Roadha Mihaaru
7 ރަށެއްގައި އިންޑިއާގެ އެހީގައި މަޝްރޫއުތަކެއް ފަށަނީ

ހަތް ރަށެއްގައި އިންޑިއާގެ އެހީގައި މަޝްރޫއުތަކެއް ފަށަނީ

18 އެޕްރީލް 2022

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑު އާއި އިތުރު ހަ ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑު އާއި އިތުރު ހަ ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން އެ ސޮއިކުރެއްވީ، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

އެ މަޝްރުއޫތައް ހިންގާނީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުންނެވެ. އެ ސްކީމްގެ ދަށުން މިހާރު ވެސް އެކި ރަށްރަށުގައި އިންޑިއާ އިން އަންނަނީ މަޝްރޫއުތައް ހިންގަމުންނެވެ. މިއަދު ސޮއިކުރި އެއްބަސްވުންތަކާ އެކު، އެ ސްކީމްގެ ދަށުން ރާއްޖޭގައި ޖުމްލަ 27 މަޝްރޫއެއް އިންޑިއާ ސަރުކާރުން ހިންގާނެ އެވެ.

އިންޑިއާ ސަރުކާރުން ހިންގަން ހަމަޖެހިފައިވާ އެ މަޝްރޫއުތައް އިއުލާންކުރެއްވީ މިދިޔަ މަހު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރާއްޖެ އަށް ކުރެއްވި ދަތުރުގަ އެވެ. އެ މަޝްރޫއުތަކަށް ގާތްގަނޑަކަށް 1.7 މިލިއަން ޑޮލަރު (27 މިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް ބެލެވެ އެވެ.

އައްޑޫއާ އެކު އިތުރު ހަ ރަށެއްގައި އިންޑިއާ ސަރުކާރުން ހިންގާ އާ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ސޮއިކުރައްވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އައްޑޫއާ އެކު އިތުރު ހަ ރަށެއްގައި އިންޑިއާ ސަރުކާރުން ހިންގާ އާ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ސޮއިކުރައްވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިއަދު ސޮއިކުރި އެއްބަސްވުންތައް:

- އދ. ދިގުރަށާއި ގއ. ގެމަނަފުށީގައި ޔޫތު ސެންޓަރެއް ހެދުން.

- ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސްޕީޗް ތެރަޕީ ޔުނިޓެއް ހެދުން.

- ހުޅުމާލޭ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗަކުރުމަށް ވޯކްޝޮޕެއް ހެދުން.

- އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރެއް ހެދުން.

- ނ. މަނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުން.

- ނ. ލަންދު އާއި ތ. ދިޔަމިގިލީގައި ހުރި އާސާރީ ބައެއް ތަންތަން މަރާމާތުކޮށް، ރައްކާތެރިކުރުން.

އިންޑިއާ ސަރުކާރުން 10 މިލިއަން ރުފިޔާ ހަރަދުކޮށްގެން، ދިގުރަށާއި ގެމަނަފުށީގައި ހަދާ ޔޫތު ސެންޓަރުތަކުގައި އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތަކުގެ އިތުރުން ޖިމާއި އޮފީސް ސްޕޭސް އަދި ބައްދަލުވުންތައް ބާއްވާނެ މީޓިން ރޫމް ހުންނާނެ އެވެ. އަދި މަނަދޫގައި ހަދާ ބައިނަގަލްއަގުވާމީ މިންގަނޑަށް ފެތޭނެ ސްޕޯޓްސް ކޮމްޕްލެކްސް ހެދުމަށް އަށް މިލިއަން ރުފިޔާ ދޭނެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ހަދާ ސްޕީޗް ތެރަޕީ ޔުނިޓުގައި ސައުންޑް ޕްރޫފް ސްޓޭޝަނަކާ އެކު އޯޑިއޯމެޓްރީ ސެޓަޕެއް ބަހައްޓާއި އެތަނަށް ބޭނުންވާ ކޮމްޕިއުޓާ ސިސްޓަމްތައް ބަހައްޓައި އަދި ޔުނިޓްގެ އުމްރާނީ މަސައްކަތްތައް ކުރާނެ އެވެ. އެ ޕްރޮޖެކްޓް ހިންގާނީ ނުވަ ލައްކަ ރުފިޔާގެ ހީލޭ އެހީގެ ދަށުންނެވެ.

