Roadha Mihaaru
ގޮންޖެހުންތަކުން ވެލެންސިއާ އަރައިގަންނާނަން: ފެސްކޯ

ވެލެންސިއާ އަށް ގޮންޖެހުންތައް އެބަހުރި އެކަމަކު އަރައިގަންނާނަން: ފެސްކޯ

04 އެޕްރީލް 2022

ވެލެންސިއާ އަށް ގޮންޖެހުންތައް އެބަހުރި ކަމަށާއި އެކަމަކު އެގޮންޖެހުންތަކުން އަރައިގަންނާނެ ކަމަށް އެޓީމުގެ ހެޑް ކޯޗު އަހްމަދު މުޖްތޮބާ (ފެސްކޯ) ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ވެލެންސިއާ އަށް ގޮންޖެހުންތައް އެބަހުރި ކަމަށާއި އެކަމަކު އެގޮންޖެހުންތަކުން އަރައިގަންނާނެ ކަމަށް އެޓީމުގެ ހެޑް ކޯޗު އަހްމަދު މުޖްތޮބާ (ފެސްކޯ) ބުނެފި އެވެ.

އޭއެފްސީ ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި މާދަމާ ރޭ ބޫޓާންގެ ޕަރޯ އެފްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި މިއަދު ވާހަކަ ދައްކަމުން ފެސްކޯ ބުނީ ޕްރިމިއަ ލީގުގެ ފުރަތަމަ ބުރުގައި ވެލެންސިއާ ކުރިއަށް ދިޔައީ ގޮންޖެހުންތަކާއެކުގައި ކަމަށެވެ. އެންމެ ބޭނުންވި ނަތީޖާ ނުނެރެވުނީ އެހެންވެ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ދިވެހި ޕްރިމިއަ ލީގުގެ ފުރަތަމަ ބުރުގައި އެންމެ ބޭނުންވާ ގޮތަށް ބައެއް މެޗުތަކުގައި ނުދިޔަޔަސް، ޕަރޯ އެފްސީއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް އެކަން ރިކަވާ ކުރެވޭނެ އެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި 5-0 ގެ ބޮޑު ނަތީޖާ އަކުން ބަލިވެފައި ވަނިކޮށް ވެސް ވެލެންސިއާއިން ޕްރެޒިޑެންޓް ކަޕްގައި އެކަން ރިކަވާ ކުރިކަން ފާހަގަކޮށް ފެސްކޯ ބުނީ މާދަމާ ރޭ ގެ މެޗު ކާމިޔާބުކޮށް ލީގުގެ ފުރަތަމަ ބުރުގައި ލިބުނު ދަށް ނަތީޖާތައް ވެސް ވެލެންސިއާ އަށް ރިކަވާ ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އިރާދަކުރެއްވިއްޔާ ވެލެންސިއާ ފިއުޗާ ވަރަށް ބްރައިޓް ވާނެ،" ފެސްކޯ ބުންޏެވެ.

"އެއީ އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިފައި މިހުރީ. އެއީ ލީގުގައި ވެސް މިދެންނެވިހާ ޗެލެންޖެސްތަކާއެކު ނުކުމެ އަދިވެސް ހަމަ ރަނގަޅަށް ޕާފޯމް ކުރާ އެއް ޓީމަށް ވާނެ ވެލެންސިއާ. ލީގުގައި އަޅުގަނޑުމެންގެ އޮތް ޕޮޒިޝަނިން ވެސް އެހާ ގޯހެއް ނޫން. ލީގުގެ [ޗެމްޕިއަންކަން] ވެސް ކެޗްއަޕް ކުރެވޭ ހިސާބުގައި އަޅުގަނޑުމެން މިތިބީ. އަޅުގަނޑަކަށް ގަބޫލު ކުރެވެނީ އިރާދަކުރެއްވިއްޔާ ރަނގަޅު ވާނެޔޭ."

މާދަމާ މެޗުގައި އެޓީމުގެ ބިދޭސީ ކުޅުންތެރިން ނުކުޅުވާނެ ކަމަށް ފެސްކޯ ބުންޏެވެ. ބިދޭސީ ކުޅުންތެރިން އެމެޗުގައި ނުކުޅުވަނީ ކީއްވެކަމެއް ފެސްކޯ ނުބުނެ އެވެ. .

