Roadha Mihaaru
"އާބާދީގެ 46 ޕަސެންޓަށް މުސާރަވަނީ ބޮޑުކޮށްދީފައި"

އާބާދީގެ 46 ޕަސެންޓަށް މުސާރަ ވަނީ ބޮޑުކޮށްދީފައި: ޝަފީގު

26 ޖޫން 2024

ދައުލަތުން މުސާރަ އަށް ކުރާ ހޭދަ އެހާ ބޮޑަށް އިތުރުވީ، މުވައްޒަފުންގެ މުސާތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދައުލަތުން މުސާރަ އަށް ކުރާ ހޭދަ އެހާ ބޮޑަށް އިތުރުވީ، މުވައްޒަފުންގެ މުސާތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީގު ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރަމުން ދިއުމުން، މުސާރަ އަށް ކުރާ ހޭދަ ބޮޑުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ޓީޗަރުންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންނާއި ފުލުހުންނާއި ސިފައިންގެ މުސާރަ އަށް ގެނެސްފައިވާ ބަދަލާ އެކު، ސަރުކާރުގެ މުއައްސަސާތަކުގެ 46 ޕަސެންޓު މީހުންގެ މުސާރަ އަށް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގައި މެންބަރު އަބްދުލް ގަފޫރު މޫސާ ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މާލިއްޔަތު ކޮމިޓީގައި މެންބަރު އަބްދުލް ގަފޫރު މޫސާ ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"މުސާރަތައް ބޮޑު ކުރެވިފައިވަނީ މިދިޔަ އަހަރުގެ މެއި މަހު. މުޅި އާބާދީގެ ގާތްގަނޑަކަށް 46 ޕަސެންޓަށް މުސާރަ ބޮޑު ކުރެވިފައި. މުސާރައިގެ އިންއީކުއަލިޓީ ހައްލު ކުރެވޭނީ އެންމެންގެ މުސާރަ ހައްލު ކޮށްގެން،" އޭނާ ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ، ވީ އެންމެ އަވަހަކަށް ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ހާމަނައިޒް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރައަށް 12 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެއީ މުޅި ބަޖެޓުގެ 25 ޕަސެންޓެވެ. މި އަހަރުގެ މިހާތަނަށް މުވައްޒަފުންގެ މުސާރަ އަށް ވަނީ 5.4 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މުވައްޒަފުންގެ މުސާރަ އިން އެންމެ ބޮޑު އަދަދެއް ހޭދަ ކުރަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންނަށެވެ.

މި އަހަރުގެ ބަޖެޓުގައި މުސާރަ އެއް ހަމަ ކުރުން ނުވަތަ ހާމަނައިޒް ކުރުމަށްޓަކައި 500 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ސަރުކާރުން މުވައްޒަފުންގެ މުސާރަތައް އެއް ހަމަކުރުމަށް އެންމެ ފުރަތަމަ މަސައްކަތް ފެށީ 2022 ވަނަ އަހަރު އެވެ. އަދި 2026 ވަނަ އަހަރު ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ހާމަނައިޒް ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަމާޒު ހިފައިފަ އެވެ.