އިންޑިއާ ސަރުކާރުން ހިންގާ އާ މަޝްރޫއުތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއާ އެކު ދިވެހި ސަރުކާރާއި އިންޑިއާ ހައިކޮމިޝަންގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިންޑިއާ ސަރުކާރުން ހިންގާ އާ މަޝްރޫއުތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއާ އެކު ދިވެހި ސަރުކާރާއި އިންޑިއާ ހައިކޮމިޝަންގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލޭ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗާކުރުމަށް ވޯކްޝޮޕެއް ހަދަނީ 1.99 މިލިއަން ރުފިޔާގެ ހިލޭ އެހީގަ އެވެ. އެތަނަށް ބޭނުންވާ މެޝިނަރީޒް އާއި މެޓީރިއަލް ހޯދައި އެ ވޯކްޝޮޕް ހިންގަން ބޭނުންވާ މުވައްޒަފުން ތަމްރީން ކުރާނެ އެވެ. އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ހަދާ މެންޓަލް ހެލްތު ސެންޓަރަށް 665،000ރ. ގެ ހިލޭ އެހީ އިންޑިއާ އިން ދޭނެ އެވެ.

ލަންދޫގެ އާސާރީ ތަނެއް ކަމަށްވާ މާބަދުގެ އާއި ދިޔަމިގިލި ދަރިކޮޅުގެ ރަސްމަތިފުށާ ގުޅޭ ގަނޑުވަރު މަރާމާތުކޮށް ރައްކާތެރިކުރުމަށް 5.2 މިިލިއަން ރުފިޔާ އެ ޕްރޮޖެކްޓަށް ކަނޑައަޅާފައިވެ އެވެ. އަދި ސައިޓް މިއުޒިއަމް ހަދައި، އެ ތަންތަނަށް ޒިޔާރަތްކުރާ މީހުންނަށް އެތަންތަން ފެންނާނެ ގޮތަށް ހަދައި ގެލެރީތައް ހެދުމަށް ވެސް ހަމަޖެހިފައިވެ އެވެ. މި ޒަމާނުގެ މިއުޒިމްތަކުގައި ހުންނަ ޑިޖިޓަލް އެގްޒިބިޓްތައް އެތަންތަނުގައި ވެސް ހަދައި، އެތަންތަނާ ބެހޭ މައުލޫމާތު އާއްމުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، މި މަޝްރޫއުތަކުގައި ސަބަބުން ދިވެހިންގެ ސިއްހީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި ޒުވާނުން ބާރުވެރިކުރުމާށާއި އަދި ރާއްޖޭގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ. އަދި މުޖުތަމައުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީ އަށް މި ސަރުކާރުން ކުރާ މަސައްކަތް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް އިންޑިއާ އިން އަބަދުވެސް ވަރަށް ބޮޑު އެހީތެރިކަމެއް ދޭ. ކޮވިޑްގެ ބޮޑު ބަލިމަޑުކަމުގެ ތެރޭގައި ވެސް އިންޑިއާ އިން ރާއްޖެ އަށް ދިން އެހީތަކުން އަޅުގަނޑުމެންނަށް އެކަން ވަނީ ވަރަށް ރަނގަޅަށް ފެނިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އެ ރަށްތައް ތަމްސީލުކުރާ ދާއިރާތަކުގެ މަޖިލިސް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އިރު، ރަށްރަށުގެ ކައުންސިލްތަކުން ވެސް އޮންލައިންކޮށް ބައިވެރިވި އެވެ.