Roadha Mihaaru
ލިވަޕޫލް ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި

ޔުނައިޓަޑް ބަލިކޮށް، ލިވަޕޫލް ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި

14 މެއި 2021

ލަންޑަން (13 މެއި) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓަޑް އަތުން 4-2 އިން މޮޅުވެ، ލިވަޕޫލް ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި އެވެ.

ލަންޑަން (13 މެއި) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓަޑް އަތުން 4-2 އިން މޮޅުވެ، ލިވަޕޫލް ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި އެވެ.

މި މެޗުން މޮޅުވެ ލިވަޕޫލް ވަނީ 60 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ލީގުގައި އާދިއްތަ ދުވަހު ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅޭ މެޗުން ލިވަޕޫލް މޮޅުވެއްޖެ ނަަމަ، ހަތަރު ވަނައިގައި އޮތް ޗެލްސީއާދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަވާނެ އެވެ. އަދި ތިން ވަނައިގައި އޮތް ލެސްޓާ ސިޓީއާދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަވާނެ އެވެ. ލީގުގައި މި މަހުގެ 18 ވަނަ ދުވަހު ޗެލްސީ އާއި ލެސްޓާ ކުރިމަތިލާއިރު، ލިވަޕޫލަށް މި ވަނީ ގަދަ ހަތަރަކަށް އެރުމުގެ އުންމީދު އާވެފަ އެވެ.

ޔުނައިޓަޑްގެ ދަނޑުގައި ކުޅުނު މެޗުގެ 10 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ލިބުނީ ބްރޫނޯ ފެނާންޑޭސް ފޮނުވާލި ބޯޅައެއް ލިވަޕޫލްގެ ޑިފެންޑަރު ނެޓް ފިލިޕްސްގެ ފައިގައި ޖެހިފައި ގޯލަށް އަމާޒުވުމުންނެވެ.

އެކަމަކު 34 ވަނަ މިނިޓުގައި ލިވަޕޫލްގެ ޑިއޭގޯ ޔޯޓާ ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމެނިކޮށް، ލިވަޕޫލަށް ލީޑު ހޯދައިދިނީ ބްރެޒިލްގެ ފޯވަޑް ފިރްމީނިއޯ އެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ފިރްމީނިއޯ ވަނީ އިތުރު ލަނޑެއް ޖަހައި، ލިވަޕޫލްގެ ލީޑު ފުޅާކޮށްފަ އެވެ.

އެޑިސަން ކަވާނީ ތަނަވަސްކޮށްދިން ފުރުސަތަކުން މާކަސް ރަޝްފޯޑް މެޗުގެ 68 ވަނަ މިނިޓުގައި ލަނޑެއް ޖަހައި ފަރަގު ކުޑަކުރި އެވެ. އެކަމަކު ލިވަޕޫލް ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ ފަހު މިނިޓުގައި މުހައްމަދު ސަލާހް ޖެހި ލަނޑުންނެވެ.

ޔުނައިޓަޑްގެ ދަނޑުގައި ލިވަޕޫލް އެންމެ ފަހުން މޮޅުވީ 2014 ވަނަ އަހަރެވެ. މިއީ ޔުނައިޓަޑްގެ ދަނޑުގައި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕަށް ލިބުނު ފުރަތަމަ މޮޅެވެ. -- އޭއެފްޕީ