15 އޮކްޓޯބަރ 2024
ޑޯނިއާ ފްލައިޓް ދުއްވުމުގެ ލައިސަންސް އޮތް ދިވެހި ސިފައިންގެ ޕައިލެޓެއް މި ވަގުތު ހިދުމަތުގައި ނެތް ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޑޯނިއާ ފްލައިޓް ދުއްވުމުގެ ލައިސަންސް އޮތް ދިވެހި ސިފައިންގެ ޕައިލެޓެއް މި ވަގުތު ހިދުމަތުގައި ނެތް ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިދިޔަ ސަރުކާރުގައި އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓް ދުއްވަމުން އައީ އިންޑިއާ ސިފައިންނެވެ. ނަމަވެސް، މިހާރު ވަނީ އެ ސިފައިން ފޮނުވާލައި އިންޑިއާގެ މަދަނީ ބަޔަކު ބޯޓު ދުއްވަން ގެނެސްފަ އެވެ.
ނަމަވެސް 2021 ވަނަ އަހަރުގެ ތެރޭގައި އެމްއެންޑީއެފްގެ ދެ އޮފިސަރަކު ޑޯނިއާ ދުއްވުމަށް ތަމްރީނުކުރި އެވެ. އެއީ ސިފައިންގެ ފަސްޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފާއި ލެފްޓިނެންޓް އަހުމަދު އަލީ އެވެ. އެކަމަކު އެ ޕައިލެޓުންނަށް ޑޯނިއާ ދުއްވުމުގެ ފުރުސަތެއް ނުދެ އެވެ.
އޭގެ ސަބަބު ހޯދަން "މިހާރު" ގެ ފަރާތުން ޑިފެންސް މިނިސްޓްރީ އަށް ހުށަހެޅުމުން ޖަވާބު ދޭން ފުރަތަމަ އިންކާރުކުރި އެވެ. މައުލޫމާތު ހާމަކުރަން އެ މިނިސްޓްރީ އަށް ދިން މުއްދަތުގައި އެކަން ނުކޮށް، މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް، އެކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މައްސަލަ އަނބުރާ ނެގުމަށް ޑިފެންސް މިނިސްޓްރީ އަށް އިއްޔެ އަންގަވައިފަ އެވެ.
އެ އެންގުމާ އެކު، ޑިފެންސް މިނިސްޓްރީން މިއަދު ވަނީ "މިހާރު" އާ ޖަވާބުތައް ހިއްސާކޮށްފަ އެވެ.
އެ ޖަވާބުގައި ބުނީ:
- ޑޯނިއާ ކޮންވާޝަން ތަމްރީނު ދިވެހި ސިފައިންގެ ހަތަރު ޕައިލެޓުން ފުރިހަމަކޮށްފައިވޭ.
- އޭގެ ތެރެއިން އެއް ޕައިލެޓަކު އޯގަސްޓް 2022 ގައި އަދި އެހެން ޕައިލެޓަކު އޯގަސްޓް 2023 ގައި ސިފައިންގެ ހިދުމަތުން ވަނީ ވަކިވެފައި.
- އެހެންކަމުން، މި ވަގުތު ސިފައިންގެ ހިދުމަތުގައި ތިބީ ޑޯނިއާ ކޮންވާޝަން ތަމްރީނު ފުރިހަމަ ކޮށްފައިވާ ސިފައިންގެ ދެ ޕައިލެޓުން.
- އެކަމަކު، މި ވަގުތު އެމްއެންޑީއެފްގެ ޕައިލެޓުން ރާއްޖޭގައި އަސްކަރިއްޔާގެ މަތިންދާބޯޓު ދުއްވަމުން ނުދޭ.
އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓް ކުރާ ޑޯނިއާ ފްލައިޓް
ޑިފެންސް މިނިސްޓްރީން ބުނީ މިހާރު ހިދުމަތުގައި ތިބި ސިފައިންގެ ދެ ޕައިލެޓުން ތެރެއިން އެއް ޕައިލެޓްގެ ޑޯނިއާ ރޭޓިން މާޗް 18 މާޗް، 2018 ގައި ހަމަވެފައިވާ ކަމަށެވެ. އަނެއް ޕައިލެޓްގެ ޑޯނިއާ ރޭޓިން މާޗް 25، 2022 އަށް ހަމަވެފައިވާ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް، އެ ޕައިލެޓުންގެ ރޭޓިން ހަމަނުވެ އޮތް މުއްދަތުގައި އަދި އަނެއް ދެ ޕައިލެޓުން ސިފައިންގެ ހިދުމަތުގައި ދެމި ތިބި މުއްދަތުގައި ޑޯނިއާ ދުއްވަން އެ ސިފައިންއާ ހަވާލުނުކުރި ސަބަބެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
މިނިސްޓްރީން ބުނީ އަސްކަރީ މަތިންދާބޯޓް ދުއްވުމުގެ ތަމްރީނުތައް ދިވެހި ސިފައިން މި ވަގަތު އިންޑިއާގައި ފުރިހަމަ ކުރަމުން ނުދާ ކަމަށެވެ. ނަމަވެސް، ބޭރުގެ ބައެއް ފްލައިން ސްކޫލްތަކުގައި ދިވެހި ސިފައިން މި ވަގުތު ޕައިލެޓް ތަމްރީން ފުރިހަމަ ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މައުލޫމާތުތައް ހޯދަން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެންމެ ފުރަތަމަ އެ މިނިސްޓްރީން ނިންމާފައިވަނީ އެއީ ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތެއް ކަމަށް ބުނެ، އެކަން ހާމަ ނުކުރާށެވެ. ނަމަވެސް، އެ ނިންމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ރިވިއު ކުރުމުން ހަތަރު އަޑުއެހުމެއް ބޭއްވުމަށް ފަހު، ނިންމީ އެ މައުލޫމާތުތައް ހާމަކުރަން ޖެހޭ ކަމަށެވެ.
މައުލޫމާތު ހާމަކުރަން މިނިސްޓްރީއަށް ދިން މުއްދަތުގައި އެކަން ނުކޮށް، މިނިސްޓްރީން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް، އެކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު ރައީސް މުއިއްޒު އެ މައްސަލަ އަނބުރާ ނެގުމަށް ޑިފެންސަށް އެންގެވީ އެެވެ.
އެ އެންގުމާ އެއްގޮތަށް އިއްޔެ މައްސަލަ އަނބުރާ ގެންދިޔުމަށް ފަހު، މިއަދު މިނިސްޓްރީން މެއިލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރީ އެވެ.
ހަނިމާދޫ އެއާޕޯޓްގައި އޮޕަރޭޓް ކުރާ ޑޯނިއާގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކަޕްޓަރު ވެސް އިންޑިއާ މީހުން ރާއްޖޭގައި އޮޕަރޭޓް ކުރަމުންދެ އެވެ. އެ އުޅަނދުތަކުގައި ދިވެހި ސިފައިންގެ ނިޝާން ޖަހާފައި ހުރި ނަމަވެސް، މިހާތަނަށް ދިވެހި ސިފައިންގެ ޕައިލެޓަކަށް އެ އުޅަނދުތައް ދުއްވަން ފުރުސަތެއް ނުދެ އެވެ.
އެ އުޅަނދުތައް ދުއްވަން ކުރިން ތިބި އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަނީ
"ސެނަހިޔާގައި ތިބޭ ޑޮކްޓަރުންގެ އަސްކަރީ ރޯލެއް ނެތް"
އުޅަނދުތައް ދުއްވަން އިންޑިއާ ސިވިލިއަނުން ރާއްޖެއަށް!
ޔޫޓީއެފް މައްސަލާގައި ޑިފެންސުން ޔާމީނަށް ރައްދު ދީފި
އިންޑިއާގެ އެހީގެ ސާމާނު ސެނަހިޔާ ހޮސްޕިޓަލަށް
މާރިޔާގެ ވާހަކަ ފަތުރަނީ އޮޅުވާލައިގެން: ޑިފެންސް
ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވުމުން މާރިޔާ ހޫނު ފެނަށް
ސިއްރު އެއްބަސްވުމެއްގައި ސޮއެއް ނުކުރަން: މާރިޔާ
ހެލިކޮޕްޓަރު ޖެއްސީ އިމަޖެންސީ ހާލަތުގައި:ހައި ކޮމިިޝަން