Roadha Mihaaru
ފުވައްމުލަކުގެ 65 ޕަސެންޓް ނަންގަވާނީ ރައީސް: މޭޔަރު

ފުވައްމުލަކުގެ 65 ޕަސެންޓް ނަންގަވާނީ ރައީސް: މޭޔަރު

22 ޖެނުއަރީ 2023

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިރީގައި ފުވައްމުލަކުގެ 65 ޕަސެންޓް ނަންގަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް މޭޔަރު އިސްމާއިލް ރަފީގު ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން ފުވައްމުލަކުން އަހުމަދު ހަމްދޫން

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިރީގައި ފުވައްމުލަކުގެ 65 ޕަސެންޓް ނަންގަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް މޭޔަރު އިސްމާއިލް ރަފީގު ރޭ ވިދާޅުވެއްޖެ އެވެ.

ކެމްޕެއިން ދަތުރުފުޅަށް ރައީސް މި ރަށަށް އިއްޔެ ހަވީރު ވަޑައިގެން ބޭއްވި ޖަލްސާ އަށް ފަހު "މިހާރު" އާ ވާހަަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ، މިދިޔަ 30 އަހަރު ވެސް ނުވާ ވަރުގެ ތަރައްގީ މި ސަރުކާރުން ގެނެސްދީފައިވާ ކަމަށެވެ.

"ފުވައްމުލަކަށް މި އަންނަ ތަރައްގީ އާއި ކުރިއެރުން އެބަ ފެނޭ. އަޅުގަނޑުމެންނަށް އިތުބާރު ކުރެވޭ ރައީސަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. އެހެންވީމާ މި ރައީސަށް އެ ފުރުސަތު ދިނުމަކީ ފުވައްމުލަކުގެ ތަރައްގީއަށްޓަކައި ކުރެވޭނެ ވަރަށް މުހިންމު ކަމެއް. މި ޕްރައިމަރީގައި ވޯޓުލެވޭ ހުރިހާ ފަރާތްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ ފުރުސަތު ދޭން އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ސިޓީ ކައުންސިލްގެ މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ނުދީފި ނަމަ ފުވައްމުލަކުގެ ތަރައްގީގެ ކަންކަން ކުރިއަށް ނުދިއުމުގެ ބިރު އެބައޮތް ކަމަށެވެ. މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ފުވައްމުލަކަށް ނިންމާފައިވާ ކަންކަން ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ކުރީގެ އެމްޑީޕީގެ ސަރުކާރުން މި ރަށުގައި ހަދަން ނިންމި ހައުސިން ޔުނިޓްތަކުގެ ތެރެއިން ބައެއް ހައުސިން ޔުނިޓްތައް، ވެރިކަން ބަދަލުވެ، ހުޅުމާލެ އަށް ބަދަލުވެގެން ދިޔަ ތަން ވެސް. އެހެންވީމާ ވެރިކަން ނިމިގެން ދާއިރު ކަންކަން ބަދަލުވުމުގެ ބިރު އެބައޮތް. ވެރިކަމަށް އަންނަ ފަރާތުގެ ވިސްނުން ހުންނަ ގޮތުން ކަންކަން ބަދަލުވުމަކީ ހަމަ އޮތް ބިރެއް، އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ފުވައްމުލަކުގެ މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމާއި ހައުސިން ޔުނިޓްތަކާއި އަދި އެހެނިހެން އެތައް މަސައްކަތަކުގެ އިތުރުން މި ސިޓީގައި އެކިއެކި ކުންފުނިތަކުގެ ކޯލް ސެންޓަރުތަކާއެކު ފަންސާހަކަށް ވަޒީފާ ވަނީ އިތުރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެޗްޑީސީ އާއި މޯލްޑިވިއަން އެއާލައިނާއި އެންސީއައިޓީ އެވެ. އެ ހުރިހާ ކޯލް ސެންޓަރެއްގައި ވެސް ތިބީ ފުވައްމުލަކުގެ މުވައްޒަފުން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނަކީ ވެސް ވިޔަފާރިތައް ފުޅާވާ ވަރަކަށް ވަޒީފާތަކަށް މީހުން ނަގާނެ ތަންތަން. އެހެންވީމާ އިގްތިސާދީ ގޮތުން ބެލިޔަސް އެއީ ރަށަށް ވަންނަ އާމްދަނީ. މި ރަށުގައި ވަރަށް ގިނަ ކަންތައް ފަށައި، ނިންމާފައި ވަނީ. ކުރިއަށް އެބަދޭ ބައިވަރު މަސައްކަތްތައް،" މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މިހާރު އެންމެ ބޮޑު ދައްޗަކީ ފުވައްމުލަކުގެ ބަނދަރުގެ ޖާގަ ކުޑަވުމުގެ މައްސަލަ އެވެ. އެހެންވެ، ބަނދަރު ބޮޑުކުރެވޭނެ ގޮތެއް، އެ ތަނުގެ ފަންނީ ސާވޭގެ މަސައްކަތް ކުރިން ކުރި މީހުން މެދުވެރިކޮށް ބަލާނެ ކަމުގެ ޔަގީންކަން ރައީސް ރޭ ދެއްވި ކަމަށް މޭޔަރު ވިދާޅުވި އެވެ.