން މައްސަލަ ނިންމާ މުއްދަތު އަވަސްވެއްޖެ