Roadha Mihaaru
ސަރުކާރުން ލަފާކުރާ ވަރުގެ ތާއީދެއް ނެތް: ނަޝީދު

ސަރުކާރުން ލަފާކުރާ ވަރުގެ ތާއީދެއް ނެތް، 50 ޕަސެންޓަށް ވުރެ އިތުރަށް ހޯދަން އުނދަގޫވާނެ: ނަޝީދު

19 އެޕްރީލް 2022

މަސްވެރިންނަށް ވީ ވައުދުތައް ވެސް ނުފުއްދުނު ކަމަށް ވިދާޅުވުމަށް ފަހު, އެމްޑީޕީ ހިމެނޭ މި ސަރުކާރަށް ތާއީދު ނެތް ކަމަށް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މަސްވެރިންނަށް ވީ ވައުދުތައް ވެސް ނުފުއްދުނު ކަމަށް ވިދާޅުވުމަށް ފަހު, އެމްޑީޕީ ހިމެނޭ މި ސަރުކާރަށް ތާއީދު ނެތް ކަމަށް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އެ މަނިކުފާނުގެ ފެކްޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނުން ވާދަވެރި ކެމްޕޭނެއް ހިނގަނިކޮށް ނަޝީދު ވަނީ އެމްޑީޕީގެ މެމްބަރުން ތިއްބަވާ ގްރޫޕެއްގައި ރޭ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

ނަޝީދު ވިދާޅުވީ މި ވެރިކަމަށް ތާއީދު ބޮޑު ކަމަށް ސަރުކާރުން ލަފާކުރިއަސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު އުނދަގޫވާނެ ކަމަށެވެ. ވަރަށް ގިނަ ގޯސްތައް ހެދިއްޖެ ކަމަށާއި އެ ގޯސްތައް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލު ވެސް ނުކުރާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ 50 ޕަސެންޓް އަށް ވުރެ އިތުރަށް ހޯދަން ވަރަށް އުނދަގޫވާނެ ކަމަށް. މާ ގިނަ ގޯސް ހެދިއްޖެ. އަދި އެ ގޯސް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލެއް ނުކުރޭ," ނަޝީދު ވިދާޅުވި އެވެ.

"ސަރުކާރަށް ލަފާ ކުރެވެނީ ވަރަށް ތާއީދު ބޮޑު ކަމަށް."

އިންތިހާބުގައި 50 ޕަސެންޓަށް ވުރެން އިތުރަށް ހޯދަން އުނދަގޫވާނެ ކަމަށް ނަޝީދު ވިދާޅުވި އިރު ސިޔާސީ ޕާޓީތަކުގެ ނިޒާމު އައި ފަހުން ބޭއްވި އެއްވެސް ރިޔާސީ އިންތިހާބެއްގައި އެމްޑީޕީ އަށް ވެސް އެކަނި 50 ޕަސެންޓަށް ވުރެ އިތުރަށް ނުހޯދެ އެވެ. ވެރިކަން ކުރާ ޕާޓީއަކަށް އިންތިހާބު ކާމިޔާބު ކުރެވެނީ އެހެން ޕާޓީތަކާ އެކު ހަދާ ކޯލިޝަނަކުންނެވެ.

މަޖިލީހުގައި ބޭއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

މަޖިލީހުގައި ބޭއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ޕީޕީއެމްގެ މައްޗަށް 2018 ގައި ކުރި ހޯދީ ވެސް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު އަދި އެމްއާރުއެމް ހިމެނޭ, މިހާރު ސަރުކާރު ހިންގާ ކޯލިޝަނުންނެވެ. މި ކޯލިޝަނުން ވެރިކަން ކުރާތީ އެމްޑީޕީގެ ވައުދުތައް ނުފުއްދޭ ކަމަށް ވިދާޅުވެ ނަޝީދު ފެކްޝަނުގެ ހިތްހަމަނުޖެހުން ސަރުކާރަށް ބޮޑެވެ.

