Roadha Mihaaru
"ލިވަޕޫލް އަތުލަން ޔުނައިޓެޑަށް ބަދަލު ގެންނަން ޖެހޭ"

ލިވަޕޫލާއި ސިޓީ އަތުލަން ޔުނައިޓެޑަށް ބަދަލު ގެންނަން ޖެހޭ: ރަންގްނިކް

19 އެޕްރީލް 2022

ލިވަޕޫލް ސިޓީ (އޭޕްރީ 19) - ވާދަވެރި ލިވަޕޫލާއި މެންޗެސްޓާ ސިޓީ އަތުލަން، މެންޗެސްޓާ ޔުނައިޓެޑުން ކުޅުންތެރިން ރެކްރޫޓްކުރާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ޔުނައިޓެޑުގެ ވަގުތީ ކޯޗު ރާފް ރަންގްނިކް ބުނެފި އެވެ.

ލިވަޕޫލް ސިޓީ (އޭޕްރީ 19) - ވާދަވެރި ލިވަޕޫލާއި މެންޗެސްޓާ ސިޓީ އަތުލަން، މެންޗެސްޓާ ޔުނައިޓެޑުން ކުޅުންތެރިން ރެކްރޫޓްކުރާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ޔުނައިޓެޑުގެ ވަގުތީ ކޯޗު ރާފް ރަންގްނިކް ބުނެފި އެވެ.

ޔުނައިޓެޑާއި ލިވަޕޫލް މިރޭ ބައްދަލުކުރާ މެޗު އެންފީްލޑްގައި އޮންނާނެ އެވެ. ޕްރިމިއަ ލީގުގެ ތަށިގައި ޔުނައިޓެޑަށް އަތް ނުލެވޭތާ 10 އަހަރު ވަނީ އެވެ. އަދި 2017 ގެ ފަހުން އެއްވެސް ތައްޓެއް ޔުނައިޓެޑަކަށް ނުހޯދެ އެވެ.

ޔުނައިޓެޑުގެ ކޫރީގެ ކޯޗު އެލެކްސް ފާގަސަން 2013 ގައި ރިޓަޔާ ކުރި ފަހުން ޔުނައިޓެޑަށް ރަނގަޅު ޓްރާންސްފާތަކެއް ނުހެދޭ މައްސަލަ ވަނީ ފާހަގަވެފަ އެވެ.

"އަހަންނަކަށް ހިއެއް ނުވޭ މެންޗެސްޓާ ޔުނައިޓެޑް ކަހަލަ ޓީމަކަށް ކެތްކުރެވޭނެހެނެއް ލިވަޕޫލް އަތުލަން ތިން، ހަތަރު އަހަރު ހޭދަކުރާކަށް. އަހަންނަކަށް ހިއެއް ނުވޭ އެހާ ދިގު މުއްދަތެއް ހޭދަކުރަން ޖެހޭނެ ކަމަކަށް ވެސް،" މިރޭގެ މެޗުގެ ކުރިން ރަންގްނިކް ބުންޏެވެ.

"ޓީމުން ބޭނުންވާ ކަމަކީ ކޮބައިކަން އެނގުނީމަ ޓްރާންސްފާ ވިންޑޯގެ ދޭއް ނުވަތަ ތިން ޕީރިއަޑްތެރޭ އެކަން ހަމަޖެހޭނެ. ހޯދަން އުޅޭ އެއްޗެއް ނޭނގޭ ނަމަ ކިތަންމެ ދުވަހެއް ވިޔަސް އެކަން ހާސިލެއް ނުވާނެ."

ރަންގްނިކް ބުނީ ލިވަޕޫލްގައި އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވުނީ ޓްރާންސްފާ ޕީރިއަޑްގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައި ވުމުން ކަމަށެވެ.

އޭނާ ބުނީ ކްލޮޕް ލިވަޕޫލްގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ޔޫރަޕުގެ މުބާރާތެއް ނުކުޅެ އެ ޓީމުން ދެން ދާން ބޭނުންވާ ޓާގެޓަށް އަމާޒުކޮށް ޓްރާންސްފާގެ ދެ ޕީރިއަޑްގައި ރަނގަޅު ޓްރާންސްފާތަކެއް ހެދި ކަމަށެވެ.

"ލިވަޕޫލުން ޓީމު ބިނާކުރީ ޓްރާންސްފާގެ ދެ ޕީރިއަޑްގެ ތެރޭގައި. އެކަމަކު އޭގެ ފަހުން ކުރިމަތިލި ޓްރާންސްފާތަކުގައި ވެސް އެ ޓީމުން ވަނީ ރަނގަޅު ކުޅުންތެރިން ހޯދާފައި،" ލިވަޕޫލްގެ ޓްރާންސްފާ ޕޮލިސީ އަށް ތައުރީފް ކުރަމުން ރަންގްނިކް ބުންޏެވެ.

ކްލޮޕް ބުނީ ޔުނައިޓެޑް އަތުން ތިން ޕޮއިންޓް ހޯދަން ލިވަޕޫލްގެ ކުޅުންތެރިން ދަހިވެތިކަމާ އެކު މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

"ޔުނައިޓެޑް ބޭނުންވާ ގޮތަށް ކުޅެން ފުރުސަތު ދީފި ނަމަ އެޓީމުން އަހަރެމެންނަށް ވަރަށް ބޮޑަށް އުނދަގޫ ކުރިމަތި ކުރާނެ،" ކްލޮޕް ބުންޏެވެ.

"އަހަރެމެން ތިބެން ޖެހޭނީ ރަނގަޅު މޫޑެއްގައި. އަހަރެމެންނަކީ ޔުނައިޓެޑަށް ވުރެ ވަރުގަދަ ޓީމެއް ކަމަށް ދައްކަން އުޅެގެން މިކަމެއް ނުވާނެ. ބައެއް ފަހަރު އިދިކޮޅު ޓީމަށް ވުރެ ރަނގަޅަށް ކުޅެފައި ވެސް ބަލިވޭ. އެހެންވެ މީހުން ރަނގަޅަށް ކުޅޭ ޓީމަށް ސަމާލުކަން ނުދެނީ. މެޗުން މޮޅުވާން އަހަރެމެން ޖެހޭނީ ދަހިވެތި ކަމާއެކު ކުޅެން."

ލިވަޕޫލާއި ޔުނައިޓެޑްގެ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 12 ޖަހާއިރު އެވެ. މި މެޗު ދިރާގު ޓީވީގެ ޗެނަލް 6 "ނިއޯ ޓީވީން" ވަގުތުން ދައްކާނެ އެވެ.