Roadha Mihaaru
ތާރީހު ބަދަލުކޮށްލި ނަތީޖާ: ނަޝީދު ހަދާނީ ކިހިނެއް؟

ތާރީހު ބަދަލުކޮށްލި ނަތީޖާ: ނަޝީދު ހައްދަވާނީ ކިހިނެއް؟

29 ޖެނުއަރީ 2023

އެމްޑީޕީގެ "އެންމެ މަގުބޫލް" ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫން އެހެން ބޭފުޅަކަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަތުމަކީ ހުރިހާ ގޮތަކުން ބެލިޔަސް ވަރަށް ތާރީހީ ކަމެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކޮށްލާނެ ކަމެކެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީގެ "އެންމެ މަގުބޫލް" ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫން އެހެން ބޭފުޅަކަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަތުމަކީ ހުރިހާ ގޮތަކުން ބެލިޔަސް ވަރަށް ތާރީހީ ކަމެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކޮށްލާނެ ކަމެކެވެ.

ނަޝީދަކީ 2008 ވަނަ އަހަރުން ފެށިގެން އަބަދުވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރައްވައި އެ ޕާޓީގެ "މޫނެއް" ގެ ގޮތުގައި ހުންނެވި ލީޑަރެވެ. އެ ނޫން އެހެން ނަމެއް، ވާދައެއް އަދި ޗޮއިސްއެއް އެމްޑީޕީއަކު ނުފެންނާނެ އެވެ. ނަޝީދު ފަހަތަށް ޖައްސާލައި އެހެން ކެންޑިޑޭޓަކު ފެންނާނެ ކަމަށް އޭރަކު ގަބޫލެއް ވެސް ނުކުރެވެ އެވެ.

ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވިއިރު، ހުކުމެއް އޮތުމާއި ރާއްޖެ އިން ބޭރުގައި ހުންނަވަން ޖެހިވަޑައިގަތުމުގެ އެމްޑީޕީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ނަޝީދަށް ރިޔާސީ ޓިކެޓު ދޫކޮށްލަން އޭރު ޖެހިވަޑައިގަތީ އެވެ. މަޖުބޫރީ ހާލަތެއް ކުރިމަތިވުމުން، ޕާޓީގެ ކޮންގްރެސް އިން 2018 ގެ ރިޔާސީ ޓިކެޓް ހަވާލު ކުރަން ނިންމީ މިހާރުގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާ އެވެ.

އޭގެ ފަސް އަހަރު ފަހުން އިއްޔެ އެ މަނިކުފާނު ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަކުން ސީދާ ނަޝީދާ ވާދަކުރައްވައި ރިޔާސީ ޓިކެޓު ދެވަނަ ފަހަރަށް ހޯއްދަވައިފަ އެވެ. އެމްޑީޕީގެ އެންމެ މަގުބޫލް ލީޑަރު ކަމުގެ ޝަރަފު ވެސް ރައީސް ހޯއްދެވީ އެވެ. އެއާއެކު، ރިޔާސީ ދެވަނަ ދައުރެއްގެ ޓިކެޓް ކާމިޔާބު ކުރެއްވި އެމްޑީޕީގެ ފުރަތަމަ ބޭފުޅާގެ ޝަރަފު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިހާރު ލިބިވަޑައިގެންފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އެ މަނިކުފާނަށް ދެން އޮތީ ސިޔާސީ އެންމެ ބޮޑެތި މަސައްކަތްތައް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އެ މަނިކުފާނަށް ދެން އޮތީ ސިޔާސީ އެންމެ ބޮޑެތި މަސައްކަތްތައް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ނަޝީދަށް މިއީ ޕާޓީގެ އިންތިހާބެއްގައި ބަލިވި ފުރަތަމަ ފަހަރެވެ. މިނިވަންކަމާއެކު ހުންނަވައި ރިޔާސީ ޓިކެޓް ލިބިވަޑައި ނުގަތް ފުރަތަމަ ފަހަރެވެ. އެ މަނިކުފާނު ވަށައި އެނބުރުނު ޕާޓީ އަތުން ދޫވެ, ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ މަގު ވަނީ ހަނިވެފަ އެވެ.

