Roadha Mihaaru
ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން ކޯޓަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން އެދި ކޯޓަށް

15 ފެބުރުއަރީ 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައެޅުމަށާއި ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކުރުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައެޅުމަށާއި ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކުރުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހެޅުއްވީ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރެއްވި އެމްޑީޕީގެ އިސް މަގާމްތަކެއް ފުރުއްވާފައިވާ ހާމިދު އަބްދުލްޣަފޫރެވެ. ކޯޓަށް މައްސަލަ ހުށަހެޅުއްވި ކަން އޭނާ ކަށަވަރު ކޮށްދެއްވި އެވެ.

އެ މައްސަލައިގެ ގާނޫނީ ވަކީލަކީ ރިޔާސީ ޕްރައިމަރީގައި ނަޝީދުގެ ކެމްޕޭންގައި އުޅުއްވި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދެވެ.

ރިޔާސީ ޓިކެޓް ހުއްޓުވައިދިނުމުގެ އަމުރަކަށް މައްސަލައިގައި އެދިފައި އޮތް އިރު ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ޖަލްސާ މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ގޮތަށް ވަނީ ނިންމައިފަ އެވެ.

ޕްރައިމަރީގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ނަޝީދު ވެސް ތުުހުމަތުކުރައްވަ އެވެ. އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި 39،000 މެމްބަރުން އުނިކުރީ އެމަނިކުފާނަށް ލިބޭ ވޯޓުތައް މަދުކުރުމުގެ ނިޔަތުގައި ކަމަށާއި މިއީ އެތައް ބައެއްގެ ހައްގު ގެއްލުނު މައްސަލައެއް ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައީސާއި މަޖިލީހުގެ ރައީސް ނަޝީދާއި ޕާޓީގެ އިސްވެރިންނާ އެކު: ރައީސަށް މާދަމާ ރޭ ރިޔާސީ ޓިކެޓް އެރުވުން ހުއްޓުވައިދޭން ވެސް މައްސަލާގައި އެދިފައިވޭ. --- ފޮޓޯ | މިހާރު

ރައީސާއި މަޖިލީހުގެ ރައީސް ނަޝީދާއި ޕާޓީގެ އިސްވެރިންނާ އެކު: ރައީސަށް މާދަމާ ރޭ ރިޔާސީ ޓިކެޓް އެރުވުން ހުއްޓުވައިދޭން ވެސް މައްސަލާގައި އެދިފައިވޭ. --- ފޮޓޯ | މިހާރު

އެކަމަކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ކޮމިޓީން ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ޗެއާޕާސަންގެ އިންތިހާބުގެ ކުރިން 39،000 މެމްބަރުން ވަކިކުރީ އެހެން ޕާޓީތަކުގައި އެ މެމްބަރުންގެ ރަޖިސްޓްރީ އޮތުމާއި ފިންގާ ޕްރިންޓް ނުޖަހައި ގިނަ މެމްބަރުންތަކެއް ތިބުމުން ދަފްތަރު ސައްހަ ކުރަން ކަމަށެވެ.

އިންތިހާބުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި ނަޝީދުގެ ފަރާތްޕުޅުން ގިނަ ޝަކުވާތަކެއް ހުށަހަޅާފައި ވިޔަސް އިންތިހާބާ ބެހޭ ކޮމިޓީން ބުނެފައި ވަނީ ނަތީޖާއަށް ބަދަލެއް އަންނާނެ ވަރުގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.

އެމްޑީޕީގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދެވީ 61 ޕަސެންޓުންނެވެ.

މި ނަތީޖާ ގަބޫލުނުކުރައްވައި ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ހަރަކާތެއް ފައްޓަވައިފަ އެވެ. އެމްޑީޕީގެ ގިނަ އަދަދެއްގެ ބަޔަކު އެ ހަރަކާތަށް ސޮއިކުރަމުން އަންނަ ކަމަށާއި މިހާތަނަށް 50،000 އަށް ވުރެން ގިނަ މެމްބަރުން ސޮއިކޮށްފައިވާ ކަމަށް އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ މައްސަލަ ކޯޓަށް ވެއްދި އިރު ރިޔާސީ އިންތިިހާބު ކާމިޔާބުކުރުމާ ގުޅޭ ކަންކަން ޕާޓީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ރިޔާސީ ކެންޑިޑޭޓް ކުރިއަށް ގެންދިއުމުގެ ބާރުދީ އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ.