Roadha Mihaaru

ބޭރު މީހުންނަށް ރާއްޖޭގެ ކެޕިޓަލް މާކެޓުގައި އިންވެސްޓްކުރުމުގެ ފުރުސަތު

ރާއްޖޭގެ ކެޕިޓަލް މާކެޓުގައި އިންވެސްޓްކުރާ ބޭރުގެ އިންވެސްޓަރުންނާ ގުޅޭ އުސޫލެއް ކެޕިޓަލް މާކެޓް ޑިވަލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އާންމުކޮށްފި އެވެ.

ރާއްޖޭގެ ކެޕިޓަލް މާކެޓުން ބޭރު މީހުންނަށް ފުރުސަތު
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

27 ސެޕްޓެމްބަރ 2025

ރާއްޖޭގެ ކެޕިޓަލް މާކެޓުގައި އިންވެސްޓްކުރާ ބޭރުގެ އިންވެސްޓަރުންނާ ގުޅޭ އުސޫލެއް ކެޕިޓަލް މާކެޓް ޑިވަލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އާންމުކޮށްފި އެވެ.

ސީއެމްޑީއޭގެ އާ ގަވައިދުގައިވާ ގޮތުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރެވޭނީ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ހިއްސާ އާއި ބޮންޑާއި އެހެނިހެން ސެކިއުރިޓީ މާކެޓް އިންޓްރޫމެންޓްތަކުގަ އެވެ.

ސީއެމްޑީއޭއިން ބުނީ، ގުޅުންހުރި ފަރާތްތައް ނުވަތަ އެ ފަރާތްތަކުގެ ބޮޑު ކޮންޓްރޯލެއް ނުވަތަ ނުފޫޒެއް އޮންނަ ގާނޫނީ ޝަހްސުތައް ހިމެނޭ ގޮތަށް އެއްވެސް ފަރާތަކުން އެކަނި ނުވަތަ އެހެން ފަރާތްތަކާ ގުޅިގެން 10 ޕަސެންޓަށް ވުރެ ގިނަ ހިއްސާ ހޯލްޑް ނުކުރެވޭނެ ކަމަށެވެ.

އިންވެސްޓް ކުރަނީ އިކުއިޓީ ނުވަތަ ހިއްސާ ފިޔަވައި އެހެން ސެކިއުރިޓީތަކުގައި ނަމަ، އިންވެސްޓްކުރުމަށް ހުށަހަޅާ ނުވަތަ ދައުވަތުދޭ ފަރާތުގެ ޝަރުތުތަކުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، ބޭރުގެ އިންވެސްޓަރަކަށް ވެސް 100 ޕަސެންޓާ ހަމައަށް އިންވެސްޓްކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އާ ގަވައިދުގެ ދަށުން، ބޭރުގެ އިންވެސްޓަރުންނަށް އެއްވެސް ހިދުމަތެއް ފޯރުކޮށްދިނުމުގެ ކުރިން އެފްއައިއޭޖެންޓް، އެ އޮތޯރިޓީން ކަނޑައަޅާފައިވާ ފޯމެޓުގައި އެފްއައިޕޯޓަލް މެދުވެރިކޮށް އެ އޮތޯރިޓީއަށް ބޭރުގެ އިންވެސްޓަރު ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅަން ޖެހޭނެ އެވެ. އެގޮތަށް ރަޖިސްޓްރީ ކުރުމަށް ހުށަހެޅޭނީ އެ އޮތޯރިޓީގައި ޑީލާސް އާއި ބްރޯކާޒްގެ ގޮތުގައި ލައިސެންސް ނަގާފައިވާ ފަރާތްތައް މެދުވެރިކޮށެވެ.

ސީއެމްޑީއޭގެ ގަވައިދުގެ ދަށުން ކޮންމެ ކުއާޓަރަކު ވެސް ބޭރުގެ އިންވެސްޓަރުން ކޮށްފައިވާ މުއާމަލާތްތަކުގެ ތަފްސީލާއި އެ ފަރާތްތަކުގެ ހޯލްޑިންގްސްތަކުގެ ފުރިހަމަ ދަފްތަރު ހުށަހަޅަން ޖެހޭނެ އެވެ. އަދި ކޮންމެ އަހަރެއް ނިމޭތާ ތިން މަސް ތެރޭ އެ އަހަރެއްގައި ބޭރުގެ އިންވެސްޓަރުންނާ ގުޅުން ހުރި ވިޔަފާރީގެ ހިންގުމާއި ކަނޑައެޅިފައިވާ ރެގިއުލޭޓަރީ ޝަތުރުތަކަށް އަމަލުކުރި މިންވަރުގެ ތަފްސީލު ހިމަނައި އެކަމުގެ އެކްސްޓާނަލް އޮޑިޓް ރިޕޯޓެއް އެކުލަވާލައި އެ އެއޯރިޓީއަށް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އެ ގަވައިދަށް އަމަލުނުކޮށްފި ނަމަ 10،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ސީއެމްޑީއޭއަށް ލިބިގެންވެ އެވެ.