Roadha Mihaaru
ދަރިއަކު ނުލިބިގެން އުޅުނު ހާލު އަމްރިތާ ކިޔައިދީފި

ދަރިއަކު ނުލިބިގެން އުޅެން ޖެހުނު ހާލު އަމްރިތާ ކިޔައިދީފި

23 އެޕްރީލް 2022

ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށް، ކުރިން ވަރަށް ބޮޑަށް ވިދާލި އަމްރިތާ ރާއޯ އާއި އޭނާގެ ފިރިމީހާ އާރްޖޭ އަންމޯލް، ދަރިއަކަށް އެދޭ މިންވަރާއި ކުއްޖަކު ހޯދުމަށް އެމީހުން ކުރި މަސައްކަތް ފުރަތަމަ ފަހަރަށް ކިޔައިދީފި އެވެ.

ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށް، ކުރިން ވަރަށް ބޮޑަށް ވިދާލި އަމްރިތާ ރާއޯ އާއި އޭނާގެ ފިރިމީހާ އާރްޖޭ އަންމޯލް، ދަރިއަކަށް އެދޭ މިންވަރާއި ކުއްޖަކު ހޯދުމަށް އެމީހުން ކުރި މަސައްކަތް ފުރަތަމަ ފަހަރަށް ކިޔައިދީފި އެވެ.

އެ ދެމަފިރިން ހިންގަމުން އަންނަ ޔޫޓިއުބް ޗެނަލް "ކަޕުލް އޮފް ތިންގްސް" ގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ ކުއްޖަކު ހޯދުމަށް ހަތަރު އަހަރު ވަންދެން އެމީހުން ވަރަށް ހާލުގައި އުޅެން ޖެހުނު ކަމަށެވެ. ކުއްޖަކު ހޯދުމަށް އެކި ގޮތްގޮތަށް އެމީހުން މަސައްކަތްކުރި އެވެ. އޭގެ ތެރޭގައި ސަރޮގެސީ އާއި އައިޔޫއައި އަދި އައިވީއެފް ކަހަލަ މެތަޑްތައް ވެސް ހިމެނެ އެވެ.

"ވިވާ"ގެ ތަރި އަމްރިތާ ބުނީ އަންހެނުން ހާއްސަ ޑޮކްޓަރެއް ގާތަށް އެ މީހުން ދާތާ ތިން އަހަރު ވެއްޖެ ކަމަށާއި އެ ޑޮކްޓަރު އެންގީ އައިޔޫއައި ހެދުމަށް ކަމަށެވެ. އެކަމަކު އެގޮތަށް ވެސް ދަރިއަކު ނުލިބިގެން ސަރޮގެސީ ހަދައިގެން ކުއްޖަކު ހޯދަން އުޅުނު ކަމަށް ބުންޏެވެ.

އެ ވާހަކަ ކިޔައިދެމުން އަންމޯލް ބުނީ އެއް ދުވަހު ޑޮކްޓަރު ގުޅާފައި ސަރޮގޭޓް މަންމަ ބަނޑުބޮޑު ވާހަކަ ހިއްސާކުރުމުން އެ މީހުން އުފަލުން ފޮޅުނު ކަމަށެވެ. އެކަމަކު އޭގެ ދެތިން ދުވަހެއް ފަހުން ޚަބަރު ލިބުނު އެ ކުއްޖާ ބައިގެންދިޔަ ކަމަށެވެ.

އެގޮތަށް ވެސް ކާމިޔާބު ނުވުމުން ދެން އެމީހުން ނިންމީ އައިވީއެފް ހަދާށެވެ. އެކަމަކު އެގޮތަށް ވެސް އެކަން ކާމިޔާބެއް ނުވި އެވެ.

އަމްރިތާ އާއި އަންމޯލް އަށް ކުއްޖަކު ލިބެން އުޅޭ އުފާވެރި ޚަބަރު ލިބުނީ 2020 ވަނަ އަހަރު ޗުއްޓީއަކަށް ތައިލެންޑަށް ގޮސް ތިއްބާ އެވެ. އަމްރިތާ ބަލިވެ އިން ޚަބަރުން މުޅި އާއިލާ އަށް އުފާވެރިކަން ލިބުނު ކަމަށް އެމީހުން ބުންޏެެވެ.

އެމީހުންގެ އަލަތު ދަރިފުޅަށް މިދިޔަ އަހަރުގެ ނޮވެމްބަރުގައި އެއް އަހަރު ފުރިފައިވާއިރު، އެ ކުއްޖާ އަށް ދީފައި ނަމަކީ "ވީރް" އެވެ.

އުމުރުން 40 އަހަރުގެ އަމްރިތާ އާއި ރޭޑިއޯ ޖާނަލިސްޓް އަންމޯލް، ކައިވެނިކުރީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ވަރަށް ސިއްރުންނެވެ. އެކަމަކު މި އަހަރުގެ ތެރޭގައި އެމީހުން ވަނީ ފުރަތަމަ ފަހަރަށް ކައިވެނީގެ ފޮޓޯތައް ވެސް އެ ޗެނަލް މެދުވެރިކޮށް އާންމުކޮށްފަ އެވެ.

"އިޝްގް ވިޝްގް" އިން ޝާހިދު ކަޕޫރާ އެކު ބޮލީވުޑަށް ތައާރަފުވި އަމްރިތާ ވަނީ ޝާހްރުކް ޚާނާ އެކު "މޭ ހޫން ނާ" ގައި ވެސް މުހިންމު ރޯލަކުން ފެނިފަ އެވެ.