Roadha Mihaaru
ކަންބޮޑުވާތީ ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑަށް ބަދަލެއް

ކަންބޮޑުވުންތަކާ ހެދި ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ގެންނަނީ

17 އެޕްރީލް 2022

ކަންބޮޑުވުންތަކާ ހެދި ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ ޑްރާފްޓަށް ބަދަލު ގެންނަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކަންބޮޑުވުންތަކާ ހެދި ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ ޑްރާފްޓަށް ބަދަލު ގެންނަން ނިންމައިފި އެވެ.

މުސާރައިގެ އާ އޮނިގަނޑަށް ހިޔާލު ހޯދަން މިދިޔަ މަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރުންނާ މަޝްވަރާކޮށްފަ އެވެ. ނަމަވެސް އޭރު އޮނިގަނޑު އޮތް ގޮތުން އެ ބައްދަލުވުންތަކުގައި ގިނަ ޓީޗަރުން ކަންބޮޑުވުން ފާޅުކުރި ކަން އެނގިފައިވެ އެވެ.

އޭގެ ތެރެއިން ބައެއް ބައްދަލުވުންތަކުގައި ބައިވެރިވި ޓީޗަރަކު "މިހާރު" އަށް ބުނީ ވަޒީފާގެ އޮނިގަނޑު އޮތީ އެކި ބައިތަކަށް ބަހާލައިފައި ކަމަށެވެ. އެއީ ޕްރީ ސްކޫލާއި ޕްރައިމަރީއާ ސެކަންޑަރީ އަދި ސެން ޓީޗަރުންނަށް ވަކި އޮނިގަނޑެކެވެ. ނަމަވެސް އެއީ ޓީޗަރުންގެ މެދުގައި ކުރެވޭ ތަފާތުކުރުމަކަށް ވާތީ އެކަމާ ވަރަށް ގިނަ ޓީޗަރުން ކަންބޮޑުވުން ފާޅުކުރި ކަމަށް އޭނާ ބުންޏެވެ.

"ޕްރީ ސްކޫލު ޓީޗަރަކަށް ވިޔަސް ސެކަންޑަރީ ޓީޗަރަކަށް ވިޔަސް ޓީޗަރުންގެ މަސައްކަތް ކުޑައެއް ނޫން. ވަރަށް ބުރަކޮށް ހުރިހާ ޓީޗަރުން ވެސް އުޅެނީ. އެހެންވެ، ގިނަ ޓީޗަރުން އެދުނީ ކިޔަވައިދޭ ގްރޭޑަކަށް ބަލާފައި މުސާރަ ކަނޑަނޭޅުމަށް. އެ ޝަކުވާތައް ކުރީމާ މިނިސްޓްރީން ވިދާޅުވީ ބަދަލުތައް ގެންނާނެ ކަމަށް،" ބައްދަލުވުމުގައި ބައިވެރިވި ޓީޗަރަކު ބުންޏެވެ.

އެނގިފައިވާ ގޮތުގައި ޕޭ ކޮމިޝަނުން ހެދި ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑާ ގުޅޭގޮތުން ކުރި ޝަކުވާތަކަށް ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން އެއް ބަދަލަކީ ކޮލިފިކޭޝަނަށް ބެލުމަށް ފަހު މުސާރަ ކަނޑައެޅުމެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުލިބެ އެވެ.

އާ އޮނިގަނޑާއެކު އަންނަ މަހުން ފެށިގެން މުސާރައަށް އަންނަ ބަދަލުތަކެއް ވެސް ޓީޗަރުންނާ އަދި ހިއްސާއެއް ނުކުރެ އެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ވަޒީފާގެ އޮނިގަނޑުގެ ޑްރާފްޓް ހެދުމަށް ފަހު ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ އޮނިގަނޑުތައް ފައިނަލްކުރާނީ އެ ލަފާގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.