Roadha Mihaaru
ރައީސްގެ ގަރާރާ ދެކޮޅުވި ޓީޗަރަކު ސަސްޕެންޑްކޮށްފި

ރައީސްގެ ގަރާރަށް ފާޑުކިޔުމުން އަރަބިއްޔާގެ ޓީޗަރަކު ސަސްޕެންޑް ކޮށްފި

22 އެޕްރީލް 2022

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނެރުއްވި ގަރާރަށް ގޮންޖަހައި، އެ ނިންމެވުމަށް ފާޑުކިޔާފައިވާތީ އަރަބިއްޔާ ސްކޫލުގެ ޓީޗަރަކު އެޑިއުކޭޝަން މިނިސްޓްރީން މަސް ދުވަހަށް މިއަދު ސަސްޕެންޑް ކޮށްފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ނެރުއްވި ގަރާރަށް ގޮންޖަހައި، އެ ނިންމެވުމަށް ފާޑުކިޔާފައިވާތީ އަރަބިއްޔާ ސްކޫލުގެ ޓީޗަރަކު އެޑިއުކޭޝަން މިނިސްޓްރީން މަސް ދުވަހަށް މިއަދު ސަސްޕެންޑް ކޮށްފި އެވެ.

އެ މިނިސްޓްރީން އެ ފިޔަވަޅު އެޅި ޒަމްޒަމް ފާރިޝް އަކީ ސޯޝަލް މީޑިއާގައި ތަފާތު އެކި ކަންކަމަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔަމުންދާ ޓީޗަރެކެވެ.

އޭނާ ސްކޫލަށް ނުކުތުން މަނާކުރިކަން އަންގައި އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ފޮނުވި ލިޔުމުގައި ބުނީ، އިދިކޮޅު ފަރާތްތަކުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ހިތްވަރު ލިބޭ ގޮތަށް ޒަމްޒަމް ފާރިޝްގެ އަމިއްލަ އެކައުންޓުން އިއްޔެގެ ހަވީރު ޓުވީޓް ކޮށްފައިވާ ކަމަށެވެ.

" މި ކަމަކީ ދިވެހި ސިވިލް ސާވިސްގެ ގަވައިދުގައި ބަޔާންކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ދައުރާއި، ޒިންމާތަކާއި އަދި އުޅުމާއި ސުލޫކް ބަހައްޓަން ޖެހޭ ގޮތާއި ކޯޑް އޮފް ކޮންޑަކްޓް ތައާރުޒުވާ ކަމަކަށް ވީ ހިނދު، އަދި މީގެ ކުރިން ވެސް މި ބާވަތުގެ ކަންކަމުގައި ޒަމްޒަމް ފާރިޝް ހާޒިރުކޮށް އިރުޝާދުދީ ނަސޭހަތްތެރިވެފައި ވެ އެވެ،" ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވާފައިވާ ލިޔުމުގައި ވެ އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، ރައީސްގެ ގަރާރަށް ޒަމްޒަމް ފާރިޝް ގޮންޖަހައި ފާޑުކިޔުމަކީ އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކިޔަވައިދޭ ކުދިން އަދި މުޖުތަމައުގެ އެކި މީސްމީހުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތާއި ހަމަނުޖެހުމަށް ހިތްވަރުދޭ، އެ އަށް މަގުފަހިވާ އަމަލެކެވެ.

"...މި ކަންކަން ބަލައި ތަހުގީގު ކުރުމަށް ދިވެހި ސިވިލް ސާވިސްގެ ގަވައިދު 2014 ގެ 258 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަމްބަރާ ހަވާލާދީ، އަލްފާޟިލް ޒަމްޒަމް ފާރިޝް ސަސްޕެންޑް ކުރުމަށް ނިންމައިފީމެވެ،" އެޑިއުކޭޝަން މިނިސްޓްރީން އޭނާ އަށް ފޮނުވި ލިޔުމުގައި ބުންޏެވެ.

ޒަމްޒަމް ފާރިޝް ސަސްޕެންޑްކުރި 30 ދުވަހުގެ މުއްދަތަށް މުސާރަ ވެސް ނުލިބޭނެ ކަމަށް އޭނާ "އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން" ގައި ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރާ ޓްވީޓުގައި ޒަމްޒަމް ފާރިޝް ބުނީ "ދިވެހިރާއްޖޭގެ އަސާސް ކަމުގައިވާ އިސްލާމްދީނާ ދެކޮޅަށް ރިޕޯޓް ނެރެ، މުޅި ދުނިޔޭގައި އެ ދަމަމުން ދުވުމުން ވެސް ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރިމަތި ނުވި ނުރައްކަލެއް، ގާނޫނާ ހިލާފަށް މި ގައުމަށް އަރައި ތިބި އިންޑިއާ ސިފައިން މި ގައުމުން ބާލަން ދަމާލި ފޮތިކޮޅަކާ ހެދި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ގޮތެއް ނުވިސްިގެން މި އުޅެނީ" ކަމަށެވެ.

ރައީސްގެ ގަރާރުގައި ވިދާޅުވެފައި ވަނީ އިންޑިއާއާ ދެކޮޅު ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން އިއްޔެ ރޭ ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ، އެ ގަރާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ، ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށާއި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމަށް ހިންގާ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

"...ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (މ) އިން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، ބަޔާންވެދިޔަ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، މިކަން މި ގޮތުގެ މަތިން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، މި ގަރާރު އެކަށައެެޅީމެވެ،" ރައީސްގެ ގަރާރުގައި ވެ އެވެ.