Roadha Mihaaru
ފައިސާ ނެތުމުން ވެލެންސިއާ ބަންގްލަދޭޝްއަށް ނުފުރުނު

އޭއެފްސީ ކަޕް މެޗަށް ބަންގްލަދޭޝް އަށް ކުރަން އޮތް ދަތުރު ފައިސާ ނުލިބިގެން ވެލެންސިއާއިން ކެންސަލްކޮށްފި

10 އެޕްރީލް 2022

އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން ބަންގްލަދޭޝް އަށް ދާން ހަމަޖެހިފައި އޮތް ދަތުރު ކްލަބް ވެލެންސިއާއިން ކެންސަލް ކޮށްފި އެވެ.

އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން ބަންގްލަދޭޝް އަށް ދާން ހަމަޖެހިފައި އޮތް ދަތުރު ކްލަބް ވެލެންސިއާއިން ކެންސަލް ކޮށްފި އެވެ.

ވެލެންސިއާގެ އޮފިޝަލަކު ބުނީ ދަތުރު ކެންސަލްކުރީ ދަތުރުގައި ކުރަން ޖެހޭ ހަރަދުތަކަށް ފައިސާ ނުލިބުމުންނެވެ. އޭގެ ތެރޭގައި ޓީމު ތިބޭ ހޮޓަލަށް ދައްކަން ޖެހޭ ފައިސާ އާއި ބިދޭސީ ކުޅުންތެރިންގެ ވިސާ ފީ އަށް ދައްކަން ޖެހޭ ފައިސާ ހަމަނުޖެހޭ ކަމަށް އޮފިޝަލް ބުންޏެވެ.

އޭއެފްސީ ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި އަބާހާނީއާ ދެކޮޅަށް ވެލެންސިއާ ކުޅޭ މެޗު އަންގާރަ ދުވަހު ކުޅޭ ގޮތަށް އޭއެފްސީން ވަނީ ޝެޑިއުލްކޮށްފަ އެވެ.

ބަންގްލަދޭޝް އަށް ފުރަން ހަމަޖެހިފައި އޮތީ މިއަދު ހަވީރު 4:20 ގަ އެވެ. "ޔޫއެސް ބަގަލާ އެއާލައިން" އިން މިއަދު ހަވީރު ޑާކާ އަށް ފުރަން ވެލެންސިއާ އަށް ޓިކެޓް ވެސް ހަމަޖެހުނީ ރޭ ވަރަށް ދަންވި ފަހުންނެވެ.

"އެންމެ ފަހު ވަގުތާ ހަމައަށް ވެސް އަޅުގަނޑުމެން ބެލިން ފައިސާ ހަމަޖެހޭތޯ. ކުޅުންތެރިންނާއި އޮފިޝަލުން ގާތު ވެސް ބުނެފައި އޮންނާނީ އެންމެ ފަހު ގަޑީގައި ވެސް ޗެކިން އަށް ދާން ޖެހިދާނެޔޭ ސްޓޭންޑްބައިގައި ތިބޭށޭ،" ވެލެންސިއާގެ އޮފިޝަލް ބުންޏެވެ.

"އެކަމަކު އެންމެ ފަހު ވަގުތާ ހަމައަށް ވެސް ފައިސާ ހަމަނުޖެހުނު. އަޅުގަނޑުމެން އެންމެން ތިބީ މާޔޫސްވެފައި."

އޮފިޝަލް ބުނި ގޮތުގައި މިކަމުގައި އެފްއޭއެމް ކުށްވެރި ކުރެވެން ނެތެވެ.

"ސޯޝަލް މީޑިއާގައި ވެސް އެބަ ފެނޭ ވަރަށް ބޮޑަށް އެފްއޭއެމް އަށް މިކަމުގައި ފާޑުކިޔާތަން. އެކަމަކު މިއުޅެނީ އެފްއޭއެމުން ކަމެއް ނުކޮށްދީގެނެއް ނޫން. ކްލަބްގެ މެނޭޖުމެންޓަށް ފައިސާ ހޯދައި ނުދެވިގެން މިއުޅެނީ."

ޕްރިލިމިނަރީ މަރުހަލާގެ ދެވަނަ ބުރަށް ވެލެންސިއާ ދަތުރު ކުރީ، މިދިޔަ ހަފުތާގައި މާލޭގައި ކުޅުނު މެޗުގައި، ބޫޓާންގެ ތިމްޕޫ ސިޓީ އަތުން މޮޅުވުމުންނެވެ. މިހާ ހިސާބުން މުބާރާތުން ވަކިވާނަމަ ބެލެވޭނީ މެޗު ދޫކޮށްލި ކަމަށެވެ. މެޗު ދޫކޮށްލާނަމަ ޖޫރިމަނާއެއް އަންނާނެ އެވެ.

އޮފިޝަލް ބުނީ ބިދޭސީ ކުޅުންތެރިންގެ ވިސާ ފީ އަށް ދައްކަން ޖެހޭ ފައިސާ ވެސް ދައްކަން ޖެހޭނެ ކަމަށް ދުރާލައި މެނޭޖުމެންޓްގައި ބުނެފައި ވާނެ ކަމަށެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ހަމަޖައްސައި ދިނުމުގައި މެނޭޖުމެންޓަށް ކާމިޔާބު ނުވުމަކީ ހިތާމަވެރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.