Roadha Mihaaru
ފުވައްމުލަކުގައި ސަފާރީތަކުން ފީ ނަގަންފެށުން ފަސްކޮށްފި

ފުވައްމުލަކުގައި ސަފާރީތަކުން ފީ ނަގަން ފެށުން ފަސްކޮށްފި

20 އެޕްރީލް 2022

ފުވައްމުލަކުގު ފަޅުގައި އަޅާ ސަފާރީތަކުން ފީ ނަގަން ފެށުމަށް ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުވައްމުލަކުގު ފަޅުގައި އަޅާ ސަފާރީތަކުން ފީ ނަގަން ފެށުމަށް ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން ނިންމައިފި އެވެ.

އެ ކައުންސިލުން ކުރިން ވަނީ ކޮންމެ ސަފާރީއަކުން ދުވާލަކު 500 ޑޮލަރުގެ ފީއެއް ނަގަން ނިންމައިފަ އެވެ. ނަމަވެސް ފަހުން ވަނީ މި އަދަދު ކުޑަކޮށް މާދަމާ ފީ ނަގަން ފަށަން ނިންމައިފަ އެވެ. އެކަމަކު މިއަދު ބޭއްވޮ ކުއްލި ބައްދަލުވުމެއްގައި ވަނީ ފީ ނަގަން ފެށުން މަޑުޖައްސާލަން ފާސްކޮށްފަ އެވެ.

ފުވައްމުލަކުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ފީގެ ގޮތުގައި މީގެ ކުރިން ނަގަމުން ދިޔައީ 50 ޑޮލަރެވެ. އެކަމަކު މިދިިޔަ ޖެނުއަރީ 12 ގައި ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާއިން ވަނީ އެ ފީ 500 ޑޮލަރަށް ބޮޑުކުރަން ނިންމައި މި މަހުން ފެށިގެން އެ ނިންމުމަށް އަމަލުކުރަން ފާސްކޮށްފަ އެވެ.

އެ ކަންބޮޑުވުންތަކާ ހެދި ކައުންސިލުން ނިންމީ 100 ފޫޓަށް ވުރެ ކުޑަ ސަފާރީތަކުން ދުވާލަކަށް 150 ޑޮލަރު (2،313ރ.) އަދި 100 ފޫޓަށް ވުރެ ދިގު ސަފާރީތަކުން ދުވާލަކަށް 200 ޑޮލަރު (3،084ރ.) ނަގާށެވެ. އެ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ޖަލްސާގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ.

ފުވައްމުލަކު ކައުންސިލްގެ އެ ނިންމުމާ ގުޅިގެން ބޯޓިން އެސޯސިއޭޝަނުން "މިހާރު" އަށް ބުނީ ބޭރުގެ އޮޕަރޭޓަރުން ކައިރީގައި އެއް ދުވަހު އެއް އަގެއް އަދި އަނެއް ދުވަހު އެހެން އަގެއް ކިޔުމުން ވެއްޓެނީ ރާއްޖޭގެ ޓޫރިޒަމްގެ އަގު ކަމަށެވެ.

"މިއީ ވަރަށް ދެރަ ކަންކަން. މި ވަގުތު ތެލުގެ އަގާއި ތަކެތީގެ އަގު ބޮޑުވެފައި ވިޔަސް ބޯޓުތަކުން ދަނީ ކުރިން ކޮންފާމްކޮށްފައި ދަތުރުތައް އިތުރު އަނެއް ނުނަގާ ކުރަމުން،" އެ ޖަމިއްޔާއިން ބުންޏެވެ.

ފުވައްމުލަކު ކައުންސިލުން ކުރިން ބުނީ ސަފާރީތަކުން ނަގާ ފީ ބޮޑުކުރަން ނިންމީ އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ގުޅިގެން އެކަން ހައްލުކުރުމަށް ކުރި މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ. އެ ނިންމުން ނިންމާފައި ވަނީ ކައުންސިލްގެ ހުރިހާ މެމްބަރުންގެ ތާއީދާ އެކު އެވެ.

ފުވައްމުލަކަކީ ރާއްޖޭގައި އެންމެ ގިނައިން ސަފާރީތައް ބަނދަރުކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެެކެވެ. އާންމު ގޮތެއްގައި ދުވާލަކު އެ ރަށުގެ ބަނދަރަށް ހައެއްކަ ސަފާރީ ވަދެ އެވެ. ބައެއް ދުވަސްތަކުގައި ބަނދަރުގެ ޖާގަ ފުރުމުން، ރަށާ ކައިރީގައި ކަނޑުމަތީގައި ވެސް ގިނަ ސަފާރީތައް އޮވެ އެވެ.