އެ ނަތީޖާގެ ސަބަބުން ޕާޓީ އާއި ދެ ލީޑަރުންގެ މުސްތަގުބަލަށް ބޮޑެތި ބަދަލު ތަކެއް އަންނާނެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެ އެވެ. ގައުމުގެ ސިޔާސީ މަސްރަހާއި އަންނަ ރިޔާސީ އިންތިހާބުގެ އޮއިވަރު ހުންނާނެ ގޮތަށް ދެން ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިއަށް ވަޑައިގަންނަވާނެ މިސްރާބުގެ ކުޑަވަރެއްގެ މަންޒަރެއް މި ޕްރައިމަރީގެ ކެމްޕެއިނުގެ ތެރެއިން އެ މަނިކުފާނު "ކުރެއްސެވި" އެވެ. އެކަމަކު ނަޝީދަށް ނާކާމިޔާބު ވެއްޖެ ނަމަ ދެން ހަދާނީ ކިހިނެއް ކަމެއް ނޭނގެ އެވެ. އެއީ މި ވަގުތު އެންމެން ވެސް އިންތިޒާރު ކުރާ ޖަވާބެކެވެ.

އެހެން ޕާޓީއަކީ ނަޝީދަށް އޮތް އޮޕްޝަނެއް ނޫން!

މި ނަތީޖާއާ ގުޅޭ ގޮތުން ބައެއް މީހުން ބުނީ، އެމްޑީޕީން ފުރުސަތު ގެއްލުނަސް ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ. އެއް ގޮތަކީ އެމްޑީޕީން ވަކިވެ، އަމިއްލަ ގޮތުން ވާދަ ކުރެއްވުމެވެ. ނުވަތަ އެހެން ސިޔާސީ ޕާޓީއެއް އުފައްދަވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަޑައިގަތް މަގުން ހިންގެވުމެވެ. އާ ސިޔާސީ ޕާޓީއަކާ ދިމާލަށް ވަޑައިގަތުމަށް ނަޝީީދުގެ ބައެއް ސަޕޯޓަރުން މިހާރު ވެސް ގެންދަވަނީ އެ މަނިކުފާނަށް ސޯޝަލް މީޑިއާގައި ހިތްވަރު ދެމުންނެވެ. އެމްޑީޕީގެ އެތެރޭގައި ހުންނަވައިގެން އެހެން ކެންޑިޑޭޓުން އެންޑޯޒު ކުރައްވައި ފެއިލް ކޮށްލުމަށް ވެސް މަސައްކަތްޕުޅު ކުރައްވަފާނެ ކަމަށް ބައެއް މީހުން ދެކެ އެވެ.

އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ އެންމެ ސީނިއާ އެއް މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނެއް ކަމަށްވާ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) "މިހާރު" އަށް ވިދާޅުވި ގޮތުގައި، އެމްޑީޕީން ދާނެ ކަމަށް ބެލެވެނީ ވަރަށް ޒާތީ ހަސަދަވެރި މަދު ބައެކެވެ.

އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ)--ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ)--ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރާ އެމްޑީޕީގެ މެންބަރުން އެއްކޮށް އެހެން ދިމާލަކަށް ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބިގޭ ވިދާޅުވި އެވެ. ކެމްޕެއިނާއި އިންތިހާބުގެ ތެރޭގައި ބައެއް އެއްޗެހި ބުނެވުނަސް މިހާރު ޕާޓީ އަލުން އެކަތިގަނޑަކަށް ވާނެ އެވެ. ރިޔާސީ އިންތިހާބުގައި އެ ހުރިހާ ވޯޓެއް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ 5،000 ވޯޓު މަދުވެގެން ހަތް އަހަރު މަގުމަތިވުމުގައި ލިބުނު އަނިޔާވެރިކަން ތަހަންމަލު ކޮށްފި. އެމްޑީޕީއަކީ ޑިމޮކްރެޓިކް ހެޔޮ ވިސްނޭ ބޭފުޅުން ތިއްބަވާ ޕާޓީއެއް. ގައުމު އަނެއްކާ އެ އަނދަވަޅަށް ވައްޓާލާނީތޯ ނޫންތޯ ވިސްނާނެ،" ބިގޭ ވިދާޅުވި އެވެ.

