Roadha Mihaaru
ދަނޑުތައް ނުނިމެނީ ކޮންޓްރެކްޓަރުންނާ ހެދި: މަހުލޫފު

މިނިސްޓްރީގެ މަސައްކަތް ހުންނަނީ ނިމިފައި، ދަނޑުތައް ނުނިމެނީ ކޮންޓްރެކްޓަރުންނާ ހެދި: މަހުލޫފު

18 އެޕްރީލް 2022

އެކި ރަށްރަށުގައި ކުޅިވަރު ދަނޑުތައް އެޅުމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ހުންނަނީ ނިންމާފައި ކަމަށާއި ލަސްވަނީ ކޮންޓްރެކްޓަރުންނާ ހެދި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެކި ރަށްރަށުގައި ކުޅިވަރު ދަނޑުތައް އެޅުމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ހުންނަނީ ނިންމާފައި ކަމަށާއި ލަސްވަނީ ކޮންޓްރެކްޓަރުންނާ ހެދި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ރ. މާކުރަތުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނުނިމި ލަސްވާ މައްސަލައިގައި އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން މިއަދުގެ ޖަލްސާ އަށް މަހުލޫފް ވަޑައިގަތުމުން، އެހެން މެމްބަރުން ވެސް އެފަދަ ކަންކަމާ ގުޅޭ ގޮތުން ސުވާލުތައް ފެންމަތި ކުރެއްވި އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ޔޫތު މިނިސްޓްރީން ކުރަންޖެހޭ ކަންތައްތައް ހުންނާނީ ނިންމާފައި ކަމަށެވެ. ނަމަވެސް މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރަށް މިނިސްޓްރީން ބޭނުންވާ ސްޕީޑްގައި ނުގެންދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ރަނގަޅު އަދި ގިނަ މަސައްކަތްތަކެއް ކުރިއަށް ދިއަސް މައްސަލައަކީ، މަހުލޫފު ވިދާޅުވި ގޮތުގައި ހަވާލުކުރާ މުއްދަތަށް އެއްވެސް މަސައްކަތެއް ނުނިންމުމެވެ.

"ރާއްޖޭގެ އެކި ސަރަހައްދުގައި ގާތްގަނޑަކަށް 40 އައުޓްޑޯ ވޮލީ ކޯޓް ގާއިމްކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލު ކޮށްގެން އަޅުގަނޑު ގެނެސް ކޮންޓްރެކްޓަރުންނާ މީޓްކުރަން ދޭތެރެއަކުން. މިސާލަކަށް މާޗު 1 ވަނަ ދުވަހު ނިންމާނަމޭ ބުނެފައި، ދެން ގެންނަ ދުވަހު ބުނާނެ އޭޕްރީލް މަހުގައޭ. އެ ކަހަލަ ގޮތަކަށް މަސައްކަތް ދަނީ،" މަހުލޫފް ވިދާޅުވި އެވެ.

"އެ ކެޕޭސިޓީ ކުންފުނިތަކުގައި އަސްލު ހަގީގަތުގައި ކުރާ މަސައްކަތާ ބަލާފައި ނެތީ ކަމަށް އަޅުގަނޑަށް ތަޖުރިބާއިން ފެނުނީ."

ފުޓްސަލް ދަނޑުތައް އަޅަން ބަޖެޓުގައި ހިމެނިއަސް އެ ތަންތަން މަރާމާތުކުރަން ދާ ހަރަދެއް ބަޖެޓުން ނުދެ އެވެ. މަހުލޫފު ވިދާޅުވީ ދަނޑުތައް މަރާމާތުކުރަން ޖެހެނީ ޔޫތު މިނިސްޓްރީގެ ބަޖެޓުން ކަމަށެވެ. އެހެންވެ، އޭނާ ވަނީ ކުޅިވަރު ދަނޑުތައް މަރާމާތުކުރުމަށް ބަޖެޓުގައި ހިމެނުމަށް އެދިވަޑައިގެންފަ އެވެ.

