Roadha Mihaaru
އެމްޕީއެލްގެ ލީޑް މެނޭޖަރަކަށް ފަސްޓް ނޭޝަނަލް

އެމްޕީއެލްގެ ލީޑް މެނޭޖަރަކަށް ފަސްޓް ނޭޝަނަލް

18 އެޕްރީލް 2022

އެމްޕީއެލްއިން 200 މިލިއަން ރުފިޔާ ހޯދަން ފަސްޓް ނޭޝަނަލް ކުންފުންޏާ އެކު މަސައްކަތް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޕީއެލްއިން 200 މިލިއަން ރުފިޔާ ހޯދަން ފަސްޓް ނޭޝަނަލް ކުންފުންޏާ އެކު މަސައްކަތް ފަށައިފި އެވެ.

އެމްޕީއެލްގެ ލީޑް މެނޭޖަރެއްގެ ގޮތުގައި ފަސްޓް ނޭޝަނަލް މަސައްކަތްކުރާނީ ކެޕިޓަލް މާކެޓް މެދުވެރިކޮށް އެކި ފައިނޭންޝަލް އިންސްޓްރޫމެންޓްތައް ބޭނުންކޮށްގެން އެ ކުންފުނީގެ އާމްދަނީ އިތުރުކޮށްދީ ދަރަނި މެނޭޖްކޮށްދިނުމަށެވެ. މިއީ ރާއްޖޭގައި ދިވެހި ކުންފުންޏެއްގެ ލީޑް މެނޭޖަރުގެ މަގާމު ފަސްޓް ނޭޝަނަލް ކުންފުންޏަށް ލިބުނު ފުރަތަމަ ފަހަރެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ފަސްޓް ނޭޝަނަލްއާ އެކު މަސައްކަތް ފެށީ އެ ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ކުންފުނީގެ މާލީ ހާލަތު ކުރިއަރުވަން ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ މާލީ ބާޒާރު އިތުރަށް ފުޅާވުން އިގްތިސާދީ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށާއި އިތުރަށް ފުޅާ ކުރުމަށް ކޮންމެހެން ބޭނުން ކަމަށެވެ.

މިއީ އެ ކުންފުނީގެ މުސްތަގްބަލަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އުންމީދުކުރަނީ ފަސްޓް ނޭޝަނަލްގެ އެހީތެރިކަމާ އެކު ކުންފުނީގެ އަމާޒުތައް ހާސިލުވާނެ ކަމަށެވެ.

"ރާއްޖޭގައި އެންމެ ފުންނާބު އުސް ބޭފުޅުން މި ތިބީ. މާލީ ކަންކަން އެންމެ ރަނގަޅަށް އެނގޭ ބޭފުޅުން މި ތިއްބެވީ. އެ ބޭފުޅުންގެ އެހީތެރިކަމާ އެކު އެކަން ކާމިޔާބުވާނެ ކަމަށް މިބަލަނީ،" އޭނާ ވިދާޅުވި އެވެ.

ފަސްޓް ނޭޝަނަލް އިން ބުނީ އެ ކުންފުންޏަށް އެމްޕީއެލްގެ ފަންޑުތައް މެނޭޖްކޮށް މާލީ ހާލަތު އިތުރު ހަރުފަތަކަށް ގެންދަން ފުރުސަތު ލިބުނީ ވާދަވެރި ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށެވެ.

ފަސްޓް ނެޝަނަލްގެ ޗީފް އިންވެސްޓްމެންޓް އޮފިސަރު، އަބްދުލް ހަލީމް އަބްދުލް ލަތީފް ވިދާޅުވި އެމްޕީއެލް އަކީ ރާއްޖޭގެ އިގްތިސާދުގެ މުހިއްމު ދައުރެއް އަދާކުރާ، ފުޅާ ދާއިރާ އެއްގައި ކުރިއަރަމުން އަންނަ ކުންފުންޔެއް ކަމަށެވެ. އެފަދަ ކުންފުންޏަކާ އެކު ފަސްޓް ނެޝަނަލަށް މަސައްކަތް ކުރަން ލިބުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް މާކެޓް ބަލައިގަންނާނެ ފަދަ ރަނގަޅު ޕްރޮޑަކްޓްއެއް ނެރެވޭނެ. މިގޮތުން ޝަރީއާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އިންވެސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވެސް އަޅުގަނޑުމެން ނެރޭ ޕްރޮޑަކްޓް ގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދޭނަން."

ފަސްޓް ނެޝަނަލް އާއި މޯލްޑިވްސް ޕޯޓްސްއާ ދެމެދު ހެދި އެއްބަސް ވުމުގެ ދަށުން މި ފައިސާ ހޯދުމަށް ކުރަން ޖެހޭ ހުރިހާ ކަމެއްގައި އެމްޕީއެލްގެ ފައިނޭންސް ޓީމާ އެކު މަސައްކަތް ކުރާނެ އެވެ. ފައިސާ ހޯދާނެ ގޮތްތައް ފަރުމާކުރުމާއި ކަމާ ބެހޭ އިދާރާތަކުން ނަގަން ޖެހޭ ހުއްދަތައް ނެގުމާއި މާކެޓް ކުރުމާއި މި ހުރިހާ މަރުހަލާތަކެއް ފަސްޓް ނެޝަނަލް އިން ފުރިހަމަ ކުރާނެ އެވެ.