Roadha Mihaaru
ފައިސާ ހޯދަން ދައުވާކުރާނެ ބަޔަކު ނުވެ އެތައް ދުވަހެއް

އެމްއެމްޕީއާރުސީން ގެއްލުނު 640 މިލިއަން ހޯދަން އެންގިޔަސް ދައުވާ ކުރާނެ ބަޔަކު ނުވެ އެތައް ދުވަހެއް!

16 ޖުލައި 2024

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ 115 މައްސަލައެއްގެ ތަހުގީގު ނިންމައި 640 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދަން އެ ކޯޕަރޭޝަނާއި ބަންޑާރަ ނައިބުގެ އޮފީހަށް އަންގާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ 115 މައްސަލައެއްގެ ތަހުގީގު ނިންމައި 640 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދަން އެ ކޯޕަރޭޝަނާއި ބަންޑާރަ ނައިބުގެ އޮފީހަށް އަންގާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން އެހެން ބުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ދިން ޖަވާބުގަ އެވެ.

އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން 166 މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރަން ހަވާލުވި ކަމަށާއި އެއީ ގާތްގަނޑަކަށް 948 މިލިއަން ރުފިޔާ ހިމެނޭ މައްސަލަތައް ކަމަށެވެ.

އޭގެ ތެރެއިން 115 މައްސަލައެއް ނިންމާފައިވާ ކަމަށާއި އެ މައްސަލަތަކުން ދައުލަތަށް ގެއްލުނު ކަމަށް ފާހަގަކުރެވުނު 640 މިލިއަން ރުފިޔާ ހޯދަން ދައުލަތަށް އަންގާފައިވާނެ ކަމަށް ވެސް ސަލާމް ވިދާޅުވި އެވެ.

އެކަމަކު، އެ ފައިސާ ހޯދަން މިހާތަނަށް ދައުވާ ކޮށްފައި ނުވާ ކަމަށް ސަލާމް ވިދާޅުވި އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ މެންބަރުން: އެމްއެމްޕީއާރްސީއިން ގެއްލުނު 640 މިލިއަން ހޯދަން އެންގި ކަމަށާއި ނަމަވެސް ދައުވާއެއް ނުކުރާ ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ މެންބަރުން: އެމްއެމްޕީއާރްސީއިން ގެއްލުނު 640 މިލިއަން ހޯދަން އެންގި ކަމަށާއި ނަމަވެސް ދައުވާއެއް ނުކުރާ ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ފައިސާ ހޯދަން ދައުވާ ކުރުމުގެ ގާނޫނީ ބާރު އޭސީސީއަކަށް ނޯވެ އެވެ. އެހެންކަމުން އެކަން ކުރުމަށް އެމްއެމްޕީއާރުސީ އަދި ބަންޑާރަ ނައިބުގެ އޮފީހުގައި ވެސް އެކި ފަހަރު މަތިން ދެންނެވި ކަމަށް ސަލާމް ވިދާޅުވި އެވެ.

ދައުވާ ކުރާނީ އެމްއެމްޕީއާރުސީން ތޯ ނޫނީ ބަންޑާރަ ނައިބުގެ އޮފީހުން ތޯ ބަހުސް ކުރަން މިވީހާ ދުވަހު ވެސް ތިބީ ކަމަށް ސަލާމް ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ މިހާރު އެމްއެމްޕީއާރުސީން ވަނީ އޭސީސީ އިން ހޯދަން އަންގާފައިވާ ފައިސާތަކާ ގުޅޭ ގޮތުން ދައުވާ ކުރަން ނިންމާފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން އެ ކުންފުންޏާ އެކު ވަރަށް އަވަހަށް މަޝްވަރާ ކުރާނެ ކަމަށެވެ.

ސަލާމް ވިދާޅުވި ގޮތުގައި، އޭސީސީން ހޯދަން އަންގާ ފައިސާ ދައުލަތުގެ އިދާރާތަކުން ނުހޯދައި ތިބޭ މައްސަލަ ވަރަށް ބޮޑެވެ. އެހެންކަމުން އެގޮތަށް އަމަލު ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އޭސީސީން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ރައްޔިތުންނަށް ފެންނަ ގޮތަށް ހާމަ ކުރާނެ ކަމަށް ވެސް ސަލާމް ވިދާޅުވި އެވެ.