"އެވަގުތު އެހާލަތަށް ދިޔައީމަ އެޑެސިޝަން ނަގާނީ،" ބިދޭސީ ކުޅުންތެރިން ބޭނުން ނުކުރަނީ ކީއްވެގެންތޯ، މެޗާ ގުޅިގެން މިއަދު ބޭއްވި ޕްރީ މެޗު ޕްރެސްގައި ސީދާ ޖަވާބު ނުދީ ފެސްކޯ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"މިވަގުތު އަޅުގަނޑުމެންގެ މެއިން ފޯކަސް ހުރީ ދިވެހި ކުޅުންތެރިންލައިގެން ކުޅެން."

އެނގިފައިވާ ގޮތުގައި ވެލެންސިއާގެ ބިދޭސީ ކުޅުންތެރިންނަށް މުސާރައެއް ނުދެ އެވެ. މާދަމާ ރޭ މެޗުގައި އެކުޅުންތެރިންނަށް ބޭނުން ނުކުރަނީ އެހެންވެ އެވެ.

އޭފްސީ ކަޕް 2017 ގެ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީ ބަލިކޮށް ވެލެންސިއާ ޕްލޭއޮފް ބުރާ ހަމައަށް ގެންގޮސް ދިން ފެސްކޯ ބުނި ގޮތުގައި ދިވެހި ކުޅުންތރިންނާއެކު ވެސް މާދަމާ ރޭގެ މެޗުގައި ވެލެންސިއާ އަށް ނަތީޖާ ނެރެވޭނެ އެވެ. ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކެކޭ އެއްގޮތަށް ވެލެންސިއާ އަށް ވެސް ވަނީ މާލީ ގޮތުން މައްސަލަ ކުރިމަތިވެފަ އެވެ. އެޓީމުގެ ދިވެހި ކުޅުންތެރިންނަށް މުސާރައިގެ ބައެއް ދީފައިވާކަން ވަނީ އެނގިފަ އެވެ.

ތިމްޕޫ އާދެކޮޅަށް ވެލެންސިއާ 2017 ގައި ބޫޓާންގައި ކުޅުނު މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކީޕަރު މުހައްމަދު ފައިސަލް މާދަމާ ރޭ ވެލެންސިއާގެ މެޗުގައި ކުޅޭނެ ކަމެއް ވެސް ނޭނގެ އެވެ. ވެލެންސިއާ ދޫކޮށްލަން ފައިސަލް ވަނީ ރިލީޒް އަށް އެދިފަ އެވެ.

ފެސްކޯ ބުނީ ފައިސަލް އަކީ މިވަގުތު ވެސް ވެލެންސިއާގެ ކުޅުންތެރިޔެއް ކަމަށެވެ. އޭނާގެ ރިލީޒް އާ މެދު ގޮތެއް ނިންމާނީ ކްލަބްގެ މެނޭޖުމެންޓުން ކަމަށް ފެސްކޯ ބުންޏެވެ.

"ފައިސަލް އަކީ ވެލެންސިއާގެ ކުޅުންތެރިޔެއް ރިލީޒް ދިނުމާ ނުދިނުން ޑިޕެންޑް ވާނީ ކްލަބްގެ މެނޭޖުމެންޓަށް. ދެން އެކަމަކީ އަޅުގަނޑަށް މިތަނުގައި ނިންމޭނެ ނިންމުމެއް ވެސް ނޫން،" ފެސްކޯ ބުންޏެވެ.

ފައިސަލް މެޗުން ފެންނާނެތޯ އެހުމުން ފެސްކޯ ބުނީ އެކަން ނިންމާނީ އެހާލަތަށް ބަލައިފައި ކަމަށެވެ.

މާދަމާ ރޭ ގެ މެޗު ކާމިޔާބު ކުރާ ޓީމެއް، ޕްލޭއޮފް ބުރަށް ކޮލިފައި ވާނެ އެވެ. ޕްލޭއޮފް ބުރުގައި އެޓީމެއް ވާދަކުރަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާދެކޮޅަށެވެ.