Roadha Mihaaru
"ކޮންމެ 4000 މީހަކަށް ފުޓްސަލް ދަނޑެއް އޮންނާނެ"

މަޝްރޫއުތައް ނިމުމުން ކޮންމެ 4،000 މީހަކަށް ދަނޑެއް އޮންނާނެ: މަހުލޫފް

28 ފެބުރުއަރީ 2022

މި ސަރުކާރުން ހިންގާ ފުޓްސަލް ދަނޑުއެޅުމުގެ މަޝްރޫއުތައް ނިމުމުން ކޮންމެ 4،000 މީހަކަށް ދަނޑެއް އޮންނާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި ސަރުކާރުން ހިންގާ ފުޓްސަލް ދަނޑުއެޅުމުގެ މަޝްރޫއުތައް ނިމުމުން ކޮންމެ 4،000 މީހަކަށް ދަނޑެއް އޮންނާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށި ދާއިރާގެ އެމްއެންޕީގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ، އެކި ރަށްރަށުގައި އަޅާ ފުޓުބޯޅަ ދަނޑުތަކާއި ފުޓްސަލް ދަނޑުތަކުގެ މަސައްކަތް ލަސްވަނީ ޔޫތު މިނިސްޓްރީގެ ސަބަބުން ނޫން ކަމަށެވެ.

އެ ކަންކަން އަވަހަށް ނުނިމެނީ އޭނާ ވިދާޅުވިގޮތުގައި ކުރަން ޖެހޭ މަސައްކަތައް ގިނަވުމުންނެވެ. އަދި ވިދާޅުވީ، ބޭނުންވާ ސްޕީޑުގައި ނުނިމެނީ ކަމަށާއި ނަމަވެސް ޖުމުލަކޮށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ގިނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ އިނގިރޭސި ވިލާތުގައި ފުޓްބޯޅަ ކުޅެން ރަސްމީކޮށް އަޅާފައި ވަނީ 600 އެއްހާ ދަނޑު ކަމަށާއި އެއީ ކޮންމެ 111،000 މީހަކަށް އެއް ދަނޑު ކަމަށެވެ.

ރާއްޖޭގައި މިދިޔަ ތިން އަހަރުގެ ތެރޭގައި ފަށާފައިވާ 30 ދަނޑު ނިންމުމުގެ މަސައްކަތް ނިމުމުން ކޮންމެ 11،000 މީހަކަށް ދަނޑެއް އޮންނާނެ ކަމަށާއި މިހާރު ހުރި މަޝްރޫއުތައް ނިމުމުން ކޮންމެ 4،000 މީހަކަށް ދަނޑެއް ލިބޭނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"އެ ވަރަށް މަސައްކަތް ކުރެވޭތީ އަދި ކުރިއަށް ދާތީ އަޅުގަނޑު އުފާކުރަން. ހިތްހަމަޖެހޭ،" މަހުލޫފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިސް

އޭނާގެ ވާހަކަ އަށް ފަހު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިނގިރޭސި ވިލާތުގައި އެހާ ބައިވަރު ޓާފް ދަނޑު ހުންނަކަން އެނގިވަޑައިގަތުމުން ހައިރާންކަން ލިބިވަޑައިގެންފި ކަމަށެވެ. އެކަން ކުރިން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެހާ ގިނަ ފުޓްސަލް ދަނޑު "އަޅައި ނުގަންނަ" ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ އެހެން މެމްބަރުން ވެސް މަހުލޫފާ މިއަދު މައިގަނޑު ގޮތެއްގައި ކުރެއްވި އެ ބޭފުޅުންގެ ދާއިރާތަކުގެ ފުޓްސަލް ދަނޑުތަކާ ގުޅޭ ސުވާލުތަކެވެ.