ބިގޭ ވިދާޅުވި ގޮތުގައި އޭނާ ވަނީ ނަޝީދާއެކު ކުޑައިރުން ފެށިގެން އެކުގައި ސިޔާސީ ހުރިހާ މަރުހަލާއެއްގައި އެކީގައި މަސައްކަތް ކުރައްވައިފަ އެވެ. އޭނާ ދަންނަ ނަޝީދެއް އެމްޑީޕީގެ ޕްލެޓްފޯމް ދޫނުކުރައްވާނެ ކަމަށް ބިގޭ ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު: އެމްޑީޕީގައި މިހާރު ބާރެއް ނެތް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ކުރީގެ ރައީސް ނަޝީދު: އެމްޑީޕީގައި މިހާރު ބާރެއް ނެތް.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޕާޓީގެ ތެރެއިން މިހާ ހިސާބަށް އައިސް މި ވަގުތު ރައީސްގެ މަގާމުގައި ވެސް ހުންނެވުމަށް ފަހު ޕްލެޓްފޯމް ދޫކޯށްލައިފި ނަމަ ވާނެ ގޮތް މައުމޫންގެ ފަރާތްޕުޅުން ފެންނަ ކަމަށް ބިގޭ ވިދާޅުވި އެވެ.

"ތިރީސް އަހަރު ވެރިކަން ކުރައްވާފައި ރައީސް މައުމޫން ޑީއާރުޕީ އާއި ޕީޕީއެމްއާ ގުޅުން ކެނޑި އާ ޕާޓީއެއް ހައްދަވައިގެން ނުކުތީ. އަޅުގަނޑަކަށް ނުފެނޭ އެއީ ޕާޓީއެއް ގޮތުގައި. ނަޝީދު އެހެން ނަހައްދަވާނެ،" ބިގޭ ވިދާޅުވި އެވެ.

ނަޝީދު ޕާޓީން އެކަހެރިވެވަޑައިގެންފި ނަމަ އެއީ އަމިއްލަ ސިޔާސީ ކެރިއާ ނިމިގެން ދޫކޮށްލައްވަނީ -- ބިގޭ

އެމްޑީޕީ ދޫކޮށް ނުލުމަކީ އެ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ވެސް ކުރުން ކަމަށް ބިގޭ ވިދާޅުވި އެވެ. އެކަން ނުކުރައްވައިފި ނަމަ އެ މަނިކުފާނު އަމިއްލަ އަށް ސީޔާސީ ކެރިއާ ދޫކޮށްލައްވަނީ ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީ ދޫކޮށްލާފައި ޕާޓީގެ ފައުންޑާ އެންމެ އިސް ބޭފުޅެއް ގޮތަށް ހުންނެވި ލީޑަރަކު އެކަހެރިވެވަޑައިގެންފި ނަމަ އެއީ އެ ބޭފުޅެއްގެ ސިޔާސީ ކެރިއާ ނިމިގެން ދިޔައީ ކަމަށް އަޅުގަނޑު ދެކެނީ. އެއީ ހަމަ ސިކުނޑީގައި ހުންނަވާނެ ކަމަކަށް އަޅުގަނޑު ނުދެކެން،" ބިގޭ ވިދާޅުވި އެވެ.

ގެއަށް ވަޑައިގަނެވޭކަށް ނެތް، ޕާޓީން ފުރުސަތެއް ނެތް!