"ރަށްރަށުގެ ފުޓްސަލް ދަނޑުތައް މަރާމާތުނުކޮށް ބަހައްޓާ ނަމަ ޒުވާނުން ރުޅިގަދަވާނެ. މި ފަހުން ފިއްލަދޫ ފުޓްސަލް ދަނޑުގައި ކެޔޮ ގަސް އިންދާފައިވޭ،" ޒުވާނުންގެ ހިތްހަމަނުޖެހުމުގެ މިސާލެއް ދައްކަވަމުން މަހުލޫފު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ސުވާލުކުރައްވަނީ.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ސުވާލުކުރައްވަނީ.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

"މި ކަހަލަ ކަންކަން ދިމާވަނީ ބަޖެޓުގައި އަސްލު މި ކަހަލަ ކަންތައްތައް ހިމަނާފައި ނެތީމަ. މާ ބޮޑު ފުރުސަތެއް ނޯވެ އަޅުގަނޑުމެންނަށް އެކަން ކުރަން. އެކަމަކު ކޮންމެ ވެސް ގޮތެއް ހޯދައިގެން އެކަން މަޖުބޫރުވީމަ އެކި ގޮތްގޮތަށް އެކަން ކުރަމުން ދަނީ."

ރާއްޖޭގެ އެކި ސަރަހައްދުގައި ގާތްގަނޑަކަށް 40 އައުޓްޑޯ ވޮލީ ކޯޓު ގާއިމްކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން އަޅުގަނޑު ގެނެސް ކޮންޓްރެކްޓަރުންނާ މީޓްކުރަން ދޭތެރެއަކުން. މިސާލަކަށް، މާޗު 1 ވަނަ ދުވަހު ނިންމާނަމޭ ބުނެފައި، ދެން ގެންނަ ދުވަހު ބުނާނެ އޭޕްރީލް މަހުގައޭ. އެ ކަހަލަ ގޮތަކަށް މަސައްކަތް ދަނީ. އެ ކެޕޭސިޓީ ކުންފުނިތަކުގައި އަސްލު ހަގީގަތުގައި ކުރާ މަސައްކަތާ ބަލާފައި ނެތީ ކަމަށް އަޅުގަނޑަށް ތަޖުރިބާއިން ފެނުނީ.- މަހުލޫފު ވިދާޅުވި.

މަރާމާތުކުރަން ޖެހޭ ވަރަށް ގިނަ ދަނޑުތައް ހުރިކަން ފާހަގަކުރައްވައި މަހުލޫފު ވިދާޅުވީ އެ މަސައްކަތްތައް ލަސްވަނީ ބަޖެޓު ނެތީމަ ކަމަށެވެ.

ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ސުވާލާ ގުޅިގެން މަހުލޫފު ވިދާޅުވީ މި ވެރިކަމުގައި 40 ފުޓްބޯޅަ ދަނޑު ނިންމާލާފައިވާ ކަމަށެވެ. މި ވެރިކަން އައުމުގެ ކުރިން ސަރުކާރަކުން އެއްވެސް ރަށެއްގައި ފުޓްބޯޅަ ދަނޑެއް ހަދާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ދެ އަހަރު ނުލައި 40 އަކީ ބޮޑު އަދަދެއް ކަމަށާއި މިހާރު ވެސް އެކި މަރުހަލާގައި ބޮޑު 50 ދަނޑެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

"ދުނިޔޭގެ ނިސްބަތުން ބެލިއަސް ބޮޑު އަދަދެއް އެއީ،" ބޭރުގެ ފުޓްބޯޅައިގެ އިސްވެރިންނާ ވާހަކަދައްކާއިރު ލިބޭ ޖަވާބުތަކަށް ބައްލަވައި އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ލޯނުގެ އެހީގައި ސަރުކާރުން ވަނީ ޓީޓީއާ ބާސްކެޓް ކޯޓު އަދި ހަތަރު ސިންތަޓިކް ޓްރެކު އަޅަން ވެސް ނިންމައިފަ އެވެ. އެ މަސައްކަތްތައް ނިމުމުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޅިވަރު ދަނޑުތައް އެޅުމުގެ ވައުދު ފުދޭނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.