Roadha Mihaaru
ހިޔާނާތުގެ ލިސްޓާއި ރަށްތަކުގެ މައްސަލަ ބަލާނީ އެކީގައި

ހިޔާނާތުގެ ލިސްޓާއި ރަށްތަކަށް ހަމަ އަގު ހޯދުން ގެންދާނީ އެކީގައި: އޭސީސީ

11 އެޕްރީލް 2022

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ ސްޕީޑް އަވަސްކުރުމުގެ ގޮތުން، އެ ހިޔާނާތުން މަންފާވި ކަމަށް ބުނާ ލިސްޓުގައި ތިބި މީހުންގެ ތަހުގީގާއި ނުއަގުގައި ދޫކުރި ރަށްތަކަށް ހަމަ އަގު ހޯދުން ކުރިއަށް ގެންދާނީ އެކުއެކީގައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ ސްޕީޑް އަވަސްކުރުމުގެ ގޮތުން، އެ ހިޔާނާތުން މަންފާވި ކަމަށް ބުނާ ލިސްޓުގައި ތިބި މީހުންގެ ތަހުގީގާއި ނުއަގުގައި ދޫކުރި ރަށްތަކަށް ހަމަ އަގު ހޯދުން ކުރިއަށް ގެންދާނީ އެކުއެކީގައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ބުނެފި އެވެ.

މައްސަލަތައް ބެލުން ލަސްވެ ނަތީޖާ ނުނެރެވޭ ކަމުގެ ތުހުމަތާއެކު، ކުރީގެ މެމްބަރުން މަގާމުން ވަކިކުރަން ނިންމައި އަލަށް ހޮވި މެމްބަރުން ފުރަތަމަ ފަހަރަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް މައިގަނޑު ވާހަކައަކަށް ދެއްކެވީ އަދި މެމްބަރުންގެ ސުވާލުތައް އަމާޒުކުރެއްވީ ވެސް އެމްއެމްޕީއާރުސީގެ މައްސަލައަށެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ސްޕީޑް އަވަސްކުރެވޭނެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކުރިން އެ މައްސަލަ ތަހުގީގުކުރީ ކަމާގުޅޭ އިދާރާތައް ގުޅިގެން ކަމަށް ވާތީ، އެ ތަންތަނާ ވެސް މަޝްވަރާކޮޮށް، އަވަސް ކުރެވޭނެ ހުރިހާ މަގެއް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކުގެ ހަމަ އަގު އޮޑިޓް ރިޕޯޓުތަކުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެ އިޝާރާތް ކުރެއްވީ ރައީސް އޮފީހުން އެދިގެން އޮޑިޓް އޮފީހުން މިދިޔަ އަހަރު ނިންމި ރިޕޯޓަށެވެ.

ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވެ އެވެ. މިހާތަނަށް އަންދާޒާއަކީ އެކި މީހުންނަށް ބަހާލި މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ލިބިފައިވާ ކަމެވެ.

މި ރަށްތަކުގެ އިވެލުއޭޝަނެއް އޮޑިޓް އޮފީހުން ހެދީ ހިޔާނާތް ބަލަން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވި ރިޕޯޓާ ގުޅިގެންނެވެ. އެ ރިޕޯޓުގައި، ރަށްތައް ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް، ހަމައެއްލަމައެއް ނެތް ގޮތަށް ކަމަށް ބުނެފައިވެ އެވެ.

އޭސީސީގެ އާ ނައިބު ރައީސް އަބްދުއްސަލާމް މިއަދު ވެސް ތަކުރާރު ކުރެއްވި ގޮތުގައި އެ ކޮމިޝަނުގެ ތަހުގީގު ބައްޓަންކުރާނެ އެއް ދިމާލަކީ ރަށްތަކަށް ހަމަ އަގު ހޯދައި ފައިސާ ރިކަވާކުރުމެވެ.

އޭސީސީގެ ތަހުގީގު ކުރިއަށް ގެންދާނީ ހިޔާނާތުން މަންފާވި މީހުންގެ ކޮން ލިސްޓަކަށްތޯ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ސުވާލު ކުރެއްވުމުން ކޮމިޝަންގެ ރައީސް ޝާމިލް ވިދާޅުވީ އެއް ލިސްޓަށް ވުރެ ގިނަ ލިސްޓު އުޅޭ ކަމަށެވެ. އާ ލިސްޓެއް އެކުލަވާލުމުގެ ބަދަލުގައި ވިސްނުން ހުރީ އެސެޓް ރިކަވަރީ އާއި މަޖިލީހުން އާއްމުކުރި ލިސްޓު އެހެން ގޮތަކަށް ކިރާލަން ޖެހޭތޯ ބެލުން ކަމަށް ވިދާޅުވި އެވެ.

"ކުރިން ކޮށްފައި އޮތް މަސައްކަތްތަކުގެ ތެރެއިން އުފެދިފައި އޮތް ލިސްޓެއް އެބައޮތް. ހަމަ އެއާއެކު މަޖިލީހުގެ ޖޮއިންޓް ކޮމިޓީއަކުން ފާހަގަކޮށްދެއްވާފައި ހުރި ބައިތަކެއް ވެސް އެބަހުރި. އެހެންވީމާ އަޅުގަނޑުމެން މި މަސައްކަތް ކުރާއިރު މީގެ ކުރިން ކޮށްފައިވާ ކަންކަމަށް މުޅިއަކުން އަޅުގަނޑުމެން ބަރޯސާވާނީކީއެއް ނޫން،" ޝާމިލް ވިދާޅުވި އެވެ.

"މިހާތަނަށް ކުރެވުނު ޓެކްނިކަލް މަޝްވަރާތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ދަންނަވަން ކެރިދާނެ އޭގައި އަޅުގަނޑުމެން އެބަޖެހޭ އެހެން މެޓްރިކްސްއެއް ގެންގުޅެން ވަގުތާއި ވަސީލަތްތައް ހުރި މިންވަރަށް ބަލާފައި."

ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ލިސްޓް:

- ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުން.

- ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުން.

- މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުން.

- ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުން.

- މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުން.

- ފަސް ފަނޑިޔާރުން (އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ)

- ސަލާމަތީ ޚިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން.

ޖޮއިންޓް ތަހުގީގުގައި މީގެ ތެރެއިން ބައެއް މީހުން ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގު ހިންގާފައިވެ އެވެ. ފަހުން މަޖިލީހުން ވަނީ މި ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން ހޯދައި ނަންތަކާއި ފައިސާ ޖަމާވި ވަރުގެ ތަފްސީލް ވެސް އާއްމުކޮށްފަ އެވެ.

އެކަމަކު އެސެޓް ރިކަވަރީ ކޮމިޝަނުން އޭރު ބުނެފައި ވަނީ ލިސްޓުގައި ތިބި އެންމެންނަކީ ހިޔާނާތުގެ ބައިވެރިން ނޫން ކަމަށެވެ. އެ ކޮމިޝަން އުވާލަން ޖެހުނީ މި މައްސަލަތައް އެކަށީގެން ގޮތެއް ނުބެލި ލަސްވި ކަމުގެ ފާޑުކިއުންތަކާ އެކުގަ އެވެ.