ޕްރައިމަރީން ބަލިވެއްޖެ ނަމަ ހަދާނެ ގޮތަކާ ބެހޭ ގޮތުން ނޫސްވެރިން ކުރި އެއްވެސް ސުވާލަކަށް ނަޝީދު މިހާތަނަށް ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ "ކިތަންމެ ވަރަކަށް އޮޅުވައިލިޔަސް ބަލިވާ މަންޒަރެއް ނުފެންނަ" ކަމަށެވެ. ނަމަވެސް ކެމްޕެއިނުގެ ތެރެއިން ސަޕޯޓަރަކު އެ ސުވާލު އެހުމުން "ސޯލިހަށް ތާއީދު ނުކޮށް ގޭގައަށް ވަޑައިގަންނަވާނީ" ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ރިޔާސީ ޕްރައިމަރީގެ އިންތިހާބުގެ ކެމްޕެއިން ނިންމާލުމުގެ ފަހު ހަރަކާތުގައި ނަޝީދާއި ސަޕޯޓަރުން މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިއްޔެ ބޭއްވި ރިޔާސީ ޕްރައިމަރީގެ އިންތިހާބުގެ ކެމްޕެއިން ނިންމާލުމުގެ ފަހު ހަރަކާތުގައި ނަޝީދާއި ސަޕޯޓަރުން މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެކަމަކު، ސިޔާސީ ގޮތުން އެ ވަރުގެ ކެލިބާ ހުރި ލީޑަރަކު ގެއަށް ވަޑައިނުގަންނަވާނެ ކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އަދި ނަޝީދަށް އެމްޑީޕީގެ ތެރެއިން ވެރިކަމަށް އާދެވޭނެ އެއްވެސް މަގެއް މިހާރަކު ނެތެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ފުރަތަމަ ރިޔާސީ ޕްރައިމަރީގައި ނަޝީދާ ވާދަ ކުރެއްވި ރީކޯ މޫސާ މަނިކު ވިދާޅުވި ގޮތުގައި އެ ޕާޓީއަކީ މިހާރު 2004-2005 ގައި އޮތް ޕާޓީއެއް ނޫނެވެ. ޕާޓީގެ ތެރޭގައި ޒުވާނުން ގިނަވެ، ކުރިޔަށް ގެންދާ މިސްރާބު ވެސް ބަދަލުވެއްޖެ ކަމަށް މޫސަ ވިދާޅުވި އެވެ.

ޕާޓިގެ ރައީސްގެ މަގާމުގައި ނަޝީދު ހުންނަވާތާ 17 އަހަރު ވެފައިވީ ނަމަވެސް ގައުމުގެ ރިޔާސަތު އެ މަނިކުފާނާ ހަވާލު ކުރަން އެމްޑީޕީން މިހާރު ބޭނުން ނުވާ ކަން ސާފުވެފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ސިޔާސީ ގޮތުން ނަޝީދު ގެންނަން ބޭނުންވާ އެހެން ބަދަލުތަކަށް ވެސް އެމްޑީޕީ މެމްބަރުންގެ މާ ބޮޑު ތާއީދެއް ލިބިވަޑައި ނުގަތް ކަމަށް މޫސަ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ރީކޯ މޫސަ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ރީކޯ މޫސަ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ވާހަކަ ބުނެގެން އަޅުގަނޑު ވެސް ޕާޓީން ކަނޑާލީ. އަދި ޑރ. ޑީޑީ އާއި އަލްހާން ފަހުމީ އަށް ވެސް ކުރިމަތިވީ އެ ކަންތައް. އެހެން ނަމަވެސް ނަޝީދަށް ވެސް މިހާރު ގަބޫލުފުޅު ކުރެވޭނެ މީތި ބަދަލު ވާނެ ކަމަށް. އަޅުގަނޑުމެން އަބަދުވެސް ބުނަމުން އައި ގޮތަށް އެމްޑީޕީގެ ރިޔަސަތު ވެސް ބަދަލުވެގެން ދާނެ ކަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި މޫސަ ވިދާޅުވި އެވެ.

އެކީގައި ނަގާ ފޮޓޯގަނޑު ފެނިދާނެ، އެކަތި ނުކުރެވޭނެ!

ނަން ހާމަ ނުކުރަން އެދިވަޑައިގެން "މިހާރު" އާ ވާހަކަ ދެއްކެވި އެމްޑީޕީގެ އިސް މެންބަރަކު ވިދާޅުވި ގޮތުގައި ނަޝީދު ކޮންމެ ޕްރޮކްސީ އިންތިހާބަކުން ލިބޭ ނާކާމިޔާބީ އަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އަލުން ފޮޓޮއެއް ނަގައި ޕާޓީ އެކަތިގަނޑަކަށް ހަދައި ޕެޗެއް އަޅުއްވާނެ އެވެ.

