Roadha Mihaaru
"ގުޑް ނިއުޒް" ދެއްކުން ހުއްޓުވައި ދޭން އެދި ކޯޓަށް

"ގުޑް ނިއުޒް" ދެއްކުން ހުއްޓުވައި ދޭން އެދި ކޯޓަށް ހުށަހަޅައިފި

29 ޑިސެމްބަރ 2019

މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ފިލްމު "ގުޑް ނިއުޒް" އަކީ އާންމުންގެ ތެރޭގައި އައިވީއެފް ހަދައިގެން ދަރިން ހޯދުމާ ބެހޭ ގޮތުން ނުބައި ތަސައްވުރެއް އުފައްދައިދޭނެ ފިލްމެއް ކަމަށް ބުނެ އެ ފިލްމާ ދެކޮޅަށް ކަރުނާޓަކާގެ ޖަމިއްޔާއަކުން ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ފިލްމު "ގުޑް ނިއުޒް" އަކީ އާންމުންގެ ތެރޭގައި އައިވީއެފް ހަދައިގެން ދަރިން ހޯދުމާ ބެހޭ ގޮތުން ނުބައި ތަސައްވުރެއް އުފައްދައިދޭނެ ފިލްމެއް ކަމަށް ބުނެ އެ ފިލްމާ ދެކޮޅަށް ކަރުނާޓަކާގެ ޖަމިއްޔާއަކުން ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ކަރުނާޓަކާގެ މައިސޫރު ސިޓީ އަށް ނިސްބަތްވާ ޖަމިއްޔާ "ޔޭސް ޓްރަސްޓް" އިން ކަރްނާޓާނަކާ ހައި ކޯޓަށް މިދިޔަ ހުކުރު ދުވަހު ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ފިލްމު ދެއްކުން ހުއްޓުވައި ދިނުމަށެވެ. އެ މައްސަލައިގައި ބުނީ "ގުޑް ނިއުޒް" ގެ ޕްލޮޓަކީ މީހުންނަށް އޮޅުން އަރާ ގޮތަށް ހަދާފައިވާ ފިލްމެއް ކަމަށެވެ.

ރާޖް މެހެތާ ޑައިރެކްޓް ކޮށްފައިވާ އެ ފިލްމުގައި ކިޔައި ދެނީ އައިވީއެފް ހަދައިގެން ދަރިން ހޯދަން އުޅޭ ދެމަފިރިއެއްގެ ދަރިފަނި އެހެން ދެމަފިރިއެއްގެ ދަރިފަންޏާ އޮޅުންބޮޅުން ވެގެން ހިނގާ ހާދިސާތަކެކެވެ.

މިކަމަށް އިޝާރާތްކޮށް، "ޔެސް ޓްރަސްޓް" ގެ ރައީސް މީރް ސަމީމް ރަޒާ ބުނީ "ގުޑް ނިއުޒް" އަކީ ބަލައިގަނެވޭނެ ފިލްމެއް ނޫން ކަމަށެވެ.

"އޭގައި ދައްކުވައިދޭ ގޮތުން އައިފީއެވް ހެދުމަކީ ދަރިފަނި އޮޅުންބޮޅުން ވާނެ ކަމެއް. އެހެންވީމާ މި ކަމަކީ އައިވީއެފްގެ އެހީގައި ދަރިން ހޯދުމާ ގުޅޭ ގޮތުން އާންމުންގެ ތެރޭގައި ނުބައި ތަސައްވުރެއް އުފެދި، އެ ޕްރޮސީޖާތައް ކުރިއަށް ގެންދާ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް މީހުން ކުރާ އިތުބާރު ވެސް ގެއްލޭނެ ކަމެއް،" އޭނާ ބުންޏެވެ.

"ފިލްމުން ހަގީގަތުގައި ދޭ މެސެޖަކީ އައިވީއެފް ހެދުމަކީ އޮޅުންބޮޅުން ގަނޑަކަށް ވެދާނެ ކަމެއް ކަން."

މީރް ވަނީ މިފަދަ ޕްލޮޓެއް އޮތް ފިލްމެއް ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) އިން ފާސްކޮށް ދީފައިވާތީ އެތަނުގެ ނިންމުމާ ދޭތެރޭ ވެސް ސުވާލު އުފައްދައިފަ އެވެ.

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން ގުޑް ނިއުޒް" ގެ ތަރިންނަކީ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރާއި ދިލްޖީތު ދޮސަންޖާއި ކިއާރާ އަދުވާނީ އެވެ.