އިންތިހާބުގެ ވާހަކައަކާ ގުޅުވައި ނަޝީދު ދެން ފޮނުއްވި މެސެޖުގައި ވިދާޅުވީ މިއީ ވަރަށް ގިނަ ފައިސާ އަނބުރާ ދައްކަން ޖެހޭ އަހަރެއް ކަމަށެވެ.

"ރިސްކް ބޮޑު އަހަރެއް. މިއިން އެއް ކަމަކަށް ވެސް ބަލައެއް ނުލެވޭ،" ނަޝީދު ވިދާޅުވި އެވެ. އެ މަނިކުފާނު ރޭ ވެސް ވަނީ ސަރުކާރުގެ މަސްވެރި ކަމުގެ ސިޔާސަތަށް ފާޑުވިދާޅުވެފަ އެވެ.

މިފްކޯގެ ކެޕޭސިޓީ ބޮޑު ކުރުމުގެ ކަންކަން ނުކުރަން ތަކުރާރުކޮށް ދެންނެވި ކަމަށް ވެސް ވިދާޅުވި އެވެ. މިފްކޯގެ ކަންތައް ނުކުރެވި އެމްޑީޕީ ސިޔާސަތުގެ ރަށްރަށު މަސް ޕްލާންޓްސް ވެސް ނުހެދުނީ ކަމަށް ވިދާޅުވި އެވެ.

އެތެރޭގެ އިންތިހާބަށް ބަހުގެ ހަމަލާތައް ކެމްޕޭން ޓީމުތަކުން ދެމުން ދަނިކޮށް ސަރުކާރަށް ތާއީދެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އިރު ރައްޔިތުންގެ މަޖިލީހުގައި ވެސް ދެ ފެކްޝަނުގެ ކޯޅުން ބޮޑެވެ. އެ މަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން މަޖިލީހުގެ ބައެއް ވޯޓުތަކުގައި އިދިކޮޅު ޕީޕީއެމް ބޭނުންވާ ގޮތަށް ވޯޓު ދެއްވި އެވެ.

މިއީ، އިދިކޮޅާ ގުޅިގެން މަސައްކަތް ކުރުން ކަމަށާއި 2023 އެމްޑީޕީއަށް ގެއްލުވާލަން ޕާޓީ ތެރެއިން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ވެސް ދަނީ އަޅުވަމުންނެވެ.

ސަރުކާރުގެ އެކި ކަންކަމަށް އެމްޑީޕީގެ ތެރެއިން މި ފަހުން ވަރަށް ފާޅުގައި ފާޑުކިޔަމުންދާއިރު، މީގެ ކުރިން ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ސިޔާސީ މަސައްކަތް ނުކުރެއްވޭނެ ކަމަށް ވިދާޅުވެފަ އެވެ. އެއާއެކު ދެން އޮތް ގޮތަކީ އިދިކޮޅު ޕީޕީއެމާ އެކު ސިޔާސީ މަސައްކަތް ކުރުން ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު ވިދާޅުވެފައިވެ އެވެ.

ނަޝީދު އޭރު ވިދާޅުވެފައި ވަނީ އެމްޑީޕީން ބޭނުން ވަނީ އިދިކޮޅު ޕީޕީއެމާ އެކު އިއްތިހާދުވެ ސަރުކާރެއް އެކުލަވާލަން ކަަމަށެވެ. ނަޝީދު، ޕީޕީއެމަށް މި ދެއްވި ދައުވަތާ އެ ޕާޓީން އޭރު ދެކޮޅުހެދީ އެވެ.

މި މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭރު ވިދާޅުވެފައި ވަނީ އެމްޑީޕީ އާއި ޕީޕީއެމް އެކުވުމަކީ ސިޔާސީ ނިޒާމް ރޫޅިދާނެ ކަމެއް ކަމަށެވެ. އެފަދަ ކަމަކަށް އެމްޑީޕީގެ މެމްބަރުން ތާއީދު ނުކުރަން ރައީސް އެދިވަޑައިގަތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވީ ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ނަޝީދު އެދިވަޑައިގެން ތަކުރާރުކޮށް އެ ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ. ބަރުލަމާނީ ނިޒާމަކަށް ނަޝީދު މަސައްކަތް ކުރެއްވިޔަސް އެކަމާ މެދު ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ.