Roadha Mihaaru
ބަނދަރުގެ ހިދުމަތް އަވަސްކުރުމުގެ މަސައްކަތް ފަށައިފި

ވިޔަފާރި ބަނދަރުގެ ހިދުމަތް އަވަސް ކުރުމުގެ މަސައްކަތް އެމްޕީއެލުން ފަށައިފި

15 ޖެނުއަރީ 2019

ވިޔަފާރި ބަނދަރުގެ ހިދުމަތްތައް އަވަސް ކުރުމުގެ ގޮތުން ތިން ކަމަކަށް އަމާޒުކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މަސައްކަތްތަކެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވިޔަފާރި ބަނދަރުގެ ހިދުމަތްތައް އަވަސް ކުރުމުގެ ގޮތުން ތިން ކަމަކަށް އަމާޒުކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މަސައްކަތްތަކެއް ފަށައިފި އެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަ ޝާހިދު އަލީ މިއަދު ވިދާޅުވީ މިހާރު ފަށާފައިވާ މަސައްކަތްތަކަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށެވެ. އޭގެ ސީދާ އަދަދު ވިދާޅުނުވިޔަސް، ހަމައެކަނި ބަނދަރު ސަރަހައްދުގެ މަގުތައް މަރާމާތުކުރަން ވެސް 40 މިލިއަން ރުފިޔާ ވަރު ހޭދަވާނެ ކަމަށް ވިދާޅުވި އެވެ.

މުދާ އުފުލުމުގައި ދިމާވާ މައްސަލަތައް ހައްލުކުރަން އެމްޕީއެލުން ކުރިއަށް ގެންދަނީ ހަލާކުވެފައިވާ ވެހިކަލްތައް ހެދުމާއި ބަނދަރު ސަރަހައްދުގައި ހުރި މަގުތައް މަރާމާތު ކުރުމުގެ އިތުރުން ބަނދަރުގެ ޖާގަ ބޮޑުވާނެ ގޮތަކަށް ބަނދަރު ރީއެރޭންޖު ކުރުމެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މުދާ އުފުލަން ބޭނުންކުރާ ގިނަ ވެހިކަލްތަކެއް މިވަގުތު ހުރީ ހަލާކުވެފަ އެވެ. އޭގެ ތެރޭގައި ހެވީ މެޝިނަރީ ގިނަ އަދަދަކަށް ހުރި ކަމަށް ވެސް ވިދާޅުވި އެވެ.

"ހަލާކުވެފައިވާ ވެހިކަލްތަކަށް ބޭނުންވާ ސްޕެއާ އާއި ސާމާނު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލް ކާގޯ އޭރިއާ: ބަނދަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ޖެހިފައި

އެމްޕީއެލް ކާގޯ އޭރިއާ: ބަނދަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ޖެހިފައި

އޭނާ ވިދާޅުވީ ހަލާކުވެފައިވާ ބައެއް ވެހިކަލްތައް މަރާމާތު ކުރުމަށް ފަހު މިހާރު ނެރެވިފައިވާ ކަމަށެވެ.

ބަނދަރު ސަރަހައްދުގެ މަގުތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ހުރުމުން ވެހިކަލްތަކަށް ގެއްލުން ލިބޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ފަށާ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް މި އަހަރު ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވިޔަފާރި ބަނދަރަށް ގެންނަ މުދަލުގެ މިންވަރު ތިން ގުނަ އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ބަނދަރު ބޮޑުކޮށް، ހިދުމަތް އަވަސް ކުރުމަށްޓަކައި މާ ބޮޑު މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބަނދަރަށް މުދާ އުފުލާ ބޯޓުފަހަރު އާންމު ގޮތެއްގައި 10 ވަރަކަށް ދުވަހު ބަނދަރުގައި އޮންނަން ޖެހެ އެވެ. އެކަމަކު ވިޔަފާރިވެރިން ބުނާ ގޮތުގައި ބައެއް ފަހަރަށް މުދާ ހުސްނުކުރެވި ދެ ހަފުތާއެއްހާ ދުވަސް ވެސް ހޭދަވެ އެވެ. އޭގެ ސަބަބުން ވިޔަފާރިވެރިންނާއި ބޯޓުފަހަރު ދުއްވާ ކުންފުނިތަކަށް ގެއްލުންތަކާ ކުރިމަތިވެ އެވެ.

ދާދި ފަހުން ރާއްޖެއަށް މުދާ ހިފައިގެން އައި ބޯޓެއް މާ ގިނަ ދުވަހު ބަނދަރުގައި އޮންނަން ޖެހުމުން ކޮންޓޭނަރުތައް ނުބާލައި ދިޔައީ އެވެ. އެކަމަކު އޭގެ ދެ ދުވަސް ފަހުން އެނބުރި އައިސް މުދާ ހުސްކުރި އެވެ.