މި ފަހަރު އެ މަންޒަރު ފެނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށާއި ނަމަވެސް އެ ފުރުސަތު ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ދެއްވި ދައުވަތަކީ އެއީ ހަމަ އެހެން ވިދާޅުވި ވާހަކައެއް ނޫން. ނަޝީދަށް ލިބިވަޑައިގަތް 17،000 ވޯޓުގެ ބޮޑުބައި އަމިއްލަ ޒާތުގައި ރައީސް ކޮޅަށް ދެން އެނބުރޭނެ. އެކަމަކު އިތުރަށް ކަށަވަރު ކުރަން ނަޝީދާ ވެސް މަޝްވަރާ ކުރައްވައި ހަމައަކަށް އަޅުއްވަން މަސައްކަތް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިޒާމީ މައްސަލާގައި އެއްގަލަކަށް އެރުމަށް ފަހު ދެ ބޭފުޅުން ބައްދާލައިގެން--ފޮޓޯ ފަޔާޒު މޫސާ | މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިޒާމީ މައްސަލާގައި އެއްގަލަކަށް އެރުމަށް ފަހު ދެ ބޭފުޅުން ބައްދާލައިގެން--ފޮޓޯ ފަޔާޒު މޫސާ | މިހާރު

މި އިންތިހާބުގައި ނަޝީދަށް ކާމިޔާބު ކުރެވުނު 39 ޕަސެންޓު ބޭނުން ކުރައްވައިގެން އަލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު، ޑީލަކަށް ވަޑައިގަތުމަށް ނަޝީދު މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ރައީސަށް ގެއްލޭނެ މާ ބޮޑު އެއްޗެއް ނެތުމުން ބާގެއިން ކުރެވޭނެ ކަމެއް ނެތެވެ.

ދެން ނަޝީދުގެ މެމްބަރުން ޖައްސަވާ އަނެއް ހިސާބަކީ ރައީސް ފެއިލް ކޮށްލުމަށް ފަހު އިދިކޮޅު ލީޑަރެއްގެ ގޮތުގައި ނަޝީދު އަލުން ފެނުން މައްޗަށް އެރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ ފެކްޝަންގެ ބަހެއް މި ރިޕޯޓަށް ހޯދަން މަސައްކަތް ކުރި ނަމަވެސް އެ ފެކްޝަންގެ ބޭފުޅަކު ފޯނު ނުނަންގަވާތީ ކޮމެންޓެއް ނުލިބުނެވެ.

މިހާ ހިސާބަށް އައިސް ޕާޓީގެ ހުރިހާ ގުނަވަނެއްގެ ބާރު ހޯދުމަށް ފަހު ރިޔާސީ އިންތިހާބުން އެހެން ގޮތަކަށް ނަތީޖާ ނިކުމެއްޖެ ނަމަ އެމްޑީޕީގެ ރައީސްގެ މަގާމް ނުވަތަ ޕާޓީ އިދިކޮޅު ލީޑަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައި ނުނަންގަންވީ ސަބަބެއް ވެސް ނެތް ކަމަށް އެނާ ވިދާޅުވި އެވެ.

ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެން އޮތް މަސައްކަތް އަދި އެ އަށް ވުރެ މާ ބޮޑެވެ. އެއީ އެމްޑީޕީގެ އެންމެ މަގުބޫލް ލީޑަރެއްގެ ގޮތުގައި ދެމި ހުންނެވުމެވެ. އެ ގޮތުގައި ހުންނަވާނީ ހަމައެކަނި ކުރިއަށް އޮތް ހަ މަސް ދުވަސްތޯ ނުވަތަ އިތުރު ދައުރެއް ކާމިޔާބު ކުރައްވާނެ ފޯމިއުލާއެއް ވެސް ނެރުއްވާނެތޯ އެއީ އެއީ ދެން އުފެދޭ ސުވާލެވެެ.